އަބްދުﷲ ޝާހިދު ބްރޫނާއީގެ ފޮރިން މިނިސްޓަރާ ބައްދަލުކުރައްވައިފި

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިހާރު ބްރޫނާއީ ދާރުއްސަލާމަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެގައުމުގެ މިނިސްޓަ އޮފް ފޮރިން އެފެއާޒް 2 ދާތޯ ސެރީ ސެތިއާ ހާޖީ އެރިވަން ބިން ޕެހިން ދާތޫ ޕެކަރްމާ ޖާޔާ ހާޖީ މުހައްމަދު ޔޫސުފާ މިއަދު ހެނދުނު ބައްދަލުކުރައްވައިފިއެވެ.
ބަންދަރްސެރީ ބެގަވާންގައި އޮތް މި ބައްދަލުކުރެއްވުމުގައި ދެގައުމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމާ ބެހޭ ގޮތުންނާއި ދެގައުމުގެ ހާރިޖިއްޔާގެ މެދުގައި ގުޅުން ހަރުދަނާކުރުމާ ބެހޭ ގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވި ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދެއެވެ.
މިނިސްޓަރު ޝާހިދުގެ ވާހަކަފުޅުގައި ބްރޫނާއީ ސަރުކާރުން ރާއްޖެއަށް ދެއްވާ ސްކޮލަޝިޕްތަކަށް ޝުކުރު އަދާކުރައްވައި، އިތުރު ސްކޮލަޝިޕްގެ ފުރުސަތުތައް ދިވެހި ދަރިވަރުންނަށް ހޯދުމާއި ބެހޭ ގޮތުން މަޝްވަރާކުރެއްވި ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދެއެވެ.
ފޮރިން މިނިސްޓްރީން ބުނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ތައުލީމުގެ ފުރުސަތުތައް ހޯދައިދެއްވުމަށް ދިވެހި ސަރުކާރުން ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެއްވާކަމަށް ވިދާޅުވެ، އިޖްތިމާއީ ތަރައްގީއަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތްތަކުގެ މައުލޫމާތު ބްރޫނާއީގެ ވަޒީރާ މިނިސްޓަރު ޝާހިދު ހިއްސާކުރައްވާފައިވާ ކަމަށެވެ.
މީގެ އިތުރުން ރާއްޖޭގައި ކާބޯތަކެތި ހަލާލު ސެޓްފިކެޓަށް ޓެސްޓް ކުރުމަށް ހާއްސަ ލެބޯޓްރީއެއް ގާއިމު ކުރުމަށް ބްރޫނާއީގެ އެހީތެރިކަން ހޯދުމަށް މަޝްވަރާ ކުރެއްވި ކަމަށް ވެސް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ