ސްކޫލް ކުދިންގެ ނާސްތާއަށް 50 މިލިއަން ރުފިޔާގެ ބަޖެޓެއް

ސްކޫލް ކުދިންގެ ހެނދުނުގެ ނާސްތާ ސަރުކާރުގެ ހަރަދުގައި ހަމަޖެއްސުމަށް، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި 50 މިލިއަން ރުފިޔާ ހިމަނައިފިއެވެ.
އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގެ ގޮތުގުއި ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 29.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅާފައެވެ. އެ ބަޖެޓުގެ ތެރެއިން ސްކޫލް ކުދިންގެ ހެނދުނު ނާސްތާ ދިނުމަށް ބަޖެޓުން 50 މިލިއަން ރުފިޔާ ކަނޑައެޅިއިރު، 2020 ވަނަ އަހަރަށް 264 މިލިއަން ރުފިޔާ ދަރިވަރުންގެ ހެނދުނުގެ ނާސްތާއަށް ހަރަދުވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި، ސްކޫލް ކުދިންގެ ހެނދުނުގެ ނާސްތާއަށް 50 މިލިއަން ރުފިޔާ ހިމަނާފައިވާއިރު، ސަރުކާރު ހަރަދުގައި ސްކޫލް ކުދިންނަށް ހެނދުނުގެ ނާސްތާ ހަމަޖައްސައި ދިނުމަކީ އިންތިހާބީ އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) ގެ ރިޔާސީ ވައުދުފުޅެކެވެ.
އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ދަރިވަރުންގެ ހެނދުނުގެ ނާސްތާއަށް 50 މިލިއަން ރުފިޔާ ހިމަނާފައިވާއިރު، އެ އަދަދު އިބޫގެ ސަރުކާރުން ހުށަހަޅާ ސަޕްލިމެންޓަރީ ބަޖެޓުގައި އިތުރު ކުރާނެ ކަމަށް ބެލެވެއެވެ.
އިބޫގެ ޓްރާންސްސިޝަން ފިނޭންސް ކޮމިޓީން މިއަދު ހާމަކުރި ގޮތުގައި، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި އިބޫގެ ސަރުކާރުން ބޭނުންވާ ހުރިހާ ކަމެއް ހިމެނިފައި ނުވާ ކަމަށާއި، އެހެންކަމުން އަންނަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅާނެއެވެ.
ސްކޫލް ކުދިންގެ ނާސްތާގެ އިތުރުން، އިބޫގެ ރިޔާސީ ވައުދުފުޅެއް ކަމަށްވާ، ސަރުކާރު ހަރަދުގައި ފުރަތަމަ ޑިގްރީއަށް ތައުލީމު ހާސިލު ކުރުމުގެ ފުރުސަތު ހަމަޖައްސައިދެން، އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި 50 މިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ