މެމްބަރު މުހައްމަދު ރަޝީދަށް ވަކީލަކު އައްޔަންކުރަން ފުރުސަތު ދީފި

ފެބްރުއަރީ 8 ވަނަ ދުވަހު ސ. ގަން ޕޮލިސް ސްޓޭޝަންގައި ހުޅުޖެހި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (މެޓްރިކްސް މޯޑް) އާއި އިތުރު މީހަކަށް ވަކީލަކު އައްޔަންކުރަން ކްރިމިނަލް ކޯޓުން މިއަދު ފުރުސަތު ދީފި އެވެ.
ގަމު ޕޮލިސް ސްޓޭޝަނުގައި ހުޅުޖެހި މައްސަލައިގައި ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން ޓެރަރިޒަމްގެ ދައުވާކުރަން ކްރިމިނަލް ކޯޓަށް ފޮނުވީ 43 މީހެއްގެ މައްސަލަ އެވެ. އޭގެ ތެރެއިން 36 މީހެއްގެ ބައި މީގެ ކުރިން ވަނީ ކުރިއަށް ގެންގޮސްފަ އެވެ. ދެން ތިބި މީހުން އެކި ސަބަބުތަކާ ހުރެ ކޯޓަށް ހާޒިރުކުރެވިފައިނުވާތީ އެ މީހުންގެ ބައި އޭރު ކުރިއަށް ގެންދެވިފައެއް ނުވެ އެވެ. އޭގެ ތެރޭގައި މެމްބަރު މޯޑާއި ކައުންސިލް މެމްބަރު އަހުމަދު މިރުޒާދު ވެސް ހިމެނިވަޑައިގަންނަވަ އެވެ.
މިއަދު ކުރިއަށް ގެންދިޔަ މެމްބަރު މޯޑާއި އިތުރު މީހެއްގެ ބަ އެވެ. ވަކީލަކު އައްޔަން ކުރަން އެ ދެ މީހުންނަށް ދިނީ ތިން ދުވަހުގެ ފުރުސަތެކެވެ.
މިއަދުގެ ޝަރީއަތުގައި ދައުލަތުން އެ މީހުންގެ މައްޗަށް ކުރާ ދައުވާ އިއްވާފައެއް ނުވެ އެވެ. ނަމަވެސް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނި ގޮތުގައި މޯޑްގެ މައްޗަށް ދައުވާކުރަނީ އިތުރު ބަޔަކާ ގުޅިގެން ގަމުގެ ކޯޒްވޭ މަތީގައި ހުރެ ބާރުގެ ބޭނުންކޮށްގެން ފުލުހުންނާއި ސިފައިންގެ ސަފުތައް ރޫޅާލާނެ ކަމުގެ އިންޒާރު ދީ އަދި ގަމު ޕޮލިސް ސްޓޭޝަނަށް ވަދެ ގަތުމަށާއި ފުލުހުންނަށް ހަމަލާދިނުމަށާއި އަދި ގަމު ޕޮލިސް ސްޓޭޝަނާއި ފޭދޫ ކޯޓާއި ހިތަދޫ ޕޮލިސް ސްޓޭޝަން ކައިރީގައި ހުރެ އެތަން ތަނަށް ގެއްލުންދިނުމަށް ގޮވާފައިވާތީ އެވެ.
މޯޑްގެ މައްޗަށް ދައުވާކުރަނީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 2 ވަނަ މާއްދާގެ ޅ. އާއި ކ. އާއި ހަވާލާދީ އެ ގާނޫނުގެ 6 ވަނަ މާއްދާގެ ށ. ގެ ދަށުން ކަމަށް ޕީޖީން ބުނެ އެވެ.
އޭނާގެ މައްޗަށް އެ ދައުވާ ސާބިތުވެއްޖެ ނަމަ 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމަށް ނުވަތަ އަރުވާލުމަށް ހުކުމްކުރާނެ އެވެ. އެހެންވެއްޖެ ނަމަ މޯޑަށް މެމްބަރުކަމުގެ ގޮނޑި ވެސް ގެއްލޭނެ އެވެ.
އައްޑޫގައި ހިނގި ހުޅުޖެހުމުގެ ހާދިސާތަކާ ގުޅިގެން އެކަނި ވެސް މިހާތަނަށް 80 އާ ގާތްކުރާ އަދަދެއްގެ މީހުންގެ މައްޗަށް ދައުވާކުރަން ކްރިމިނަލް ކޯޓަށް ވަނީ ފޮނުވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ