ރައީސް ޔާމީން އާއި ޕީޕީއެމް ހަވާލުކުރަން ކުރި ހުކުމަށް ސުޕްރީމް ކޯޓުން ތާއީދުކޮށްފި

ވެރިކަން ކުރާ ޕާޓީ "ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް" ގެ ހިންގުން، އެ ޕާޓީގެ މުސްތަޝާރު ކަމުގައިވާ ރައީސް އަބުދުﷲ ޔާމީނާ ހަވާލުކުރުމަށް ސިވިލް ކޯޓުން ކުރި ހުކުމަށް، ސުޕްރީމް ކޯޓުން ވެސް ތާއީދުކޮށްފިއެވެ.
ސިވިލް ކޯޓުން ކުރި ހުކުމާމެދު ހިތްހަމަނުޖެހިގެން، ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފަރާތްޕުޅުން މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފްކުރުމުން، ހައިކޯޓުން ވެސް ވަނީ ސިވިލް ކޯޓުގެ ހުކުމަށް ތާއީދުކޮށްފައެވެ.
މި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރުމުން، އެ ކޯޓުން މިއަދުކުރި ހުކުމުގައި ވަނީ ޤާނޫނުގައިވާ ގޮތުގެމަތިން އުފެދި، ހިނގަމުންދާ ސިޔާސީ ޕާޓީއެއްގެ މަޤްޞަދުތައް ޙާޞިލްކުރުމަށްޓަކައި ހިންގަންޖެހޭ ސިޔާސީ ޙަރަކާތްތައް ޤާނޫނާ ޚިލާފަށް ހުއްޓިފައި އޮތުމަކީ، އެއްވެސް ފަރާތެއްގެ މަޞްލަޙަތު އެކަމުގައި އޮތް ކަމެއް ނޫން ކަމަށް ބުނެފައެވެ.
ދިވެހި ދައުލަތުގެ ބައިތުލްމާލުން ޚަރަދުކޮށްގެން ހިންގާ ސިޔާސީ ޕާޓީތަކުގެ ތެރެއިން އެއްވެސް ސިޔާސީ ޕާޓީއެއްގެ މަސައްކަތްތައް ހުއްޓުވާފައި ބޭއްވުމަކީ ޤާނޫނުއަސާސީ ހުއްދަކުރާ ކަމެއްނޫންކަން ރަނގަޅަށް އެނގޭ ކަމަށްވެސް، ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނެފައިވެއެވެ.
އަދި ހައި ކޯޓުން ތާއިދުކޮށްފައިވާ ހުކުމަށް ބަދަލު ގެންނަންޖެހޭ ޝަރުއީ އަދި ޤާނޫނީ އެއްވެސް ސަބަބެއް ނެތް ކަމަށް، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ނިންމާ ކަމަށް، އެ ހުކުމުގައި ބުނެފައިވެއެވެ.
މި މައްސަލަ ސިވިލް ކޯޓަށް ހުށައެޅުއްވީ، ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމްގެ ދެ މެމްބަރުން ކަމަށްވާ، ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމާއި ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދުއެވެ.
ސިވިލް ކޯޓުން މި މައްސަލައިގައި ކޮށްފައިވާ ހުކުމުގައި ބުނެފައިވަނީ، ޕީޕީއެމް ހިންގުމާ ބެހޭގޮތުން އެ ޕާޓީގެ ކައުންސިލުން ވަކި ގޮތަކަށް ކަނޑައަޅަންދެން ޕާޓީ ހިންގުމުގެ އެންމެހާ ޒިންމާ އުފުލަން ޖެހޭ ފަރާތަކީ އެ ޕާޓީގެ މުޝްތަޝާރު ކަމަށް ކަނޑައަޅާ ކަމަށާއި އަދި 24 ގަޑިއިރުގެ ތެރޭގައި ޕީޕީއެމްގެ ކައުންސިލްގެ ރަސްމީ ޖަލްސާއެއް ބޭއްވުމަށް ޕީޕީއެމްގެ މުޝްތަޝާރު (ރައީސް ޔާމީން)ގެ މައްޗަށް އަމުރުކޮށް ހުކުމް ކުރާ ކަމަށެވެ.
ސިވިލް ކޯޓުގެ ހުކުމާއި އެއްގޮތަށް، ރައީސް ޔާމީންގެ ބެއްލެވުމުގެ ދަށުން އެ ޕާޓީގެ، ކައުންސިލް ބައްދަލުވުމެއް ބޭއްވުމަށްފަހު ވަނީ، ނިންމުންތަކެއް ވެސް ނިންމާފައެވެ.
ނަމަވެސް ޕީޕީއެމްގެ ރައީސް މައުމޫން ވަނީ، ރައީސް ޔާމީންގެ ބެއްލެވުމުގެ ދަށުން ބޭއްވި ކައުންސިލް ބައްދަލުވުން ބާތިލުކަމަށް ކަނޑައަޅާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ