ބްރެޒިލްގެ ރައީސް، ބޭރަށް ނުކުމެވަޑައިގަންނަވާއިރު މާސްކް އަޅުއްވަން ކޯޓުން އަމުރުކޮށްފި

ކޮރޯނާވައިރަސް ފެތުރުން ހުއްޓުވަން ކަމާބެހޭ ފަރާތްތަކުން އަންގާ އެންގުންތަކަށް ބޯލެނބުމަށާއި، ސިއްހީ ރައްކާތެރިކަމަށް ކަމާބެހޭ ފަރާތްތަކުން އެކަށައަޅާފައިވާ ގައިޑްލައިނާ އެއްގޮތަށް މާސްކް އަޅުއްވައިގެން އުޅުއްވުމަށް ބްރެޒިލްގެ މަރުކަޒީ ފަނޑިޔާރަކު، ބްރެޒިލްގެ ރައީސް ހައިރް ބޮލްސޮނާރޯގެ މައްޗަށް އަމުރު ކުރައްވައިފިއެވެ.
ފަނޑިޔާރު ރިނާޓޯ ކޮއެލްހޯ ބޮރެއްލީ، ރައީސްގެ މައްޗަށް ކުރެއްވި އަމުރުގައިވަނީ، ވެރިރަށް ބްރެސީލިއާގައި ގެއިން ބޭރަށް ނުކުމެވަޑައިގަންނަވާއިރު ފާސްމާސްކް އަޅުއްވައިގެން ނުކުމެވަޑައި ގަތުމަށެވެ.
ބްރެޒިލްގައި ބަލީގެ ހާލަތު ނުހަނު ގޯސްވެފައިވާއިރު، ރައީސް ހައިރް ބޮލްސޮނާރޯގެ ސަބަބުން އާންމު އެތައް ރައްޔިތުން އެއްތަންވުމަށް މަގުފަހިވެ، ބަލީގެ ނުރައްކަލަށް އެތައް ރައްޔިތުން ހުރަހޮޅެމުންދާ ކަމަށް ފަނޑިޔާރުގެ އަމުރުގައި ވިދާޅުވެފައި ވެއެވެ.
ބަލީގެ ހާލަތު ވަރަށް ގޯސްވެފައި ވީނަމަވެސް، ރައީސް ބޮލްސޮނާރޯ ގެންދަވަނީ ސަޕޯޓަރުންނާއެކު މަގުމައްޗަށް ނުކުމެވަޑައި ގަންނަވަމުންނެވެ. އެކަންވަނީ އާދަޔަކަށް ހައްދަވާފައެވެ.
ބްރެޒިލްގެ ކޮންގްރެސްއާއި އަދި ސުޕްރީމް ކޯޓާ ދެކޮޅަށް މިދިޔަ ހަފްތާތަކުގައި މަގުތަކުގައި ބޭއްވި މުޒާހަރާތަކުގައިވެސް ރައީސް ބޮލްސޮނާރޯވަނީ މާސްކްވެސް ނާޅުއްވައި ބައިވެރިވެވަޑައި ގެންފައެވެ.
އަދި އެއްވުންތައް ބޭއްވި ސަރަހައްދުތަކުގައި ހުރި ކާބޯތަކެތި ވިއްކާ ފިހާރަތަކަށްވެސް ރައީސް ވަޑައިގެންފައިވަނީ މާސްކް ނާޅުއްވައި ހުންނަވައިގެންނެވެ.
ލާމަރުކަޒީ ނިޒާމަށް ވެރިކަންކުރާ ބްރެޒިލްގައި އާންމުން މަގުމައްޗަށް ނުކުމެ އުޅޭއިރު މާސްކް އެޅުމަކީ ލާޒިމް ކަމެއް ކަމަށް ޑިސްޓްރިކްޓްތަކުން ވަނީ ކަނޑައަޅާފައެވެ. އަދި އެއާ ޚިލާފްވާ ކޮންމެ މީހަކު ކޮންމެފަހަރަކު 390 އެމެރިކާ ޑޮލަރުން ގެންދަނީ ޖޫރިމަނާވެސް ކުރަމުންނެވެ.
ބްރެޒިލް މިހާރު ވެފައިވަނީ ދުނިޔޭގައި ދެވަނައަށް އެންމެ ގިނަމީހުންނަށް ބަލިޖެހިފައިވާ ގައުމަށެވެ.
ބްރެޒިލްއިން ޕޮޒިޓިވްވި މީހުންގެ އަދަދު މިލިއަނަކަށްވުރެ މައްޗަށް ގޮސްފައިވާއިރު، ބަލީގައި މިހާތަނަށް ބައި ލައްކައަށްވުރެ ގިނަމީހުންވަނީ މަރުވެފައެވެ.
އެކަމަކު، ފެށުނީއްސުރެ ބްރެޒިލްގެ ރައީސަކީ، ލޮކްޑައުންކޮށް އާންމުން ގޭގައި ބެއިތިއްބުމާއި، އިގްތިސާދީ މަސައްކަތްތައް ހުއްޓާލަން ވަރަށް ބޮޑަށް ދެކޮޅު ބޭފުޅެކެވެ.
ބަލިފެތުރުން ހުއްޓުވަން އަޅުއްވަމުން ގެންދެވި ފިޔަވަޅުތަކާއި އަދި އެ ފިޔަވަޅުތަކަށް ރައީސް އަމަލު ނުކުރައްވާތީ އެކަމަށް ނުރުހުން ވެވަޑައިގަތުމުން ރައީސް ބޮލްސޮނާރޯވަނީ ކުރިން ހުންނެވި ހެލްތު މިނިސްޓަރުވެސް މަގާމުން ވަކި ކުރައްވާފައެވެ. އަދި އޭގެފަހުން ހެލްތު މިނިސްޓަރުގެ މަގާމާ ހަވާލުވެވަޑައިގެންނެވި ފަރާތްވެސް ވަނީ 20 ދުވަސްވެސް ނުވަނީސް އަމިއްލަފުޅަށް އިސްތިއުފާ ދެއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ