ހަވީރު ނޫހުގެ މައްސަލައިގައި ކުރި ޙުކުމް ބާތިލްކޮށް، އަލުން މައްސަލަ ބަލަނީ

"ހަވީރު" ނޫހުގެ މިލްކުވެރިކަމާއި ގުޅޭގޮތުން 2016 ވަނަ އަހަރު ސިވިލް ކޯޓުން ކުރި ޙުކުމް ބާތިލްކޮށް، އަލުން އެ މައްސަލަ ބެލުމަށް ހައި ކޯޓުން އަމުރުކޮށްފިއެވެ.
ސިވިލް ކޯޓުން ކުރި ހުކުމް އިސްތިއުނާފުކުރުމަށް "ހަވީރު"ގެ ފަރާތުން ހައިކޯޓުގައި އެދިފައިވަނީ އެ ކުންފުނީގެ ވެރިޔާ ޑރ. މުޙައްމަދު ޒާހިރު ހުސައިނެވެ.
ސިވިލް ކޯޓުގެ ހުކުމް ބާތިލްކޮށް، އެ މައްސަލަ އަލުން ބެލުމަށް ހައިކޯޓުން ބުރާސްފަތި ދުވަހު ކުރި ހުކުމްގައި ބުނެފައިވަނީ "ހަވީރު"ގެ ކުރީގެ މުވައްޒަފުން ދެ އަހަރު ވަންދެން އެހެން މީޑިއާއެއްގައި އުޅުން މަނާ ކަމަށް ކަނޑައެޅި ބަޔާއި އެ މުވައްޒަފުން އެހެން މީޑިއާއެއްގައި އުޅޭ ނަމަ އެކަމަށް ފިޔަވަޅު އަޅަން އަންގާފައި އޮތް ބަޔާއި "ހަވީރު"ގެ މުދަލާއި ފައިސާ އާއި ވެބްސައިޓާއި އާކައިކް، "ހަވީރު ނިއުސް އެޖެންސީ"ގެ މެޖޯރިޓީ ހިއްސާދާރުން ކަނޑައަޅާ ފަރާތަކަށް ބަދަލުކުރަން އެންގި އެންގުމާއި "ހަވީރު މީޑިއާ ގްރޫޕް"ގެ ނަން އެހެން ނަމަކަށް ބަދަލުކުރަން އެންގި އެންގުމަކީ ދައުވާގައި އެދިފައި ނެތް ކަންތައްތަކެއް ކަމަށެވެ.
އެހެންކަމުން ދައުވާކުރި ކަންކަމަށް ގޮތެއް ނިންމުމަށްޓަކައި އެ މައްސަލަ ސިވިލް ކޯޓަށް ތަހުވީލް ކުރަން އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުން ކަމަށްވާ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމާއި ފަނޑިޔާރު އަލީ ސަމީރުގެ އިތުރުން ފަނޑިޔާރު މުހައްމަދު ފައިސަލްގެ އިއްތިފާގުން ހައިކޯޓުން ވަނީ ޙުކުމް ކޮށްފައެވެ.
އިބްރާހިމް ރަޝީދު މޫސާ އާއި ފާރޫޤް ޙަސަން އަދި މުޙައްމަދު ނަޢީމްގެ ފަރާތުން ސިވިލް ކޯޓުގައި ދައުވާކުރީ "ހަވީރު ނޫސް އޭޖެންސީ"ގެ އާމްދަނީން އެ 3 މީހުންނަށް ލިބެން ޖެހޭ މިންވަރު ހޯދުމަށާއި އެތަން ހިންގުމުގައި އެ ތިން މީހުންނަށް ބައިވެރިވޭނެ އިންތިޒާމް ހަމަޖެއްސުމަށެވެ.
އެހެން ނަމަވެސް ސިވިލް ކޯޓުން ކުރި ޙުކުމުގައި ވަނީ އެނޫހުގެ ކުރީގެ މުވައްޒަފުން އެހެން މީޑިއާއެއްގައި ދެ އަހަރު ވަންދެން މަސައްކަތް ކުރުން މަނާކޮށް، އެހެން މީޑިއާއެއްގައި މަސައްކަތްކުރާނަމަ، އެކަމަށް ފިޔަވަޅު އެޅުމަށެވެ. އަދި "ހަވީރު"ގެ ހުރިހާ މުދަލާއި ހަވީރު ވެބްސައިޓާއި އާކައިވް "ހަވީރު ނިއުސް އެޖެންސީ"ގެ މެޖޯރިޓީ ހިއްސާދާރުން ކަނޑައަޅާ ގޮތަކަށް ބަދަލު ކުރުމަށާއި "ހަވީރު މީޑިއާ ގްރޫޕް"ގެ ނަން އެހެން ނަމަކަށް ބަދަލުކުރަން ވެސް ދައުލަތުގެ މައްޗަށް އޭރު ސިވިލް ކޯޓުން ވަނީ ޙުކުމް ކޮށްފައެވެ.
ސިވިލް ކޯޓުގެ ހުކުމުގައި "ހަވީރު"ގެ މުވައްޒަފުންނާ ގުޅޭ ގޮތުން ހިމެނޭ ބައި މުވައްޒަފުންގެ ފަރާތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ