މައުމޫން ފައުންޑޭޝަނުން ނުވަ ކުއްޖަކަށް ސްކޮލަޝިޕް ހަދިޔާކޮށްފި

ތަފާތު ހަ ރޮނގަކުން މަތީ ތައުލީމު ހާސިލްކުރުމަށް މައުމޫން ފައުންޑޭޝަނުން ނުވަ ކުއްޖަކަށް ސްކޮލަޝިޕް ދީފި އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އުފައްދަވާފައިވާ ފައުންޑޭޝަނުގެ ސްކޮލަޝިޕްތައް ހަވާލުކުރުމަށް މިރޭ ޝީ ބިލްޑިންގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް މައުމޫނުގެ އަތްޕުޅުން ނުވަ ދަރިވަރަކަށް ވަނީ ސްކޮލަޝިޕްގެ ލިޔުން ހަވާލުކުރައްވައިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ބެޗްލާ އޮފް ޖާނަލިޒަމް، ސައިކޮލޮޖީ އެންޑް އިންގްލިޝްގެ ސްކޮލަޝިޕް ލިބުނު މ. ޝޭޑީގްރައުންޑް އިބްރާހިމް މުހައްމަދާއި ގ. ޖިންޖާވިލާ ފަޒްލާ އަހުމަދު ޝަހީމާއި، ބެޗްލާ އިން ކޮމްޕިއުޓާ އެޕްލިކޭޝަންގެ ސްކޮލަޝިޕް ލިބުނު ރ. ކަނދޮޅުދޫ ނޫރަންވިލާ މުހައްމަދު އިޝާން އާއި ބެޗްލާ އޮފް ކޮމާސްގެ ތިން ސްކޮލަޝިޕް ލިބުނު ވިލިމާލޭ ފަރުވެލި އަހުމަދު ފަރްޒާން އާއި މ. ވެރާ އައިމިނަތު ރިފްގާ ތައުފީގާއި ތ. ކިނބިދޫ ހުވަނދުމާގޭ މަރިޔަމް ރިލުވާނާ އެވެ. އަދި ބެޗްލާ އިން ބަޔޯޓެކް، ބަޔޯކެމް އެންޑް ްޖެނެޓިކްސް އިން ސްކޮލަޝިޕް ހޯދި ޏ. ފުވައްމުލަކު މާލެގަން، ބުރެވިމާގޭ އައިމިނަތު ޒުލްފާ އާއި ބެޗްލާ އޮފް ބިޒްނަސް މެނޭޖްމެންޓްއިން ސްކޮލަޝިޕް ހޯދި ށ. މާއުނގޫދޫ ޗާންދަނީމާގޭ އަހުމަދު ހަމަދުގެ އިތުރުން ބެޗްލާ އިން އޮފް ހޮޓެލް މެނޭޖްމެންޓުން ސްކޮލަޝިޕް ހޯދި ބ. ހިތާދޫ ރަނައުރާގޭ މުހައްމަދު ޒިޔާދަށް ވެސް ވަނީ ސްކޮލަޝިޕް ހަވާލުކޮށްފަ އެވެ.
އިންޑިއާގެ ބެންގަލޫރުގެ ގާޑަން ސިޓީ ކޮލެޖުގައި ކިޔެވުމަށް ދިން މި ސްކޮލަޝިޕްތަކަކީ ހަމައެކަނި ޓިއުޝަން ފީ ހިލޭ ސްކޮލަޝިޕްތަކެކެވެ. ސްކޮލަޝިޕް ލިބުނު ދަރިވަރުން ރާއްޖެ އިން ފުރުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ ތެރޭގަ އެވެ.
މައުމޫން ފައުންޑޭޝަނުން ބުނީ ، އެ ސްކޮލަޝިޕްތަކަށް ކުރިމަތިލުމަށް އެދި ހުޅުވާލި ފުރުސަތުގައި 15 ކުއްޖަކު ވާދަކޮށް، 12 ކުއްޖަކު ކޮލިފައިވެފައިވާ ކަމަށެވެ. ނަމަވެސް ކޯހަށް ހޮވާނެ ދަރިވަރުން ކަނޑައެޅުމަށް އެ ފައުންޑޭޝަނުން އެކުލަވާލި ހާއްސަ ޕެނަލުން ހޮވީ އޭގެ ތެރެއިން ނުވަ ކުއްޖަކު ކަމަށް އެ ފައުންޑޭޝަނުން ބުންޏެވެ.
ދަރިވަރުންނާ އިންޓަވިއުކުރި އެ ޕެނަލުގައި ހިމެނިވަޑައިގެންނަވަނީ ޑރ. މުހައްމަދު ހަބީބާއި ޑރ. މުހައްމަދު ސައުދުގެ އިތުރުން އަނީސާ އަހުމަދާއި ހިރިގާ އަހުމަދު ޒާހިރެވެ.
މައުމޫން ފައުންޑޭޝަނުން ބުނީ މިރޭ ދިން ސްކޮލަޝިޕްތަކަކީ މަތީ ތައުލީމު ހާސިލް ކުރުމަށް މިދިޔަ އަހަރު އެ ޖަމިއްޔާ އިން އިންޑިއާއަށް ފޮނުވި ހަތަރު ކުދިންގެ ނަތީޖާއަށް ބަލައި، ކުރިން ވެސް ފުރުސަތު ދިން ކޮލެޖުން ދިން ސްކޮލަޝިޕްތަކެއް ކަމަށެވެ. އަދި މިރޭ ސްކޮލަޝިޕްތަކަށް ހޮވުނު ދަރިވަރުންގެ ނަތީޖާ ރަނގަޅު ކަމަށްވާ ނަމަ އަންނަ އަހަރު މިއަށް ވުރެ ގިނަ ކޯސްތައް ލިބޭނެ ކަމަށް ވެސް އެ ޖަމިއްޔާއިން ބުންޏެވެ. މައުމޫން ފައުންޑޭޝަނުން މިދިޔަ އަހަރު ސްކޮލަޝިޕް ދީފައިވަނީ ނާސިން އާއި ފިޒިއޮތެރަޕީގެ ރޮނގުންނެވެ.
މިރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ އެމަނިކުފާނު އެންމެ ފަހުން ބަންގްލަދޭޝްގެ ޑާކާއަށް ކުރެއްވި ދަތުރުފުޅުގައި އެ ގައުމުގެ ސައިންސް އެންޑް ޓެކްނޮލޮޖީ ޔުނިވަސިޓިގެ އިސްވެރިންނާ ބައްދަލު ކުރައްވައި، ދިވެހި ޒުވާނުންނަށް މަތީ ތައުލީމުގެ ފުރުސަތު ބޭނުންވާ ވާހަކަ ދަންނަވާފައިވާ ކަމަށެވެ. އަދި އެ ޔުނިވަސިޓީން ދިވެހި ޒުވާނުންނަށް ސްކޮލަޝިޕް ދިނުމަށް މެދު ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ