އަނިޔާގެ ވާހަކަތައް ދެއްކިޔަނުދީ އޮބަހެއްޓޭނެ ދުވަސް ނިމެން ވަރަށް ގާތްވެއްޖެކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ހުކުމް ތަންފީޒު ކުރަމުންދާ ފަރާތްތަކާއި، ކުށުގެ ތުހުމަތުގައި ހައްޔަރުގައި ތިބޭ މީހުންގެ އިންޓަވިއުތަކާއި ބަޔާންތައް ބްރޯޑްކާސްޓްކުރާ މީޑިއާތަކާއިމެދު ފިޔަވަޅު އަޅާނެކަމުގައި ހޯމް މިނިސްޓްރީންނާއި ބްރޯޑްކާސްޓިންގ ކޮމިޝަނުން ބުނުމާއި ގުޅިގެން އެކަމަށް ރައްދު ދެއްވައި ކުރެއްވި ޓްވީޓެއްގައެވެ.
ޤާސިމް އިބްރާހިމްގެ ޓްވީޓުގައި ގައިދީންނަކީ ކޮބައިތޯ ސުވާލުކުރައްވައި ވިދާޅުވީ، ޤާނޫނު އަސާސީ އާއި ޤާނޫނާއި ޚިލާފަށް، އަދި އިޖުރާއަތްތަކާއިވެސް ޚިލާފަށް، ނުފޫޒު ފޯރުވައި ބާރުގެ ބިރުދައްކައިގެން ހުކުމް ކުރުވައި، ބޮޑެތި އަނިޔާތައް ކުރުވާތީ އެވާހަކަތައް ދެއްކިޔަނުދީ އޮބަހެއްޓޭނެ ދުވަސް ނިމެން ވަރަށް ކައިރިވެއްޖެ ކަމަށެވެ. އަދި ހަޤީޤީ ގައިދީން އެދުވަހުން ފެންނާނެ ކަމުގައިވެސް ޤާސިމް ވަނީ ވިދާޅުވެފައެވެ.
ގާސިމް އިބްރާހިމް މިރޭ ކުރައްވާފައިވާ އެހެން ޓްވީޓެއްގައި، މާތްﷲ ގެ އިރާދަފުޅާއެކު ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އެއް ކެންޑިޑޭޓް ނެރޭނެ ކަމަށާއި، ރިޔާސީ އިންތިޚާބު އެއްބުރުން ކާމިޔާބުވެސް ކުރައްވާނެ ކަމަށްވެސް ވިދާޅުވެފައި ވެއެވެ.
ސަރުކާރުން އިދިކޮޅު ފަރާތްތަކަށް ކުރިމަތިކުރަމުންދާ ހުރަސްތަކަށް އިޝާރާތް ކުރައްވައި ގާސިމް އިބްރާހިމް ވިދާޅުވެފައިވަނީ "ހަމަ ޖެހޭނީ ތެޅިތެޅި ތިބެން" ކަމަށެވެ.
"ﷲ އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން އެއް ކެންޑިޑޭޓް ނެރޭނަން. އަދި ރިޔާސީ އިންތިޚާބު އެއްބުރުން ކާމިޔާބުވެސް ކުރާނަން. ހަމަ ޖެހޭނީ ތެޅިތެޅި ތިބެން، އިންޝާﷲ" ގާސިމްގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް މިމޭރުމުން ވާހަކަފުޅު ދައްކަވާފައި މިވަނީ، އިދިކޮޅު ސިޔާސީ ޕާޓީތައް ރޫޅިއްޖެ ކަމަށާއި، އިދިކޮޅު ޕާޓީތަކުން ރިޔާސީ އިންތިޚާބަށް އެއް ކެންޑިޑޭޓް ނެރުމުގެ ފުރުސަތު ނެތްކަމަށް ދޭހަވާގޮތަށް ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ތަފާތު ވާހަކަތައް ދައްކަމުންގެންދަނިކޮށެވެ.
ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ތަފާތު ވާހަކަތައް ދައްކަމުންގެންދަނީ، އިދިކޮޅު އެންމެބޮޑު ޕާޓީކަމުގައިވާ އެމްޑީޕީން ޕްރައިމެރީ ބޭއްވުމަށް ތައްޔާރުވަމުން ދިއުމާއި، ޖުމްހޫރީ ޕާޓީން އެ ޕާޓީގެ ކޮންގްރެސް ބޭއްވުމަށް ތައްޔާރުވަމުން ދިއުމާ ގުޅުވައިގެންނެވެ.
ހަގީގީ ގައިދީން ވަރަށް އަވަހަށް ފެންނާނެ: ގާސިމް އިބްރާހިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ