މީޑިއާގައި އެއް ވާހަކައެއް ތަކުރާރު ނުކުރެވޭނެ ހަމަ އަކީ ކޮބައިކަން ބުނެދޭން މައުމޫންގެ ވަކީލަށް ގާޒީ އަންގަވައިފި

މީޑިއާގައި ތަކުރާރުކޮށް އެއް ވާހަކައެއް ނުދެއްކޭނެ ކަމަށް ބުނާ ހަމަ އަކީ ކޮބައިކަން ބަޔާންކޮށްދިނުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވަކީލް މުހައްމަދު ވަހީދު އިބްރާހިމަށް ގާޒީ މަރްޔަމް ނިހާޔަތު މިއަދު އަންގަވައިފި އެވެ.
މައުމޫން 400 މިލިއަން ޑޮލަރު ދައުލަތުގެ ފައިސާ އިން ނަންގަވާފައިވާ ކަމަށް ބުނެ ނިއު ޔޯކް ޓައިމްސްގައި ޖެހި ރިޕޯޓަކާ ހަވާލާދީ މިއަދު ނޫހުގައި ޝާއިއުކުރި ހަބަރަކާ ގުޅިގެން އެ ނޫހުގެ އެޑިޓަރު އަބްދުއް ލަތީފް އާދަމްގެ މައްޗަށް ކުރާ އަބުރުގެ ދައުވާގެ ޝަރީއަތުގައި ގާޒީ އެކަމަށް އެންގެވީ ޚަބަރަކީ ތާޒާކަމާ އެކު ވަގުތުން ވަގުތަށް ގެނެސްދޭ އެއްޗެއް ކަމަށާއި މާ ކުރީގެ ވާހަކައެއް އަބަދު ތަކުރާރުކޮށް ދެއްކުމަކީ އަބުރު ނަގާލުމުގެ ނިޔަތުގައި ކުރާ ކަމެއްގެ ގޮތުގައި ވިދާޅުވުމުންނެވެ.
މައުމޫން 400 މިލިއަން ޑޮލަރު ނަންގަވާފައިވާ ކަމަށް ބުނާ ނަމަ އެކަން އޮޑިޓް ރިޕޯޓްތަކުން ސާބިތުކޮށްދިނުމަށް އަބްދުއް ލަތީފަށް ފުރުސަތު ދިނުމުގެ ގޮތުން ބޭއްވި ޝަރީއަތުގައި ލަތީފް މިއަދު ވަނީ އެޕްރީލް ،16 2009 ގައި ނެރެފައިވާ އޮޑިޓް ރިޕޯޓްތައް ހުށަހަޅުއްވައިފަ އެވެ.
އެ ރިޕޯޓްތަކުގައި ނިއު ޔޯކް ޓައިމްސްގެ ރިޕޯޓްގައި ހުރި ބައެއް ކަންތައް ފާހަގަކޮށްފައިވެ އެވެ. އަދި 400 މިލިއަން ޑޮލަރު ނެގި ކަމަށް ބުނެފައި އެވަނީ އޮޑިޓް ރިޕޯޓްތައް ހަދާފައި ވަނީ ދެ އަހަރު ދުވަހުގެ ކަންތަކަށް ބެލުމަށް ފަހުގައި ކަމަށް ވެފައި، މައުމޫންގެ 30 އަހަރުގެ ވެރިކަމުގެ ތެރޭގައި އެތައް ސަތޭކަ މިލިއަން ޑޮލަރެއް ނަންގަވާފައިވާނެ ކަމަށް ގަބޫލުކުރެއްވޭތީ ކަމަށް ލަތީފް ވިދާޅުވި އެވެ.
ލަތީފުގެ ބަޔާނަށް ރައްދުދެއްވަމުން މައުމޫންގެ ވަކީލު ވިދާޅުވީ ލަތީފު ޚަބަރު ލިޔެފައި ވަނީ މައުމޫންގެ މަގުބޫލުކަން ބޮޑުވަމުން އަންނާތީ އެކަމާ ދެކޮޅަށް ކަމަށާއި މާ ކުރީގެ ވާހަކަތަކެއް އެހެން ނުދެއްކޭނެ ކަމަށެވެ. އަދި އޮޑިޓް ރިޕޯޓްގައި ބުނާ ވާހަކަތައް ވެސް މިހާތަނަށް އެއްވެސް ބަޔަކަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށާއި އެފަދަ ވާހަކަތަކެއް ތަކުރާރުކޮށް ދައްކާ ނަމަ އެކަން ސާބިތުކޮށްދޭން ޖެހޭނެ ކަމަށް ވެސް ވަހީދު ވިދާޅުވި އެވެ.
ނަމަވެސް ގާޒީ ވަނީ އޮޑިޓް ރިޕޯޓްގައި ބުނާ ވާހަކައެއް ސާބިތުކޮށްދިނުމަކީ އެ ވާހަކައެއް ލިޔުނު މީހެއްގެ ޒިންމާއެއް ކަމަށްވާ ނަމަ އެއީ ކޮން ހަމަޔަކުންކަން ބުނެދިނުމަށް އަންގަވައިފަ އެވެ.
ލަތީފްގެ ވާހަކަ އަށް ލިޔުމުން ޖަވާބު ދިނުމުގެ ފުރުސަތަކަށް ވަހީދު އެދިވަޑައިގަތުމުން ގާޒީ މިއަދު ޝަރީއަތުގެ މަޖިލިސް ނިންމަވާލެއްވީ އެ ފުރުސަތު ދެއްވައި އަދި އޭގެ އިތުރުން ދައުވާ ލިބޭ ފަރާތުން ޖަވާބު ދިނުމަށް އެއް އަޑުއެހުން ބޭއްވުމަށް ފަހު އަޑުއެހުންތައް ނިންމަވާލައްވާނެކަން އިއުލާނުކުރައްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ