ޖޭޕީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އައްޑޫގައި

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި ވިލާ ގްރޫޕްގެ ޗެއާމަން ގާސިމް އިބްރާހީމް މިއަދު އައްޑު އަށް ވަޑައިގެންފި އެވެ.
ވިލާ އެއާ އިން ދާދި ފަހުން ގެނައި 66 ގޮނޑީގެ މަތިންބޯޓުން ބޭއްވި ފުރަތަމަ ކޮމާޝަލް ދަތުރުގައި ގާސިމް އައްޑު އަށް ވަޑައިގެންފައި ވަނީ މިއަދު ހަވީރުގެ ވަގުތެއްގަ އެވެ. މި ދަރުތުގައި ވިލާ އެއާގެ ގިނަ އަދަދެއްގެ މުވައްޒަފުންގެ އިތުރަށް، ޖުމްހޫރީ ޕާޓީގެ ބައެއް އިސް ވެރިން ވެސް ވަޑައިގެންނެވި އެވެ.
އޭގެ ތެރޭގައި އެ ޕާޓީގެ ރައީސް ޑރ. އިބްރާހީމްދީދީ އާއި ނައިބް ރައީސް އަމީން އިބްރާހީމްގެ އިތުރުން ކުރޫގެ ޓްރާންސްޕޯޓް މިނިސްޓަރު ޑރ. އަހުމަދު ޝަމްހީދު ވެސް ހިމެނިވަޑައިގަންނަވަ އެވެ.
އެ ބޭފުޅުން ގަމަށް ވަޑައިގަތުމުން ޖުމްހޫރީ ޕާޓީ އަށް ތާއިދު ކުރާ ގިނަ ބަޔަކު އެއާޕޯޓުން ހޫނު މަރުހަބާއެއް ކިޔާފައިވެ އެވެ. އަދި ސަގާފީ ބައެއް އައިޓަމްތައް ވެސް ހުށަހަޅާ ދީފައިވެ އެވެ.
ގާސިމް އައްޑު އަށް މިހާރު ކުރައްވާ ދަތުރުގައި ޖުމްހޫރީ ޕާޓީ އަށް ތާއީދު ކުރާ އެކިއެކި ފަރާތްތަކާ ބައްދަލު ކުރާ ގޮތަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
މީގެ އިތުރުން ގާސިމްގެ ޓީމް މާދަމާގެ ވަގުތެއްގައި ހުޅުމީދު އަށް ވަޑައިގެން އެ ރަށުގެ ސަޕޯޓަރުންންނާ ބައްދަލު ކުރައްވަން ހަމަޖެހިފައިވާ ކަމަށް ވެސް އައްޑޫގައި ހަރަކާތްތެރިވާ ޖުމްހޫރީ ޕާޓީގެ އިސް ބޭފުޅަކު ވިދާޅުވި އެވެ.
"މި ދަތުރުގައި އެއްވެސް ރަށެއްގައި ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައެއް ނުވޭ. އެހެން ނަމަވެސް ރަށުގެ ރައްޔިތުންނާ ބައްދަލުކޮށް ޕާޓީ އަށް ސަޕޯޓް އިތުރު ކުރުމުގެ ހަރަކާތްތައް ކުރިއަށް ދާނެ،" އޭނާ ވިދާޅުވި އެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ ގާސިމް އައްޑު އަށް ކުރައްވާ ދަތުރު ނިންމަވާލައްވައި ފުރާވަޑައި ގަތުމަށް ހަމަޖެހިފައި ވަނީ ހޮނިހިރު ދުވަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ