ފަހުމީ ވަކިކުރީ ގާނޫނު އަސާސީއާ ހިލާފަށް - ސުޕްރީމް ކޯޓު

ރައްޔިތުންގެ މަޖިލީހުން ސިވިލް ސާވިސް ކޮމިޝަންގެ ކުރީގެ ރައީސް މުހައްމަދު ފަހުމީ ހަސަން މަގާމުން ވަކިކުރީ ގާނޫނުއަސާސީއާ ޚިލާފަށް ކަމަށް ސުޕްރީމް ކޯޓުން ދެންމެ ހުކުމްކޮށްފި އެވެ.
ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ތެރެއިން ހަ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ހުކުމް ކުރެއްވިއިރު ހަތް ފަނޑިޔާރުންގެ ތެރެއިން މުއުތަސިމް އަދުނާންގެ ރައުޔު ތަފާތެވެ.
ސީއެސްސީގެ އަންހެން މުވައްޒަފަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ރައްޔިތުންގެ މަޖިލީހުން ފަހުމީގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓު ނަގާ އެ ކޮމިޝަނުގެ މެމްބަރުކަމުން ވަކިކުރި މައްސަލައިގެ ޝަރީއަތް ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ޖިނާއީ ތަހުގީގެއް ކުރުމުގެ ބާރު މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އަށް ލިބިގެން ނުވާ ކަމަށާއި ޖިނާއީ ކުށެއް ކުރި ކަމަށް ބަލައި އަދަބު ދީފައި ވަނިކޮށް ޝަރީއަތުން އޭނާގެ މައްޗަށް އެ ކުށް ސާބިތުވެ ދެވަނަ ފަހަރަށް އަދަބު ލިބުމަކީ އިންސާފެއް ނޫން ކަމަށެވެ.
ފަހުމީ އަމިއްލައަށް ކޯޓަށް ހުށަހަޅުއްވާ ގާނޫނީ ވަކީލު މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑޭ) ވަކާލާތު ކުރެއްވި މިމައްސަލައިގައި ކުރި ހުކުމުގައި ބުނެފައިވަނީ ފަހުމީއާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުނު މައްސަލަ ބެލުމަށް އެ މަޖިލީހުން އަމަލުކޮށްފައި ވަނީ ޖިނާއީ ކުށެއްގެ ތުހުމަތު ކުރެވޭ މީހާއާ މެދު އަމަލުކުރަން ޖެހޭ އުސޫލުތަކާ ޚިލާފަށް ކަމަށެވެ.
އަދި ޝަރުއީ ކޯޓެއްގައި އެމީހެއްގެ މައްޗަށް ކުށެއް ސާބިތުނުވާ ހިނދަކު އެއްވެސް މީހަކަށް އެމީހަކީ ކުށްވެރިއެއް ކަމަށް ނުބުނެވޭނެ ކަމަށާއި ރައްޔިތުން މަޖިލީހުގެ މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމެޓީން ފަހުމީ ވަކި ކޮށްފައިވަނީ ޖިނާއީ އަދުލުގެ ނިޒާމުން ބޭރުން ކަމަށްވެސް އެ ހުކުމުގައި ބުނެފައިވެ އެވެ.
އެއްވެސް މީހެއްގެ ހައްގަކަށް އެއްވެސް މުއައްސަސާއަކަށް އަރައި ނުގަނެވޭނެ ކަމަށާއި ކޮންމެ މުއައްސަސާއަކުންވެސް ކަންކަން ނިންމަންޖެހޭނީ އަދުލްވެރި ކަމާ އިންސާފާއެކު ކަމަށާއި ކަންކަން ނިންމުމުގައި އެއްވެސް މީހެއްގެ ހައްގެއް ނުގެއްލޭގޮތަށް ހަމަހަމަ ކަމާއެކު އިންސާފު ގާއިމު ކުރުމަކީ ގާނޫނުއަސާސީން ހުރިހާ މުއައްސަސާއެއްގެ މައްޗަށް ލާޒިމު ކުރާކަމެއްކަމަށް ވެސް ހުކުމުގައިވެ އެވެ.
އަދި ސްޕްރީމް ކޯޓަކީ ގާނޫނުއަސާސީ ނަގަހައްޓާ ގާނޫނުއަސާސީ މާނުކުރުމުގެ އެންމެ އިސްފަރާތް ކަމަށާއި އެހެންކަމުން އެންމެ ފަހުބަސް ބުނާ ފަރާތަކީ ސްޕްރީމް ކޯޓު ކަމަށްވެސް ސްޕްރީމް ކޯޓުގެ ހުކުމުގައި ބަޔާންކޮށްފައިވެ އެވެ.
ރައުޔު ހަމައެކަނި ތަފާތުވާ ފަނޑިޔާރަކީ މުއަތަސިމް އަދުނާނު ރައުޔުގައި މައިގަނޑުގޮތެއްގައި ވަނީ ފަހުމީ ވަކިކުރުމުގެ ފުރިހަމަ ބާރު މަޖިލީހަށް ލިބޭކަމަށެވެ. އަދި މަޖިލީހުން ނިންމާފައިވާ އެނިންމުމަކީ ގާނޫނުއަސާސީއާ ގާނޫނުތަކާ ހިލާފު ނިންމުމެއް ނޫންކަމަށެވެ.
ފަހުމީ ވަކި ކުރި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމާއި އެކު އެ މައްސަލަ ނިމެންދެން ސިވިލް ސާވިސް ކޮމިޝަނަށް މެންބަރަކު އައްޔަން ކުރުމުގެ ގޮތުން އެއްވެސް މަސައްކަތެއް ނުކުރުމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކުގެ މައްޗަށް ސުޕްރީމް ކޯޓުން ވަނީ ވަގުތީ އަމުރެއް ވެސް ނެރެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ