މަޖީދިއްޔާ ސްކޫލް ބޭންޑުގެ ކުރީގެ ދަރިވަރުން ޖަމިއްޔާއެއް އިިފްތިތާހުކޮށްފި

މަޖީދިއްޔާ ސްކޫލް ބޭންޑުގެ ކުރީގެ ދަރިވަރުން އިސްނަގައިގެން ޖަމިއްޔާއެއް އުފައްދައި އެ ޖަމިއްޔާ އިފްތިތާހުކޮށްފި އެވެ.
އެސޯސިއޭޝަން އޮފް މަޖީދިއްޔާ ބޭންޑް އެލުމްނައި، (އަންބާ) އިފްތިތާހުކޮށްފައިވަނީ ފާއިތުވި އަހަރުގެ ޑިސެމްބަރު މަހު ކުރީކޮޅުގައެވެ. އަންބާ އިފްތިތާހު ކުރުމަށް ސޯލްޓް ކެފޭގައި ހާއްސަ ރަސްމިއްޔާތެއް ކުރިއަށް ގެންގޮސްފައިވާއިރު، މިރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާފައިވަނީ މަޖީދިއްޔާގެ ބޭންޑް ވުޖޫދަށް އައިއިރު އެ ސްކޫލްގެ ހެޑްމާސްޓަރަކަށް ހުންނެވި ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ އޮނަރަބަލް އުމަރު ޒާހިރުއެވެ.
އަންބާ އިފްތިތާހުކުރުމަށް ބޭއްވި ހަފްލާގައި އެ ޖަމިއްޔާގައި ރަޖިސްޓްރީ ވެފައިވާ ގިނަ މެންބަރުންތަކެއްގެ އިތުރުން ސްކޫލްތަކުގެ ބޭންޑު އިންސްޓްރަކްޓަރުން ބައިވެރިވިއެވެ. މި ހަފްލާގައި ވާހަކަ ދައްކަމުން މި ޖަމިއްޔާގެ ފައުންޑިންގް މެމްބަރެއް ވަނީ ޖަމިއްޔާއާ ގުޅޭ ގޮތުން މައުލޫމާތު ދީފައެވެ. އެ ޖަމިއްޔާގެ މައިގަނޑު މަގްސަދަކީ ޖަމިއްޔާގެ މެމްބަރުންގެ މެދުގައި ގުޅުން ބަދަހިކޮށް ފަންނު ދެމެހެއްޓުމަށް ހަރަކާތްތަކެއް ހިންގުމުގެ އިތުރުން، މަޖީދިއްޔާގެ ބޭންޑާއި ރާއްޖޭގެ އެހެން ސްކޫލްތަކުގެ ބޭންޑްތަކަށް އެހީގެ ފުރުސަތު ހޯދައި، މަގުފަހިކޮށްދިނުމުގެ އިތުރުން ފެންވަރު ރަނގަޅުކުރުމަށް ހަރަކާތް އިންތިޒާމް ކުރުމާއި ބައިނަލްއަގްވާމީ މިންގަނޑުތައް ތައާރަފުކުރުމާއި ބޭންޑް އިންސްޓްރަކްޓަރުން ބިނާކޮށްދިނުމާއި، ރާއްޖެއާއި ރާއްޖޭން ބޭރުގައި ހިންގާ ޕަރފޯމިންގ އާޓްސްގެ ހަރަކާތްތަކުގައި ބައިވެރިވުމެވެ.
މިއަހަރުގެ ފުރަތަމަ ދެމަސް ތެރޭ މި ޖަމިއްޔާގެ އިންތިހާބީ ޖަލްސާ ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. 100 އަށް ވުރެ ގިނަ މެންބަރުން ރަޖިސްޓްރީ ވެފައިވާ މި ޖަމިއްޔާގެ މައި މަރުކަޒަކީ މަޖީދިއްޔާ ސްކޫލެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ