އަދާލަތު ޕާޓީއަށް ފައިސާދިން ކަމަށް ދެކެވޭ ވާހަކަ ގާސިމް ދޮގުކުރައްވައިފި

ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީން ކޯލިޝަން ހެދީ ޖުމްހޫރީ ޕާޓީން ފައިސާ ދީގެން ކަމަށް ދެކެވޭ ވާހަކަ އެޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް ދޮގުކުރައްވައިފި އެވެ.
ޖުމްހޫރީ ޕާޓީގެ ދެވަނަ ކޮންގްރެސް ނިންމުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ކަން ވެސް ކުރައްވަމުންގެންދަވާ ގާސިމް ވިދާޅުވީ އަދާލަތު ގުޅުނީ ޖުމްހޫރީ ޕާޓީން ފައިސާ ދީގެން ކަމަށް ބުނި ނަމަވެސް އަދާލަތު ޕާޓީއަށް އެއްވެސް ފައިސާއެއް ދީފައި ނުވާނެ ކަމަށެވެ.
ގާސިމް ވިދާޅުވީ އަދާލަތުން އެ ޕާޓީއާ ގުޅެން ނިންމީ ފައިސާއަށް ކަމަށް ބުނެ ބަޔަކު ފަތުރާ ޕްރޮޕަގެންޑާ އަކީ ދޮގެއް ކަމަށާއި އިންތިހާބުގައި އެ ޕާޓީއާ އެކު ކުރިއަށްދާން އަދާލަތުން ނިންމާފައިވާ ނިންމުމަށް މަރުހަބާ ދަންނަވާ ކަމަށެވެ. އަދި ގާސިމް ވަނީ އަދާލަތު ޕާޓީއަށް ވަރަށް ބޮޑަށް މިރޭ ތައުރީފްކުރައްވާފައެވެ.
"އަޅުގަނޑުމެން ޖުމްހޫރީ ޕާޓީން ލާރިތަކެއް ތިބޭފުޅުންނަށް (އަދާލަތު) ދީގެން ކަމަށްބުނާ ވާހަކައަކީ ހަގީތެއް ނޫން، ހަމަގައިމުވެސް އަޅުގަނޑުމެންގެ ޕާޓީއަކުން ތިބޭފުޅުންނަށް (އަދާލަތު) ފައިސާއެއް ނުދެން، އަޅުގަނޑު ދަންނަވާނީ ތިބޭފުޅުން ބަދުނާމް ކުރުމަށްޓަކައި އެދައްކާ ވާހަކަތައް އަޑު ނާއްސަވާށޭ" ގާސިމް ވިދާޅުވިއެވެ.
އަދާލަތު ޕާޓީއަކީ މާތްވެގެންވާ ދީނުގެ އުސޫލްތަކާއި ހަމަތައް ދަމަހައްޓައި ރާއްޖޭގެ ކުރިއެރުމާއި ތަހުޒީބަށް ކުރާ މަސައްކަތުގައި ހުރަހެއް ނޫން ކަން ވަރަށް ސާބިތުކަމާއެކު ދައްކުވައިދީފައިވާ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
އަދި ގައުމުގެ މިނިވަންކަމާއި އިސްތިގުލާލަށް އަދި އިގްތިސާދަށް ކުރާ މަސައްކަތްތަކުގައި ވެސް އަތާ އަތް ގުޅާލައިގެން ފޭރާން ރަނގަޅުކުރަން އެންމެ އިސްކޮށް މަސައްކަތް ކުރާ ޕާޓީއަކީ ވެސް އަދާލަތު ޕާޓީ ކަމަށް ވިލާ ގްރޫޕްގެ ޗެއާމަންކަން ވެސް ކުރައްވަމުންގެންދަވާ ގާސިމް ވިދާޅުވި އެވެ.
އަދާލަތު ޕާޓީން ޖުމްހޫރީ ޕާޓީއާއި ކޯލިޝަން ހެދުމަށް ފައިސާދީފައި ނުވާކަމަށް ގާސިމް ވިދާޅުފެވައިމިވަނީ ކޯލިޝަން ހެދުމަށް ޖުމްހޫރީ ޕާޓީން ފައިސާދީފައިވާ ކަމަށް ޕީޕީއެމްއިން ތުހުމަތުކޮށްފައިވާ ދަނޑިވަޅެއްގައި އެވެ. އަދާލަތު ޕާޓީން ޖުމްހޫރީ ޕާޓީއާ ގުޅިފައި ވަނީ 25 މިލިއަން ރުފިޔާ އަށް ކަމަށް ނުރަސްމީކޮށް އެނގިފައިވާ ކަމަށް ޕީޕީއެމުން މިއަދު ވަނީ ބުނެފަ އެވެ.
ގާސިމް އިތުރަށް ވިދާޅުވީ މާތްވެގެންވާ އިސްލާމްދީނާއި މިގައުމުގެ ހައްގުގައި ވާހަކަދައްކަންޖެހޭ ކޮންމެ ބަޔަކާއި ވާހަކަދައްކައި ވާންޖެހޭ ކޮންމެ އެއްބަސްވުމެއް ވެވަޑައިގަންނަވާނެ ކަމަށާއި ގައުމުގެ މިނިވަންކަމަށްޓަކައި ގުރުބާންވެވަޑައިގަތުމަށްޓަކައި ދަތުރަށް ނިކުމެވަޑައިގެން ހުންނެވީ ސަމާސާ ގޮތަކަށް ނޫން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ