ބ. ދޮންފަނުގައިވެސް ކަރަންޓުގެ މައްސަލަ ކުރިމަތިވެ ރައްޔިތުން ހާސްކަމެއްގެ ތެރޭގައި

ރާއްޖޭގެ ގިނަ ރަށްތަކުގައި ކަރަންޓުގެ މައްސަލަ ކުރިމަތިވަމުންދާ މި ދުވަސްވަރު ބ. އަތޮޅު ދޮންފަނުގައިވެސް މި މައްސަލަ ކުރިމަތިވެފައިވާކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.
ދޮންފަނު ކައުންސިލުން ބުނީ މިދިޔަ އަހަރުގެ ރޯދަ މަހުން ފެށިގެން ކަރަންޓަށް ކުރިމަތިވެފައިވާ މައްސަލަތަކަށް އެއްވެސް ހައްލެއްނުލިބޭ ކަމަށާއި މިކަމުގައި ރައްޔިތުން މިހާރުތިބީ ގޮތް ހުސްވާ ހިސާބުގައި ކަމަށެވެ.
"މިދިޔަ ރޯދަމަހުން ފެށިގެން ކޮންމެ ދުވަހަކު ކަހަލަގޮތަކަށް ކަރަންޓު ކެނޑޭ. އެގޮތަށް ކަރަންޓު ކެނޑެންޏާ ރައްޔިތުންގެ އަގުބޮޑު އެއްޗިއްސަށް ވަރަށބޮޑެތި ގެއްލުން ލިބޭނެތާދޯ. އެހެންވެ ވަރަށް ޝަކުވާ އާދޭ" ކައުންސިލުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
ޖުމްލަ 6 ޖަނަރޭޓަރު ހުންނަ ދޮންފަނުގައި ބޭނުންކުރެވޭ ހުރީ 3 ޖަނަރޭޓަރު ކަމަށާއި އެތިންޖަނަރޭޓަރު އެއްފަހަރާ ބޭނުންކޮށްގެން ނޫނީ މުޅި ރަށަށް ކަރަންޓު ފޯރުކޮށްނުދެވޭ ކަމަށްވެސް އެރަށު ކައުންސިލުން ބުންޏެވެ.
އެމައްސަލައިގާ އެ އަތޮޅު އޭދަފުށީގައި ހުންނަ ފެނަކަ އޮފީހާއި މަޝްވަރާކުރުމުން ބައެއް ރަށްރަށުގައިބޭނުންކޮށް ބާވެފައިވާ ޖަނަރޭޓަރެއް އެރަށަށް ފޯރުކޮށްދީފައިވާ ކަމަށާއި އެ ޖެނެރޭޓަރުވެސް މަރާމާތު ކޮށްކޮށްގެންވެސްއެއްވެސް ބޭނުމެއް ނުހިފޭތީ ރައްޔިތުންގެ މާޔޫސްކަން އިތުރުވަމުން އަންނަ ކަމަށް ދޮންފަނު ކައުންސިލުން ބުންޏެވެ. އަދި މާލޭގައި ހުންނަފެނަކަ ކޯޕަރޭޝަނަށް ހުށަހެޅުމުންވެސް އެއްވެސް ޖަވާބެއް މިހާތަނަށް ލިބިފައިނުވާކަމަށް ބުންޏެވެ.
އާބާދީގައި ގާތްގަނޑަކަށް 547 މީހުން ދިރިއުޅޭ ދޮންފަނުގައި މިހާރު ބޭނުންކުރަނީ 48 ކިލޯ ވޯޓުގެ ޖަނަރޭޓަރަކާއި 60 ކިލޯ ވޯޓުގެ ޖަނަރޭޓަރަކާއި 80 ކިލޯވޮޓުގެ ޖަނަރޭޓަރެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ