އުމަރާއި ޔާމީން ވެސް މަސްލަހަތު ގެއްލޭ ކަމެއް ނުކުރުމަށް މައުމޫން އިލްތިމާސްކުރައްވައިފި

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ޕްރައިމަރީގައި ވާދަކުރައްވާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި އުމަރު ނަސީރު ވެސް ޕާޓީގެ ތެރޭގައި މަޞްލަޙަތު ގެއްލޭގޮތަށް ނުވަތަ ޕާޓީގެ އެއްބައިވަންތަ ކަމަށް ބުރޫއަރާގޮތަށް އެއްވެސް ކަމެއް ނުކުރެއްވުމަށް އެޕާޓީގެ ރައީސް އަދި ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް އިލްތިމާސްކުރައްވައިފި އެވެ.
އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޕްރައިމަރީއާއި ގުޅޭގޮތުން އެޕާޓީގެ މެންބަރުންނަށް ދިޓީވީ މެދުވެރިކޮށް ރައީސް މައުމޫން ދެއްވި މެސެޖްގައި ވިދާޅުވެފައިވަނީ ޔާމީނާއި އުމަރު ނަސީރަކީ ވެސް އެޕާޓީއަށް ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ އަދި މިހާރުވެސް ހިދުމަތް ކުރައްވަމުންދާ ޕާޓީގެ އިސް ދެބޭފުޅުން ކަމަށެވެ.
"އެދެކެންޑިޑޭޓުންވެސް، އަދި އެދެބޭފުޅުން ތާއީދުކުރައްވާ ހުރިހާ ބޭފުޅުންވެސް، ޕާޓީގެ ތެރޭގައި މަޞްލަޙަތު ގެއްލޭގޮތަށް ނުވަތަ ޕާޓީގެ އެއްބައިވަންތަ ކަމަށް ބުރޫއަރާގޮތަށް އެއްވެސް ކަމެއް ނުކުރެއްވުމަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު އިލްތިމާސް ކުރަން." ރައީސް މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ ކޮންމެ އިންތިހާބެއްގައި ވެސް، މޮޅުވުމުގެ ނަސީބު ލިބޭ ފަރާތަކާއި އެނަސީބު ނުލިބޭ ފަރާތެއްވާނެ ކަމަށާއި ޑިމޮކްރަސީގެ އެންމެ ބޮޑު ޓެސްޓަކީ، އިންތިޚާބު ނިމުމަށްފަހު ވެސް އެންމެން އެކަތިގަނޑަކަށް ވެ، ބައިބައިވެގެން ނުދިއުން ކަމަށެވެ.
އަދި ކޮންމެ ބޭފުޅަކު އިންތިހާބް ކާމިޔާބްކުރެއްވިކަމުގައި ވީނަމަވެސް އެބޭފުޅެއްގެ ފަހަތްޕުޅުގައި ރިޔާސީ އިންތިހާބް ކާމިޔާބް ކުރެއްވުމަށް ކުރެއްވެން އޮތް ހުރިހާ މަސައްކަތެއް ކޮށްދެއްވާނޭކަމަށް މައުމޫން ވިދާޅުވި އެވެ.
މި އިންތިހާބަކީ ރާއްޖޭގައި މިހާރު އުފެދިފައިވާ ޕާޓީތަކުގެ ތެރޭގައި ބޭއްވޭ މިފަދަ ފުރަތަމަ އިންތިހާބަށްވާއިރު މި އިންތިހާބުގައި ޑިމޮކްރަޓިކް ހަމަތަކާއި އުސޫލުތުދައްކައި ހަމަޖެހުމާއި، އަމާންކަމާއިއެކު އިންތިހާބުގެ ކަންކަން ކުރިއަށް ގެންދިއުމަށް ޕީޕީއެމްގެ އެންމެހައި މެންބަރުންނަށް މައުމޫންވަނީ ގޮވާލައްވާފައެވެ.
މައުމޫން އިތުރަށް ވިދާޅުވީ ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީ އަކީ މިހާތަނަށް ރާއްޖޭގެ ސިޔާސީ ޕާޓީއަކުން ބާއްވާ އެންމެ އިންސާފުވެރި، އެންމެ ހާމަކަންބޮޑު، އެންމެ ޑިމޮކްރެޓިކް ޕްރައިމަރީއަށް ވެގެންދާނެ ކަމަށް ޔަގީން ކުރައްވާ ކަމަށާއި އެ މިޕްރައިމަރީ ވެގެންދާނީ ޕީޕީއެމަކީ ރާއްޖޭގައި އޮތް އެންމެ ހަރުދަނާ، މިޒަމާނުގެ ޑިމޮކްރަސީގެ އުސޫލުތަކަށް އެންމެ ލޯބިކުރާ ޕާޓީކަމަށް ވުމުގެ ރީތި ނަން ލިބިގެންދާ ޕްރައިމަރީއަށް ކަމަށެވެ.
އަދި މި ރީތި ނަން ޕީޕީއެމްއަށް ލިބިގެންދާނީ، އެންމެން ވެސް ގާނޫނާއި ގަވައިދާއި އެއްގޮތަށާއި ޕާޓީގެ އަސާސީ ގަވައިދަށާއި ޕާޓީގެ އިންތިހާބުތަކާއި ބެހޭ ގަވައިދުތަކަށާއި ޑިމޮކްރަސީގެ ރީތި ހަމަތަކާ، އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ޢަމަލުކޮށްގެން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް މައުމޫން ވިދާޅުވީ އެކަން ހާސިލު ކުރުމަށް މެންބަރުންނާއި ޕާޓީގެ ރައީސްގެ ހައިސިއްޔަތުން އެމަނިކުފާނުގެ ވެސް ޒިންމާއެއް އެބައޮތް ކަމަށާއި އެންމެންގެ ޒިންމާ ފުރިހަމަގޮތުގައި އަދާކުރަން އެދި ވަޑައިގަންނަވާ ކަމަށެވެ.
"ޕާޓީގެ ރައީސްގެ ހައިސިއްޔަތުން އަޅުގަނޑުގެ ވަރަށް ބޮޑު ޒިންމާއެއްވެސް އެބައޮތް. އަދި ޕާޓީގެ ދެ ނައިބު ރައީސުންނާއި، ޕާޓީގެ ކައުންސިލާއި، ޕާލަމެންޓަރީ ގްރޫޕާއި، ޕާޓީގެ އިންތިޚާބު ކޮމިޓީއާއި، ޕާޓީގެ ސެކްރަޓަރީ ޖެނެރަލް އާއި ރެޖިސްޓްރާރއާ، ޕާޓީގެ އެހެން މުއައްސަސާތަކާ، ދެކެންޑިޑޭޓުންނާއި، އެ ދެ ކެންޑިޑޭޓުންނަށް ކެމްޕޭން ކޮށްދެއްވާ އަދި ތާއީދު ކުރައްވާ އެންމެހާ މެންބަރުންގެ ޒިންމާއެއް ވެސް އެބައޮތް. އަދި ޕާޓީގެ ތިޔަ ލޮބުވެތި އެންމެހާ މެންބަރުންގެ ޒިންމާއެއް ވެސް އެބައޮތް." ރައީސް މައުމޫން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ