ހަވީރު ވިއްކުން ހުއްޓުވުމަށް ވަގުތީ އަމުރެއް ނެރެދިނުމަށް އެދެފި

ހަވީރު ނޫސް އެޖެންސީގެ ދަށުން ކުރާ ވިޔަފާރިތައް ވިއްކުން ހުއްޓުވައިދިނުމަށް އެދި ވަގުތީ އަމުރެއް ނެރެދިނުމަށް ހަވީރު ނިއުސް އެޖެންސީގެ ބައެއް މުއައްސިސުން ސިވިލް ކޯޓުގައި މިއަދު އެދިއްޖެ އެވެ.
ވަގުތީ އަމުރަކަށް ކޯޓުގައި އެދިފައި ވަނީ ހަވީރުގެ މިލްކުވެރިކަމާ ގުޅޭ ގޮތުން ހަވީރު ނޫސް އެޖެންސީގެ ކުރީގެ ދެ މުއައްސިސެއް ކަމަށްވާ އިބްރާހީމް ރަޝީދު މޫސާ އާއި އަބްދުﷲ ފާރޫގު ސިވިލް ކޯޓުގައި އުފުލާފައިވާ ދައުވާގެ މިއަދު އޮތް އަޑުއެހުމުގަ އެވެ.
މި ދެ ބޭފުޅުންގެ ފަރާތުން ދައުވާ ހުށަހަޅުއްވަމުން ވަކީލު އިބްރާހީމް ރިޒާ ވިދާޅުވީ ހަވީރު ނޫހާއި ޗާޕްހާނާ އާއި އެންމެހާ ވިޔަފާރި ހިންގަމުން އަންނަނީ ހަވީރުގެ ޗެއާމަން މުހައްމަދު ޒާހިރު ހުސެއިން އާއި އިބްރާހީމް ރަޝީދު މޫސާ އާއި އަބްދުﷲ ފާރޫގު އަދި މުހައްމަދު ނައީމް ނަމަކަށް ކިޔާ މީހަކު އެއްވަރަށް ހިއްސާވާ ގޮތަށް 1 އޭޕްރީލް 1983 ވަނަ އަހަރު ގާއިމުކުރި އެއްބަސްވުމެއްގެ ދަށުން އުފެއްދި ހަވީރު ނޫސް އެޖެންސީގެ ދަށުން ކަމަށެވެ. އެ އެއްބަސްވުމުގައިވާ ގޮތުން ހަވީރުގެ މުދަލާއި ލިބޭ ފައިދާ ބަހަންޖެހެނީ ހަތަރު މުއައްސިސުންގެ މެދުގައި އެއް ހަމައެއްގެ ދަށުން ކަމަށްވާ އިރު މިހާތަނާ ޖެހެންދެން ވެސް ހަވީރުގެ ވިޔަފާރި ކުރިއަށް ގެންގޮސްފައި ވަނީ އަނެއް ތިން ބޭފުޅުންނަށް އެއްވެސް އެންގުމަކާ ނުލައި އަދި އެއްވެސް ފައިދާއެއް ވެސް ނުލިބޭ ގޮތަށް ޒާހިރު ހުސައިން އަމިއްލަ އަށް ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.
ދައުވާގައި އެދިފައި ވަނީ އެއްބަސްވުން ގާއިމުކުރި ދުވަހުން ފެށިގެން މިހާތަނަށް ހަވީރަށް ލިބުނު އާމްދަނީ އާއި މުދަލުން ކޮންމެ ބޭފުޅަށް ހަތަރު ބައިކުޅަ އެއް ބައި (25 ޕަސެންޓް) ނަގައިދިނުމަށެވެ. ހަތަރު ބޭފުޅުންގެ މެދުގައި ވެފައިވާ އެއްބަސްވުން ކޯޓަށް ވަނީ ހުށަހަޅައިފަ އެވެ.
ދައުވާކުރައްވާ ދެ ބޭފުޅުންގެ ހައްގު ހޯއްދެވުމަށް މަސައްކަތްކުރައްވާ އިރު ހަވީރާއި ހަވީރުގެ ދަށުން ހިންގާ އެންމެހާ ވިޔަފާރި ވިއްކާލަން އުޅޭކަމުގެ އަޑުތަކެއް މީޑިއާގައި އާންމުވެފައިވާ ކަމަށާއި މިއީ މުއައްސިސުންގެ ހައްގުތަކަށް އުނިކަމެއް ލިބިދާނެ ކަމަކަށް ވާތީ ހަވީރު ވިއްކުން ހުއްޓުވައިދިނުމަށް ވަގުތީ އަމުރެއް ނެރެދިނުމަށް ވެސް ވަކީލު ވަނީ އެދިވަޑައިގެންފަ އެވެ.
ޒާހިރު ހުސެއިންގެ ފަރާތުން ވާހަކަ ދައްކަވަމުން ވަކީލު ހުސްނު ސުއޫދު ވިދާޅުވީ ދައުވާ އަށް ޖަވާބުދާރީވުމަށް ދެ ހަފުތާގެ މުއްދަތަކަށް އެދިވަޑައިގަންނަވާ ކަމަށެވެ. ވަގުތީ އަމުރާ ބެހޭ ގޮތުން ވިދާޅުވީ ދައުވާކުރައްވާ ދެ ބޭފުޅުން ވެސް ދައުވާގައި އެދިވަޑައިގެންފައި ވަނީ ހަވީރުގެ ފައިދާ އާއި މުދަލުން ހިއްސާވާ މިންވަރެއް ނަގައިދިނުމަށް ކަމަށްވާ އިރު ވިއްކާލުމަކުން އެކަމަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށާއި ދައުވާ ލިބޭ ފަރާތުގެ ހައްގެއް އޮތް ނަމަ ހަވީރު ވިއްކައިލި ނަމަވެސް ލިބޭ އެއްޗަކުން އެ ހައްގު ނަގައިދެވޭނެތީ ވަގުތީ އަމުރު ނެރެދިނުމުގެ ތަނެއް ނެތް ކަމަށް ކަނޑައަޅައިދިނުމަށް އެދޭ ކަމަށް ވަކީލު ވިދާޅުވި އެވެ.
ފަނޑިޔާރު މަރިޔަމް ނިހާޔަތު ވިދާޅުވީ ވަގުތީ އަމުރާ މެދު ދެން އަންނަ އަޑުއެހުމެއްގައި ގޮތެއް ނިންމަވާނެ ކަމަށާއި އޭގެ ކުރިން ލިޔުމުން ޖަވާބު ދެއްވުމަށް ފުރުސަތު ދެއްވާ ކަމަށެވެ. މި މައްސަލައިގެ އަޑުއެހުމެއް ދެން ބާއްވާނީ ބުރާސްފަތި ދުވަހު ކަމަށް ވެސް ފަނޑިޔާރު އިއުލާނުކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ