ގާސިމް ރަހީނުކުރި މައްސަލާގައި ބަންޑާރަ ނާއިބު ޒިންމާވާންޖެހޭ: ދިޔާނާ

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ނުހައްގުުން ހައްޔަރުކޮށް ރަހީނުކުރި މައްސަލާގައި ދައުލަތުގެ ބަންޑާރަ ނާއިބް އަލްއުސްތާޒު މުހައްމަދު އަނިލަށް ޒިންމާއިން ބަރީއަވެގެން ނުހުންނެވޭނެކަމަށް ދައުލަތުގެ ކުރީގެ ބަންޑާރަ ނާއިބް އަލްއުސްތާޒާ ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ މިރޭ ކުރައްވާފައިވާ ޓްވީޓެއްގައެވެ.
ދިޔާނާގެ ޓްވީޓްގައި ވިދާޅުވެފައިވަނީ ގާސިމް އިބްރާހިމް ރަހީނުކޮށްގެން ތިބީ ސަރުކާރުގެ މުއައްސަސާއަކުންކަމަށާ ދައުލަތުގެ ބަންޑާރަ ނާއިބް އަލްއުސްތާޒު މުހައްމަދު އަނިލަށް ޒިންމާއިން ބަރީއަވެގެން ނުހުންނެވޭނެކަމަށެވެ.
އަދި ބަންޑާރަ ނާއިބް އޭނާގެ ޒިންމާ އަދާކުރުމުގައި ފަހަތަށް ޖެހިއްޖެނަމަ އޭނާގެ ރައީސްއާއިއެކު ޖަލަށްދާން ޖެހުމަކީ ގާތްކަމެއްކަމަށް ދިޔާނާ ވިދާޅުވިއެވެ. ދިޔާނާގެ ޓްވީޓްގައި ވަނީ އެމެރިކާގެ ރައީސް ރިޗަޑް ނިކްސަންގެ ވެރިކަމުގައި އޭނާގެ ބަންޑާރަ ނާއިބަކަށް ހުންނެވި މީހާ ޖަލަށްލީ ވާހަކަވެސް ބަޔާންކުރައްވާފައެވެ.
މީގެ އިތުރަށް ގާނޫންގެ ނައްސުތަކާއި ޚިލާފަށް ހައްޔަރުކޮށްގެން ގާނޫނީ ނިޒާމުގެ ރައްްކާތެރިކަމުން މަހުރޫމްކޮށްގެން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ގެންގުޅެމުންދާ ދިއުމަކީ ބޮޑު ޖަރީމާއެއްކަމަށްވެސް ދިޔާނާ ވިދާޅުވިއެވެ.
ގާސިމް ހައްޔަރުކޮށްފައިވަނީ އުސޫލްތަކުގެ ބޭރުންކަމަށްވާތީ އެމަނިކުފާނު ވަގުތުން މިނިވަންކުރުމަށް ސިޔާސީ ގިނަ ލީޑަރުންނާއި އާންމުން ދަނީ ގޮވާލަމުންނެވެ.
އަދި އުސޫލްތަކުގެ ބޭރުން ގާސިމް ހައްޔަރުކޮށްގެން ތިބޭ ކޮންމެ ވަގުތަކީ ކުށެއް ކުރުމުގެ ތެރޭގައި ތިބެވޭ ވަގުތުތަކެއްކަމަށާ އެއީ އެކަންކުރާ މީހުންގެ މައްޗަށް ދައުވާކުރެވޭނެކަމެއްކަމަށް ގާނޫނީ ބޭފުޅުންވެސް ގެންދަވަނީ ވިދާޅުވަމުންނެވެ. އެގޮތުން ގާސިމް ހައްުޔަރުކުރުމާއި ހައްޔަރުކޮށްގެން ގެންގުޅުމުގައި ބައިވެރިވާ ހުރިހާ އެންމެންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލޭނެކަަމަށްވެސް ގާނޫނީ ބޭފުޅުން ވިދާޅުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ