ވިލިނގިލީ ދާއިރާގެ އިންތިޚާބު ބާތިލްކުރަން އެދުމުން ކޮމިޝަނުން އެކަމަށް ދެކޮޅު

ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ އިންތިޚާބު ބާތިލްކުރަން އެމްޑީޕީގެ ފަރާތުން ހައި ކޯޓުގައި އެދުނު ނަމަވެސް އިލެކްޝަންސް ކޮމިޝަނުން އެކަމަށް ބުރާސްފަތި ދުވަހު ދެކޮޅު ހަދައިފި އެވެ.
ވިލިނގިލީ ދާއިރާގެ އިންތިޚާބު ކާމިޔާބުކުރީ ޕީޕީއެމްގެ ކެންޑިޑޭޓް ސައުދު ހުސައިނެވެ. އެ ދާއިރާގެ އިންތިޚާބު ބާތިލްކުރަން އެމްޑީޕީން އެދުނީ ސައުދަށް ވޯޓުލުމަށް ކޫއްޑޫ ފިޝަރީޒްގެ މުވައްޒަފުންނަށް އެންގުމާއި ތިން ސަތޭކައެއްހާ ވޯޓު ކަރުދާހުގައި ނިޝާންތަކެއް ޖަހާފައިވާ ކަމަށް ބުނެ އެވެ. އަދި އެ ކުންފުނީގެ މުވައްޒަފުންނަށް ގަވާއިދާ ޚިލާފަށް ޕްރޮމޯޝަން ދީފައިވާ ކަމަށް ވެސް އެމްޑީޕީގެ ދައުވާގައިވެ އެވެ. އެ ދާއިރާ އަށް އެމްޑީޕީގެ ފަރާތުން ވާދަކުރީ ހާރޫން ރަޝީދެވެ.
ހައި ކޯޓުގައި މިއަދު އޮތް އަޑުއެހުމުގައި އެމްޑީޕީގެ ފަރާތުން ވާހަކަ ދެއްކެވި މަހްފޫޒް ސައީދު ވިދާޅުވީ ސައުދަށް ވޯޓު ދޭންޖެހޭނެ ކަމަށް ކޫއްޑޫ މުވައްޒަފުންނަށް އަންގާފައިވާ ކަމަށެވެ. އަދި ސައުދު ނުހޮވިއްޖެނަމަ އޭނާ އަންނަނީ ކޫއްޑޫގެ ޖެނެރަލް މެނޭޖަރަކަށް ކަމަށާއި އެހެންކަމުން އެކަމާ މެދު ވިސްނުމަށް ވެސް ކޫއްޑޫގެ މުވައްޒަފުންނަށް އަންގާފައިވާ ކަމަށް މަހްފޫޒް ވިދާޅުވި އެވެ.
މީގެ އިތުރުން އިންތިޚާބު ބާއްވަން މަހަކަށްވެފައި ވަނިކޮށް ކޫއްޑޫގެ ގިނަ އަދަދެއްގެ މުވައްޒަފުންނަށް ޕްރޮމޯޝަން ދީފައިވާ ކަމަށާއި އެކަން ކޮށްފައިވަނީ އެކަން ނުކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަންގާފައި ވަނިކޮށް ކަމަށް މަހްފޫޒް ވިދާޅުވި އެވެ. އަދި ސައުދަށް ވޯޓު ނުދީފިނަމަ ޑީމޯޓްކޮށްލެވޭނެކަން ވެސް އެ މުވައްޒަފުންނަށް އަންގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މަހްފޫޒް ވިދާޅުވީ އެ ދާއިރާގެ ގިނަ ވޯޓު ކަރުދާސްތަކެއްގައި ނިޝާންތަކެއް ޖަހާފައިވާ ކަމަށެވެ. އެގޮތުން އެ ކަރުދާސްތަކުގައި ކޯޑެއް ލިޔެފައިވާއިރު އެއީ ކޫއްޑޫގެ މުވައްޒަފުންނަށް ދީފައިވާ ޕްރޮމޯޝަނާ ގުޅޭ ކޯޑެއް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެގޮތަށް ނިޝާން ޖަހާފައިހުރި ގިނަ ކަރުދާސްތަކުގައި ވޯޓު ލިބިފައިހުރީ ސައުދަށް ކަމަށް އޭނާ ވިދާޅުވި އެވެ. ވޯޓު ގުނިއިރު އެކަންކަން ފާހަގަކުރި ނަމަވެސް އެއީ ސައްހަ ވޯޓުގެ ގޮތުގައި އޮފިޝަލުން ބަލައިގެންފައިވާ ކަމަށް މަހްފޫޒު ވިދާޅުވި އެވެ.
އެކަންކަން ސާބިތުކުރަން މަހްފޫޒް ވަނީ 10 ހެކިވެރިއެއްގެ ނަން ހައި ކޯޓަށް ހުށަހަޅައިފަ އެވެ. އެއީ އެ ދާއިރާގެ ވޯޓު ފޮށިތައް ކައިރީގައި ތިބި މަންދޫބުންނާއި ވިލިނގިލީ ދާއިރާގެ މާލޭގައި ބެހެއްޓި ފޮށީގެ ވެރިޔާގެ އިތުރުން ވޯޓު ކަރުދާސްތަކުގައި ފާހަގަ ޖެހުމަށް އަންގާފައިވާނެ ކަމަށް ސައުދު ބުނި ކަމަށް ބުނާ މީހެއްގެ ނަން ވެސް އޭނާ ހުށަހެޅި އެވެ. މަހްފޫޒް ވިދާޅުވި ގޮތުގައި ވަޒީފާ ގެއްލިދާނެތީ ކޫއްޑޫގެ އެއްވެސް މުވައްޒަފަކު ހެކިބަސް ދޭން ބޭނުމެއްނުވި އެވެ.
އެކަންކަން ފާހަގަކޮށް، އެ ދާއިރާގެ އިންތިޚާބު ބާތިލް ކުރުމާ އެކު އަލުން އިންތިޚާބު ބޭއްވުމަށް އަމުރުކޮށް ދިނުމަށް މަހްފޫޒު އެދިވަޑައިގަތެވެ.
ނަމަވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ އެކަމަށް ފާޅުގައި ދެކޮޅު ހަދައިފަ އެވެ. އެ ކޮމިޝަންގެ ވަކީލް ހުސްނުއް ސުއޫދު ވިދާޅުވީ އެއްވެސް ބަޔަކަށް އިންޒާރު ދިންކަމުގެ ހެއްކެއް އެމްޑީޕީން ހުށަހަޅާފައިނުވާ ކަމަށެވެ. އަދި ވޯޓު ކަރުދާސްތަކުގައި ނިޝާންތަކެއް ޖަހާފައި ހުރި ނަމަވެސް އެފަދަ ވޯޓުތައް ބާތިލް ނުވާނެ ކަމަށް ގަވާއިދުގައި އޮންނަ ކަމަށް ސުއޫދު ވިދާޅުވި އެވެ.
އެ ކޮމިޝަންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ހަނީފާ ޚާލިދު ވިދާޅުވީ އެކަން ފާހަގަކޮށް އެމްޑީޕީން ޝަކުވާ ހުށަހަޅާފައިނުވާ ކަމަށާއި ޝަކުވާ ހުށަހެޅިނަމަ ވޯޓު ކަރުދާސްތައް އަލުން ގުނުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އެހެންކަމުން މިހާރު އެއީ އިންތިޚާބު ބާތިލްކުރަންޖެހޭ ސަބަބެއް ނޫން ކަމަށް ހަނީފާ ވިދާޅުވި އެވެ.
ސުއޫދުގެ ވާހަކަތަކަށް ރައްދު ދެއްވައި މަހްފޫޒް ވިދާޅުވީ ވޯޓުގެ ސިއްރުކަން ގެއްލޭފަދަ އެއްވެސް މާއްދާއެއް ގަވާއިދުގައި އޮވެގެން ނުވާނެ ކަމަށް ހައި ކޯޓުން ކުރިން ކަނޑައަޅާފައިވާ ކަމަށެވެ. އެހެންކަމުން ގަވާއިދުގައި އެހެން އޮތް ނަމަވެސް އެކަން އިސްލާހު ކުރަންޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަމާ ގުޅޭ ގޮތުން ސުއޫދު ވިދާޅުވީ އެގޮތަށް ހައި ކޯޓުން ކަނޑައެޅީ މަޖިލިސް އިންތިޚާބު އިއުލާންކުރި ފަހުން ކަމަށާއި އިންތިޚާބު އިއުލާންކުރާ ފަހުން ގަވާއިދަށް އެއްވެސް ބަދަލެއް ނުގެނެވޭނެ ކަމަށެވެ.
ދެ ފަރާތުގެ ވާހަކަތައް އަޑުއެހުމަށް ފަހު ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ އިތުރު ކަމެއް ސާފުކުރަން ޖެހިއްޖެ ނަމަ ނުވަތަ ހެއްކަކު ހާޒިރުކުރަން ޖެހިއްޖެނަމަ އިތުރު އަޑުއެހުމެއް ބާއްވާނެ ކަމަށެވެ. އެހެން ނޫންނަމަ ދެން އޮންނާނީ ހުކުމް ކުރުން ކަމަށް ވިދާޅުވި އެވެ.
އެ ބެންޗުގައި ތިއްބަވަނީ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމާއި ފަނޑިޔާރު އަބްދުﷲ ހަމީދުގެ އިތުރުން ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އެވެ. ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު ރައޫފެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ