"ބޫން ބޫން ލާފައި،" އަދިވެސް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ސަރުކާރު ހިންގާ އެމްޑީޕީ އަށް ގެންދަވާނެ ކަމަށް މިދިޔަ މަހު އެމްޑީޕީ އަށް ސޮއިކުރެއްވި ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ގާނޫނު އިސްލާހުކުރުމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު ހުށަހެޅުއްވި ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ޖަލްސާގެ ރިއާސަތުގައި އިންނެވި އަދި މިހާރު ޑީއާރުޕީ ދޫކުރައްވާފައިވާ ވެލިދޫ ދާއިރާގެ އަލީ މުހައްމަދަށް އިޝާރާތްކުރައްވައި އަލީ ވަހީދު ވިދާޅުވީ "މަނިކުފާނު ވެސް އެމްޑީޕީއާ ގުޅޭނެ ކަމަށް އަޅުގަނޑު އުއްމީދުކުރަން" ކަމަށެވެ.
"އެއީ މަނިކުފާނުމެންގެ އުމުރުން ދުވަސްވެ މިއަދު މި ގައުމު ބޭނުންވަނީ ހެޔޮ ބަދަލުތަކަކަށް އަޅުގަނޑުމެން ފުރުސަތު ދޭން،" މިދިޔަ މަހުގެ 20 ގައި އެމްޑީޕީ އަށް ސޮއިކުރެއްވުމަށް ފަހު މަޖިލީހުގައި ދެއްކެވި ފުރަތަމަ ވާހަކައިގައި އަލީ ވަހީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިދިކޮޅު ޑީއާރުޕީ ދޫކުރައްވައި ސަރުކާރު ހިންގާ އެމްޑީޕީ އަށް ބަދަލުވުމުން ފާޑުކިއުންތައް އަންނާނެ ކަމަށާއި އެ ފާޑު ކިއުންތައް ބަލައިގަތުމުގެ ހަން ބޯކަން ހަށިގަނޑުގައި އެބަހުރި ކަމަށެވެ.
އޭނާ ވިދާޅުވީ 2013 އަދި 2014 ގައި "ރައްޔިތުންގެ ޖީބު މުއްސަނދިވީމަ"، މިހާރު ރާއްޖެ އަށް ގެނެސްފައިވާ ބަދަލު ރަނގަޅު ކަމަށް ރައްޔިތުންގެ ގަބޫލުކުރާނެ ކަމަށެވެ. އަދި އެ ބަދަލު އޭރަށް ނައިސްފި ނަމަ ރައްޔިތުން ނުކުމެ ސަރުކާރު ބަދަލުކުރާނެ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.
"އެހެންވީމަ ހަގީގަތުގައި އަޅުގަނޑުމެން ވިސްނަން އެބަޖެހޭ ގައުމުގެ އިޖުތިމާއީ ފޭރާމާއި ގައުމުގެ އިގުތިސޯދު ފުނޑުފުނޑުވެގެންދާ އިރު އަޅުގަނޑުމެން އަދިވެސް ތިބެންވީތޯ ނަގޫ ފިތިފައި ތިބި ސިޔާސީ ލީޑަރުންގެ ފަހަތަށް ވަދެ މިތާނގައި ހަނގުރާމަކުރަން. ނުވަތަ ބަދަލު އަންނާނެ ކަމުގެ އުއްމީދުގައި އޭރެއްގައި އޮންނަ ދިވެހިރާއްޖޭގެ ރައްޔިތުންގެ ސަރުކާރު ބަދަލުކުރުމަށްޓަކައި، ހެޔޮ ބަދަލުކުރުމަށްޓަކައި އެ ސަރުކާރުގެ ބޭނުންކޮށްގެން ދިވެހި ރައްޔިތުންނަށް ފައިދާ ހުރި މުސްތަގުބަލެއް ހޯދައިދިނުމަށްޓަކައި މަސައްކަތް ކުރަންވީތޯ؟ މިއީ މިއަދު ދުވަސްވެފައި ތިބި މެމްބަރުން ވެސް ވައްބަހުން ހަމަލަ ނުދީ، ޒުވާން މެމްބަރުންނަށް ވައް ބަހުން ހަމަލަ ނުދީ ކުރަންވީ ކަމަކީ،" އަލީ ވަހީދު ވިދާޅުވި އެވެ.
ޑީއާރުޕީގައި ހުންނެވިއިރު ރައީސް މުހައްމަދު ނަޝީދަށާއި ސަރުކާރަށް އެންމެ ބޮޑަށް ބަހުގެ ހަމަލަތައް ދެއްވި ބޭފުޅުންގެ ލިސްޓުގެ އެންމެ ކުރީގައި ހިމެނިވަޑައިގެންނެވި އަލީ ވަހީދު ވިދާޅުވީ ސަރުކާރު ދަމަހައްޓާ ކަމަށްވާ ނަމަ މިއަދު އެކަންކުރަންޖެހޭ ކަމަށެވެ. އަދި ސަރުކާރު ވައްޓާލަން އުޅޭ ނަމަ "ކެރިގެން ވައްޓާލަން"ޖެހޭ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.
އިދިކޮޅު ފަރާތްތަކަށް ރައްދުދެއްވައި އަލީ ވަހީދު ވިދާޅުވީ އެކިއެކި ފެކްޝަންތަކުގެ ހަނގުރާމައަކުން ސަރުކާރު ވައްޓައި ނުލެވޭނެ ކަމަށެވެ. އަދި އަލީ ވަހީދު ވަނީ އޭނާގެ ސިޔާސީ ހަޔާތުގެ ބިންގާ އެޅި ޑީއާރުޕީ އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.
"އަޅުގަނޑު މި ދަންނަވަނީ އަޅުގަނޑު ހިތާމަކުރަމޭ އިދިކޮޅު ޕާޓީއެއް މި މަޖިލީހުގައި ނެތީމަ،" އަލީ ވަހީދު ވިދާޅުވި އެވެ.
އޭނާގެ ބަހުގެ ހަމަލަތަކާ ގުޅިގެން މަހުލޫފު ވަނީ ނިޒާމީ މައްސަލައެއްގައި އަލީ ވަހީދަކީ "ބޫން ބޫން" ކަމަށް ވިދާޅުވެފަ އެވެ.
މަހުލޫފުގެ އެ ވިދާޅުވުމަށް ރައްދު ދެއްވައި އަލީ ވަހީދު ވިދާޅުވީ "އަޅުގަނޑުމެން ބޫން ބޫން ޖަހާފައި މި ސަރުކާރު މެކުހަށް ޖަހާނެ ކަމަކީ މިއަދު މި މަޖިލީހުގެ އިދިކޮޅު ހުރިހާ މެމްބަރުންނަށް އެނގޭ ހަގީގަތެއް" ކަމަށެވެ.
"އަޅުގަނޑުމެންނަށް ނެތް މާޒީގައި ފިތިގެން ތިބެވޭކަށެއް. އަޅުގަނޑުމެން ބަލަންވީކީ މާދަމާ މި ރާއްޖޭގައި ވެރިކަންކުރާނެ މީހަކަށް ނޫން. ދިވެހިރާއްޖޭގެ ޒުވާން ޖީލު ހަލާކުވެގެން މިދަނީ ކަސްތޮޅުގެ ތެރޭގައި. މަސްތުވާތަކެތީގައި، ގޭންގް ކުށްތަކުގައި. މިކަމަށްޓަކައި އަޅުގަނޑުމެން މިތާ އައިސް ޖަދަލުކުރުމުން ހައްލެއް ނެތޭ އިނގޭތޯ،" އޭނާ ވިދާޅުވި އެވެ.
"ގަލޮޅު ދެކުނު ދާއިރާގެ އިއްޒަތްތެރި މެމްބަރު ކިޔާ ފާޑަކަށް އަޅުގަނޑުގެ އެއްވެސް ބަދު ބަހެއް ނެތް. އެ މަނިކުފާނު ވަރަށް ގިނަ ފާޑުތައް މިދިޔަ ދެ ހަފުތާގައި ކިޔުއްވި. ކޮރަޕްޝަންގެ ތުހުމަތު ވެސް ކުރެއްވި. އަޅުގަނޑު މިހިރީ ހަމަ ދާން ތައްޔާރަށް. އެންމެ ފުރަތަމަ އުމަރު ނަސީރު ޑީއާރުޕީ އަށް އައި ކޮރަޕްޝަންތައް ބަލަންވީ. އަދި ޒެޑް ޑީއާރުޕީ އަށް މަހުލޫފު ވަޑައިގެންނެވި ކޮރަޕްޝަން ވެސް ބައްލަވަންވީ. މި ވާހަކަ ދައްކައިގެން ސަލާމަތްވާނެ އެކަކު ވެސް ހިއެއްނުވޭ ހުރި ހެނެއް،" އަލީ ވަހީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދިވެހި ގައުމަށްޓަކައި ސަރުކާރަށް ފުރުސަތު ދޭންޖެހޭ ކަމަށާއި ސަރުކާރަށް ކަންކަން ނުކުރެވިއްޖެ ނަމަ ރައްޔިތުން ސަރުކާރު ބަދަލުކުރާނެ ކަމަށެވެ.
އަލީ ވަހީދު ވިދާޅުވީ ޓެކްސް ނެގުމުގެ ގާނޫނުތަކާއި ވިޔަފާރިއާ ގުޅޭ ގާނޫނުތައް މަޖިލީހުން ފާސްކުރާނެ ކަމަށާއި 2014 އަކީ ރާއްޖޭގެ ބައިތުލްމާލު މުއްސަނދިވާނެ އަހަރަކަށް ހަދާނެ ކަމަށެވެ.
"އެ އުއްމީދުގައި އަޅުގަނޑުމެން އެމްޑީޕީ މެކުހަށް ޖަހާފައި މި އޮތީ. އެ އުއްމީދު ރަނގަޅުވެއްޖިއްޔާމު އެމްޑީޕީ ސަރުކާރު އޮންނާނެ. ފޭލް ވެއްޖިއްޔާ އެމްޑީޕީ ސަރުކާރު ބަދަލުކުރާނެ. ލަކުމް ދީނުކުމް ވަލިޔަދީން،" އަލީ ވަހީދު ވިދާޅުވި އެވެ.
ބޫން ބޫން ލާފައި އަދިވެސް މެމްބަރުން އެމްޑީޕީ ސަރުކާރާ ގުޅުވާނަން: އަލީ ވަހީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ