ސުޕްރީމް ކޯޓުން ދެމެންބަރެއްގެ ގޮނޑި ސަލާމަތްކޮށްދީފި

ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ މުހައްމަދު (އަބުޅޯ) އާއި މައްޗަންގޯޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާން ރައްޔިތުން މަޖިލީހުގެ މެންބަރު ކަމުން ވަކިނުވާ ކަމަށް ސުޕްރީމް ކޯޓުން ޙުކުމް ކޮށްފިއެވެ.
އެބޭފުޅުންގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައި އޮންނަތާ އަހަރަކަށް ވުރެ ގިނަ ދުވަސްވީ ފަހުން ސުޕްރީމް ކޯޓުން މިއަދު ވަކިވަކިން އިއްވި ޙުކުމުގައި ވިދާޅުވީ އަބްދުﷲ އާއި ސިނާން މެންބަރު ކަމުން ވަކިވެއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވީނަމަވެސް އެބޭފުޅުންނަކީ މިދިޔަ އަހަރު ސުޕްރީމް ކޯޓުން ނެރުނު 17 ވަނަ އަމުރުގައި ބަޔާން ކޮށްފައިވާ ކަންކަމަށް ފެތޭ ބޭފުން ނޫން ކަމަށެވެ.
ޤާނޫނު އަސާސީގެ 74 ވަނަ މާއްދާއާއި، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 10 ވަނަ މާއްދާގެ (ހ) އަށް ބަލާއިރު، މިއީ ހަމައެކަނި ސްޕްރީމް ކޯޓަށް ބަލައި ގޮތެއް ކަނޑައެޅޭނެ މައްސަލައެއް ކަމަށާއި، ގޮނޑި ގެއްލިއްޖެ ކަމާމެދު ޚިލާފެއް އުފެދިއްޖެ ޚާލަތެއްގައި މިކަމާމެދު ގޮތެއް ކަނޑައެޅުމުގެ ބާރު ސްޕްރީމް ކޯޓު ފިޔަވައި، ދިވެހި ދައުލަތުގެ އެހެން އެއްވެސް މުއައްސަސާއެއް އަދި އިދާރާއަކަށްވެސް ލިބިގެން ނުވާ ކަމަށް ޙުކުމުގައި ވިދާޅުވިއެވެ.
ޤާނޫނީ ހަމަތަކުން ބަލާއިރު ސިޔާސީ ޕާޓީތަކުގެ ޤާނޫނުގެ 14 ވަނަ މާއްދާގެ (ސ) އިން ބާރު ލިބިފައިވާ، ޕީޕީއެމްގެ އަސާސީ ގަދާއިދުގެ 20 ވަނަ މާއްދާގެ (ހ) އިން ބަޔާންކޮށްފައިވާގޮތަށް 2017 ޖުލައި 10 ވަނަ ދުވަހު މެންބަރުކަމުން ވަކިވުމަށް ޕީޕީއެމް އިން ވަކިވުމަށް ހުށަހެޅި ހިސާބުން މެންބަރުކަމުން ވަކިވެފައިވާ ކަމަށް ބަލަންޖެހޭއިރު، އަލުން ޕާޓީއަށް ވަނުމަށް ކަނޑައެޅިފައިވާ އިޖުރާއަތުތައް ފުރިހަމަ ކޮށްފައި ނުވާކަން އެނގެން އޮތް ކަމަށް ޙުކުމުގައި ވެއެވެ.
ސްޕްރީމް ކޯޓުގެ 17 ނަންބަރު ހުކުމްގެ ފަހުން މެންބަރު ޕާޓީއިން ވަކިކުރަން ނިންމާފައިވަނީ 2017 ޖުލައި 3 ވަނަ ދުވަހު މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ގަރާރުގައި ސޮއިކޮށްގެންކަން އެނގެން އޮންނަ ކަމަށާއި، އެ ތާރީޚަކީ ހުކުމުގެ ކުރީގެ ތާޜީހެއް ކަމަށްވާއިރު އެ ހުކުމް މާޒީއަށް ރުޖޫއަވާގޮތަށް އަމަލު ނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ވިދާޅުވިއެވެ.
ޕާޓީއިން ވަކިވާން އަމިއްލައަށް އެދިފައިވަނިކޮށް، އެކަންކަމަށް ރިއާޔަތް ކުރުމެއްނެތި ސުލޫކީ މައްސަލައެއް ބަލައި ޕާޓީއިން ވަކިކުރުމަށް ނިންމައި އިލެކްޝަންސް ކޮމިޝަނަށް ޕީޕީއެމް އިން އެންގުމުން ޕާޓީގެ ދަފްތަރުން އުނިކޮށް މެންބަރުކަމުން ވަކިވިކަމަށް ކަނޑައަޅާފައިވަނީ ދުސްތޫރީ ހަމަތާ އެއްގޮތަށް ކަމަށް ކަނޑައަޅާނެ ތަނެއް ނެތް ކަމަށް ޙުކުމުގައި ވެއެވެ.
މިއަދު ސުޕްރީމް ކޯޓުން އިތުރު ދެމެންބަރެއްގެ މެންބަރު ކަމާއި މެދު ވެސް ގޮތެއް ނިންމާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ