އިދިކޮޅު ފަރާތްތަކުން ރިޝްވަތު ދޭން އުޅުނު ކަމަށް ބުނާ މައްސަލައިގެ ތަހްގީގަށް މެމްބަރު އުމަރު ހުސައިން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފި

މަޖިލީހުގެ މެންބަރުންނަށް އިދިކޮޅު ފަރާތްތަކުން ރިޝްވަތު ދޭން  މަސައްކަތްކުރާ ކަމަށް ތުހުމަތުކޮށް ފުލުހުން ކުރަމުންދާ ތަހްގީގާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެމްބަރު އުމަރު ހުސެއިން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ބަޔާން ނަގައިފި އެވެ.
 
ރާއްޖެޓީވީއަށް އިތުބާރު ހުރި މަސްދަރުތަކުން ކަށަވަރުވެފައިވާ ގޮތުން އެމްޑީއޭ ޕާލިމެންޓްރީ ގުރޫޕަށް ނިސްބަތްވެވަޑައިގަންނަވާ އުމަރު ހުސެއިން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައިވަނީ މަރޗު މަހުގެ 30 ވަނަ ދުވަހު އެވެ. އަދި އުމަރު ހުސެއިން ހާޒިރުކޮށް ބަޔާން ނަގާފައިވަނީ ހުޅުމާލޭ ޕޮލިސް ސެޓޭޝަނަށެވެ.
 
ރާއްޖެޓީވީއަށް އެނގިފައިވާ ގޮތުގައި އުމަރު ހުސެއިން ހާޒިރުކޮށްފައި ވަނީ އިދިކޮޅު ފަރާތްތަކުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތުދޭން އުޅުނުކަމަށް ބުނާ މައްސަލައެއްގައި މައުލޫމާތު ސާފުކުރުމަށެވެ. ނަމަވެސް އެ މައްސަލައަކީ އޭނާއާއި ގުޅުމެއް ނެތް މައްސަލައެއްކަން އެނގިފައިވެއެވެ.
 
މިކަމާ ގުޅޭގޮތުން ފުލުހުންގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފަ އެވެ. އަދި މެމްބަރު އުމަރު ހުސެއިންގެ ފޯނު ނިއްވާލާފައިވުމުގެ ސަބަބުން އޭނާގެ ބަހެއް ވެސް ލިބިފައެއް ނުވެއެވެ.
 
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު އިތުބަރު ނެތްކަމުގެ މައްސަލާގައި، އުމަރު ހުސެއިން ވޯޓު ދެއްވާފައި ވަނީ މަސީހުގެ އިތުބަރު އޮތް ކަމަށެވެ. އަދި ސަރުކާރުން އެދުނު ގޮތަށް ހޯމަ ދުވަހުގެ ޖަލްސާގައި އުމަރު ހުސެއިން ކަންތައްތައް ކޮށްދެއްވާފައި ވެއެވެ.
 
އުމަރު ހުސެއިން ފުލުހުންގެ އިދާރާ އަށް ހާޒިރުކޮށްފައިވާއިރު ރިޝްވަތުދޭން އުޅުނުކަމުގެ ތުހުމަތުގައި  ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވެސް ވަނީ ފުލުހުންގެ އިދާރާ އަށް ހާޒިރުކޮށްފައެވެ. ނަމަވެސް ޤާސިމް ވެސް ވިދާޅުވެފައި ވަނީ ރިޝްވަތު ދިނުމަށް އެއްވެސް މަސައްކަތެއް ކުރައްވާފައި ނުވާނެ ކަމަށެވެ. ގާސިމް ހާޒިރުކުރެއްވީ ކްނޫޒްގައި ދެއްކެވި ވާހަކަތަކަކާ ގުޅިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ