ދޮޅު ލައްކަ ޑޮލަރު ދައްކަން ހުކުމްކުރީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ހިލާފަށް: މެމްބަރު ނަޝީދު

ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު މީހަކަށް ދޮޅު ލައްކަ ޑޮލަރު ދެއްކުމަށް ސިވިލް ކޯޓުން ހުކުމްކުރީ މުގާބިލެއްނެތި ހުށަހެޅޭ ހުށަހެޅުންތައް ތަންޒީނުކުރެވޭނެ ކަމަށް ބުނާ ހުކުމްތަކާއި، އެނޫންވެސް ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ހިލާފަށް ކަމަށް ނަޝީދު ވިދާޅުވެއްޖެއެވެ.
ސަފާރީއެއް ވިއްކާލުމުގެ މުއާމަލާތެއްގައި އިންޑިއާގެ ރައްޔިތަކަށް 150،000 ޑޮލަރު ދެއްކުމަށް ނަޝީދުގެ މައްޗަށް ސިވިލް ކޯޓުން މިއަދު ވަނީ ހުކުމްކޮށްފައެވެ.
ނަޝީދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އެ ދައުވާއަކީ ދައުވާކުރި ފަރާތާއި ނަޝީދާ ދެމެދު އަހަރުތަކެއް ވަންދެން އޮތް ރަހުމަތްތެރި ކަމެއްގައި އެފަރާތުން ހިންގަން ބޭނުންވި ވިޔަފާރި މުއާމަލާތެއްގައި އޭނާ އެދުނު މިންވަރަށް އެ ވިޔަފާރީގެ މުއާމަލާތުން ފައިސާ ނުލިބޭތީ، އޭގެ ބޭރުން މަދުވާ އަދަދުގެ ފައިސާ ފަހަރުގައި ހަމަޖައްސާނެ ގޮތެއް ހޯދައިދޭންވީ ނަޝީދު ކަމަށްބުނެ، އެ ފަރާތަށް އެހީތެރިވެދިނުމުގެ ގޮތުން ހެޔޮނިޔަތުގައި، މުގާބިލެއްނެތި، އަމިއްލަ އިސްނެގުމުގައި، ހަމައެކަނި ނަޝީދު ލިޔުނު އީމެއިލެއްގެ މައްޗަށް ބިނާކޮށް ކުރި ދައުވާއެއް ކަމަށެވެ.
"އަދި އެއީ އަޅުގަނޑު އެ އީމެއިލްގައި ފާޅުކުރި ހިޔާލަކީ ގާނޫނީގޮތުން ތަންފީޒު ކުރެވިދާނެ ހުށަހެޅުމެއް ނޫން ކަމަށާއި، އެއީ ޒިންމާއެއް އިލްތިޒާމެއް އުފައްދާ ހުށަހެޅުމެއް ވެސް ނޫން ކަމަށާއި، އެ ހުށަހެޅުމަކީ އޯގާތެރިކަމުގައި ހުށަހެޅި އިހްސާންތެރި ހުށަހެޅުމެއް ކަމަށް ބަލައިގަންނަ ކަމަށާއި އެކަމަށް ޝުކުރުވެރިވާ ކަމަށް އޭނާ އަޅުގަނޑަށް އީމެއިލުން ޖަވާބު ދީފައި އޮވެމެ، އަޅުގަނޑުގެ އީމެއިލްގައި ފާޅުކުރި ހިޔާލުތައް ފާޅުކުރި ފަހުން ހިނގައިދިޔަ އެހެން ކަންކަމުގެ ސަބަބުން އަޅުގަނޑު ފާޅުކުރި އެ ހިޔާލު ބާތިލުވެދިޔަ ފަހުން، އޭނާ ކޮށްފައިވާ ގާނޫނީ ހަމައެއް ނެތް ދައުވާއެކެވެ..،" ނަޝީދު ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވެއެވެ.
ނަޝީދު ވިދާޅުވީ އެއީ އެއްގޮތަކަށް ވެސް މީހެއްގެ އަތުން އޭނާ ގަތް މުދަލަކަށް ނުވަތަ ހޯދި ހިދުމަތަކަށް އަގު ނުދީގެން ނުވަތަ މީހެއްގެ އަތުން ނެގި ދަރަންޏެއް ނުވަތަ ފައިސާއެއް އަނބުރާ ނުދައްކައިގެން ނުވަތަ މީހެއްގެ ފައިސާގައި ޖެހިގެން ކުރި ދައުވާއެއް ނޫން ކަމަށެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ސިވިލް ކޯޓުން މިއަދު ހުކުމްކުރައްވާފައި އެވަނީ މުގާބިލެއްނެތި ހުށަހެޅޭ ހުށަހެޅުންތައް ތަންފީޒުނުކުރެވޭ ކަމަށް ބުނާ ޝަރުއީ ހުކުމްތަކާއި، އެނޫންވެސް ޝައުރީ އަދި ގާނޫނީ އުސޫލުތަކާ ހިލާފަށެވެ..،" ނަޝީދުގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.
ނަޝީދުގެ މައްޗަށް ސިވިލް ކޯޓުން މިއަދު ކުރި ހުކުމް އިސްތިއުނާފް ކުރުމަށް ވަރަށް އަވަހަށް ހުށަހަޅުއްވާނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
ސިވިލް ކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައިވަނީ އިންޑިއާގެ ރައްޔިތެއް ކަމުގައިވާ ޑރ. އަލަކާ ސިންގް އިންވެސްޓުކުރި ''ބަރުތީލަ'' ކިޔާ ސަފާރީއެއް ވިއްކާލުމުގެ މުއާމަލާތު ހިންގި އިރު، އުޅަނދު ވިއްކާލާފައިވަނީ ނަޝީދުގެ ލަފާގެ ދަށުން ކަމަށްވާތީއާއި، އަދި ވިއްކާލުމުން ދައުވާކުރި ފަރާތުން އިންވެސްޓްކުރި ހަރަދުން މަދުވާ ފައިސާ ފޫބެއްދުމަކީ ނަޝީދުގެ ފަރާތުން ކުރަންޖެހޭނެ ކަމެއްކަން ޚުދު ނަޝީދުގެ ފަރާތުން ގަބޫލުކުރާ ކަމެއް ކަން ހުށަހަޅާފައިވާ ލިޔުންތަކުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.
އެހެންކަމުން ސަފާރީ ވިއްކާލުމުގެ މުއާމަލާތުގައި ވެފައިވާ އެއްބަސްވުމާއި ގުޅިގެން ހުށަހަޅާފައިވާ އެ ދައުވާގައި ބުނެފައިވާ 150.000 ޑޮލަރު 15 ދުވަހުގެ ތެރޭގައި ޑރ. އަލަކާ ސިންގްއަށް ދައްކާ ޚަލާސްކުރުމަށް ނަޝީދުގެ މައްޗަށް ސިވިލް ކޯޓުން ކުރި ހުކުމުގައި ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ