ޒެޑް ޑީއާރުޕީގެ ބިލުތަކަށް އުމަރު ފައިސާ ނުދައްކަވާ ކަމަށް ބުނެފި

ޑީއާރުޕީ ދެބައިވެ އުފެދުނު ޒެޑް ޑީއާރުޕީގައި ކުރެވުނު ބައެއް ހަރަދުތަކަށް އުމަރު ފައިސާ ދައްކާފައިނުވާ ކަމަށް ޔާމީންގެ ޔަގީން ޓީމުން ބުނެފި އެވެ.
ޔަގީން ޓީމުގެ އޮފިޝަލަކު ވިދާޅުވީ ޒެޑް ޑީއާރުޕީ ހަދައިގެން އުޅުނު ދުވަސްވަރު އެއްބަސްވީ ޔާމީނާއި އުމަރާއި ހަމަހަމައަށް ބަހާލައިގެން ބިލްތަކަށް ފައިސާ ދައްކަން ކަމަށާއި ނަމަވެސް މިހާތަނަށް ވެސް އުމަރު އަތުން ބައެއް ބިލްތަކަށް ފައިސާ ލިބިފައިނުވާ ކަމަށެވެ.
އޭނާ ވިދާޅުވީ 2010 ވަނަ އަހަރުގެ ޖެނުއަރީ 20 - 22 އަށް ކުޅުދުއްފުއްޓާއި އިހަވަންދޫއަށް ކުރި ދަތުރުގެ ބިލަށް ދައްކަން ޖެހޭ 21،400 ރުފިޔާ ދައްކަން އެންގުމުން ވެސް މިހާތަނަށް ވެސް އުމަރު ދައްކާފައިނުވާ ކަމަށާއި އުމަރު ފައިސާ ދައްކަން ޖެހޭ ބިލުތައް ޕީއޭ އޮފީހުގައި އަދިވެސް ހުންނާނެ ކަމަށެވެ.
އޭނާ ވިދާޅުވީ އުމަރު އިސްވެ ހުންނަވައިގެން އުފެއްދި ޒެޑްޑީއާރުޕީގެ ޖަލްސާތައް ބޭއްވުމަށް ތަންތަން ހޯދުމުގެ ކަންތައް ވެސް ކުރީ ޔާމީންގެ އެދިވަޑައިގަތުމަށް ޕީއޭއިން ކަމަށާއި އެހެންކަމުން ޔާމީންގެ އެހީތެރިކަން ނުލިބޭ ކަމަށް ވިދާޅުވެ އުމަރު ރޭ ހެއްދެވީ އިތުރުފުޅެއް ކަމަށެވެ.
ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އުމަރު ނަސީރު ވިދާޅުވީ ރައީސް މައުމޫން ގެކޮޅު ކައިރިއަށް އެމްޑީޕީ މީހުން އެއްވުމުން ރައީސް މައުމޫންގެ ދިފާއުގައި އަލިވާގެ ކައިރިއަށް ފޮނުވި 200 މީހުންގެ ފައުޖެއް މިނަރަލް ވޯޓާ ފެންފުޅިތަކެއް ގަންނަން ފައިސާކޮޅެއް ދޭން ބުނުމުން ޔާމީން ދެއްވީ އެންމެ 500 ރުފިޔާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ