ސުޕްރީމް ކޯޓުގެ ހުކުމަކާ އެކު ދ.އަތޮޅު ކައުންސިލަރެއްގެ ގޮނޑި ގެއްލިއްޖެ

ސުޕްރީމް ކޯޓުން އިއްޔެ ކުރި ހުކުމަކާ އެކު ދ. އަތޮޅު ކައުންސިލް މެމްބަރެއްގެ ގޮނޑި ގެއްލިއްޖެ އެވެ.
ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެން ގެއްލިފައި ވަނީ ދ. ކުޑަހުވަދޫ ފަލަކް އިސްމާއިލް ސައީދުގެ ކައުންސިލް މެމްބަރުކަމެވެ. ސުޕްރީމް ކޯޓުން އެގޮތަށް ހުކުމްކުރީ އިސްމާއިލް ސައީދުގެ މައްޗަށް ހިޔާނާތްތެރިވުމުގެ ކުށް ސާބިތުވާތީ އޭނާ އެއް އަހަރަށް އަރުވާލުމަށް ކުރީގެ ފުލުސް ކޯޓުން ހުކުމްކޮށްފައިވާތީ އެވެ. މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ އޭނާ އަކީ ކައުންސިލް އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންގެ ކިބައިގައި ހުރުން ލާޒިމްކުރާ ޝަރުތެއް ފުރިހަމަނުވާ މީހެއް ކަމަށް ބުނެ ކުޑަހުވަދޫ ބޯގަންވިލާ ޝާތިރު އަބްދުއްރަހުމާނެވެ.
އެ މައްސަލަ ބެލުމަށް ފަހު ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ވަނީ އިސްމާއިލް ސައީދުގެ މައްޗަށް ހިޔާނާތްތެރިވުމުގެ ކުށް ސާބިތުވާ ކަމަށް ކުރީގެ ފުލުސް ކޯޓުން ހުކުމްކޮށްފައިވާ ކަމަށާއި އަދި އެ ހުކުމަށް ބަދަލެއް އައިސްފައިނުވާ ކަމަށެވެ. އަދި ކައުންސިލް އިންތިހާބުގައި ވާދަކޮށް އިސްމާއިލަށް މެމްބަރުކަން ލިބިފައިވީ ނަމަވެސް އޭނާގެ މައްޗަށް ހިޔާނާތްތެރިވުމުގެ ކުށް ސާބިތުވެފައި ވާތީ އޭނާއަކީ އިންތިހާބަށް ކުރިމަތިލިއިރު ވެސް ގާނޫނުގައި ބުނާ ޝަރުތު ފުރިހަމަނުވާ މީހެއް ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައިވެ އެވެ.
އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި އިންތިހާބުވެފައިވާ އިސްމާއިލަކީ ކައުންސިލްތަކުގެ ގާނޫނުގެ ދަށުން އިންތިހާބުވެފައިވާ އަތޮޅު ކައުންސިލް މެމްބަރެއް ކަމަށް ގާނޫނީ ގޮތުން ބެލެވެން ނެތް ކަމަށް ވަނީ ހުކުމް ކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ