މައުމޫން އުފައްދަވަން އުޅުއްވާ ޕާޓީ އަށް ފަހަރެއްގައި ހުކުރު ހަމަވެދާނެ: ޕްރެސް ސެކްރެޓަރީ

ކުރީގެ ރައީސް އަދި ޑީއާރުޕީގެ ޒައީމް އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމް އިސްވެ ހުންނަވައިގެން އުފައްދަވާ ޕާޓީ އަކީ ސިޔާސީ ގޮތުން ބުރަދަން ހުރި ޕާޓީ އަކަށް ވާނެ ކަމަށް މިހާތަނަށް ފެނިވަޑައިނުގަންނަވާ ކަމަށާއި އެ މީހުން އުންމީދުކުރާ ވަރަށް ޕާޓީ އަށް މީހުން ނުވަންނާނެ ކަމަށް ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހަންމަދު ޒުހައިރު ވިދާޅުވެއްޖެ އެވެ.
"ފަހަރެއްގައި ހުކުރު ހަމަވެދާނެ،" މާލާމާތަކަށް ޒުހެއިރު ވިދާޅުވި އެވެ. "ނަމަވެސް އަޅުގަނޑު ނުދަންނަވާނަން ސިޔާސީ ބާރުވެރިކަން އޮތް ޕާޓީއަކަށް ވާވަރުގެ މެމްބަޝިޕެއް ހަމަކުރެވިދާނެ ކަމަކަށް."
ރައީސް އޮފީހުގައި ބޭއްވި ނިއުސް ކޮންފަރެންސެއްގައި ޒުހައިރު ވިދާޅުވީ "އެ މަނިކުފާނު [މައުމޫން] އެ ހީފުޅުކުރައްވާހާ ގިނަ މީހުންތަކެއް [އާ ޕާޓީ] ހަމައެއް ނުވާނެ" ކަމަށާއި "އަޅުގަނޑު ދެކޭ ގޮތުގައި އެ މަނިކުފާނު އެދިވަޑައިގަންނަވާ ވަރުގެ ތާއީދެއް ވެސް މިހާރަކުއެއް ނެތް،" ކަމަށެވެ.
ޒުހައިރު ވިދާޅުވީ ޑީއާރުޕީ އަކީ އެންމެ ބޮޑު ވާދަވެރި ޕާޓީ ކަމަށް ވާއިރު އެ ޕާޓީން މެމްބަރުންތަކެއް ކެނޑިގެން ދާންޖެހޭ ސަބަބެއް ނުވިސްނޭ ކަމަށެވެ.
"އެހެންވީމަ ޑީއާރުޕީން ވެސް މާ ގިނަ ބޭފުޅުންތަކެއް ކެނޑިވަޑައިގެންފާނެ ކަމަކަށް އަޅުގަނޑަކަށް ނުވިސްނޭ. އެއްވެސް [ޑީއާރުޕީ] ކައުންސިލަކުން އެއްވެސް ބޭފުޅަކު އެއްވެސް ސަބަބަކާ ހެދި ޑީއާރުޕީން ވަކިވެއްޖެނަމަ ކައުންސިލްގައި [އެ ބޭފުޅަކަށް] ގޮނޑިއެއް ނުހުންނާނެ. އެއީ ގަވާއިދު އޮތްގޮތް. ދެން އޭގައި ޝަހުސީ ބައެއް ކަންތައް ހުރި ބޭފުޅުން، ޒާތީ ބައެއް ކަންތައް ހުރި ބޭފުޅުން ވަޑައިގަތަސް ވެސް، އަޅުގަނޑު ނުދަންނަވާނަން އެ އުއްމީދުކުރާ ވަރުގެ ބައިވަރު ބަޔަކު ހަމަވެދާނެ ކަމަކަށް ވެސް. އަދި އެ އުއްމީދުކުރާ ވަރަށް ތާއީދު އޮތް ކަމަކަށް ވެސް. މިހާރު މީޑިއާގައި އެ ބޭފުޅުން އެ ހާމަކުރައްވާ ވަރަށް ތާއީދު އޮތް ކަމަކަށް ވެސް އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ،" ޒުހައިރު ވިދާޅުވި އެވެ.
ޒުހައިރު ވިދާޅުވީ "ބްރޯޑާ ކޯލިޝަން" އެއްގެ ތެރެއިން 2013 ގެ އިންތިހާބުގައި ވާދަކޮށް އިންތިހާބު ކާމިޔާބު ކުރާނެ ކަމަށް އާ ޕާޓީ އުފައްދާ އިސްބޭފުޅުން ވިދާޅުވި ނަމަވެސް ކޯލިޝަންގެ ތަޖުރިބާ އަށް ބަލާއިރު އެކަން އޮންނަނީ ވަކި މުއްދަތަކަށް ކަމަށެވެ.
"ފުރަތަމަ ކަމަކަށް ސިޔާސީ ޕާޓީގެ ގަވާއިދުގައި އެހެރަ ކަންތައްތައް ހަމަކުރައްވައިގެން ޕާޓީ ރަޖިސްޓްރީ ކުރައްވަން ވެސް ދަތިފުޅު ވާނެ ކަމަށޭ އަޅުގަނޑު ދެކެނީ. އެހެންވީމަ ކޯލިޝަންގެ ވާހަކަ އެއީ ފަހުގެ މަރުހަލާއެއް ކަމަށް އަޅުގަނޑު ދެކެނީ،" ޒުހައިރު ވިދާޅުވި އެވެ.
އެކަމަކު އޭނާ ވިދާޅުވީ "މައުމޫނަކީ ދެރަބޭފުޅެއް ކަމަށް" ސަރުކާރުން ނުދެކޭ ކަމަށެވެ.
ޕީއޭގެ ރައީސް އަދި މައުމޫންގެ ކޮއްކޯފުޅު އަބްދުﷲ ޔާމީނަ ގުޅޭ ގޮތުން ޒުހައިރު ވިދާޅުވީ ޔާމީނަކީ ވެސް "ވަރުގަދަ ސިޔާސީ އިސްނެންގެވުންތަކެއް ނަންގަވައިގެން" ސަރުކާރާއި ދައުލަތަށް މުހިންމު މަސައްކަތްތަކެއް ކުރައްވާ ލީޑަރެއް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
"އެހެންވީމަ އެ މަނިކުފާނު ހައްދަވާ ގޮތަކާ މެދު ވެސް ސަރުކާރުގެ ޝައުގުވެރިކަން އޮންނާނެ. އެ އޮންނަ ޝައުގުވެރިކަމަކީ އެއީ އެ ބޭފުޅުން ޝިކާރު ކުރަން އަމާޒު ކުރާ ކަމެއް ކަމަށް އަޅުގަނޑު ނުދަންނަވާނަން،" ޕްރެސް ސެކްރެޓަރީ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ