ބޭންކު އެކައުންޓު ފްރީޒް ކުރުމުން ބިލުތަކަށް ފައިސާ ދައްކަން ވަނީ ދަތިވެފައި: ނަޖީބު ރައްޒާގު
ކުއަލަލަމްޕޫރު (ޖުލައި 12): މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގުގެ ބޭންކު އެކައުންޓު ފްރީޒު ކުރުމުން އާއިލާގެ ބިލުތަކަށް ފައިސާ ދައްކަން ދަތިވެފައިވާ ކަމަށް ނަޖީބު ވިދާޅުވެއްޖެ އެވެ. ނަޖީބު ވިދާޅުވި ގޮތުގައި އޭނާގެ އަމިއްލަ އެކައުންޓު ފްރީޒް ކުރިކަން އެނގުނީ ދަރިފުޅުގެ މެޑިކަލް ބިލް ދައްކަން ދިން ޗެކެއް ބައުންސް ވުމުންނެވެ. "އަޅުގަނޑަކީ އާދައިގެ ރައްޔިތެއްކަން ކަމާ ބެހޭ ފަރާތްތަކަށް ވިސްނެން ޖެހޭ. އަޅުގަނޑުގެ ގޭގައި އިސްކޮށް ހުންނަ މީހާގެ ގޮތުން، އަޅުގަނޑު ވެސް ބިލުތަކަށާއި މެޑިކަލް ބިލަށާއި ގޭގެ ކަންތައްތަކަށް ފައިސާ ހަރަދު ކުރަން ޖެހޭ،" ނަޖީބު ވިދާޅުވި އެވެ. އަދި ނަޖީބު ވަނީ އޭގެ ސަބަބުން ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށާއި އެނާގެ ބޭންކް އެކައުންޓު ފްރީޒް ކުރުމަކީ މާ ހަރުކަށި ފިޔަވަޅެއް ކަމަށް ވިދާޅުވެފަ އެވެ. މިދިޔަ މަހު މެލޭޝިއާގެ ނޫހަކުން ވަނީ ނަޖީބުގެ ދޮށީ އަންހެން ދަރިފުޅަށް ކެންސަރު ޖެހި، ކީމޯތެރަޕީ ދެމުންދާ ކަމަށް ބުނެފަ އެވެ. ރިޕޯޓުތަކުގައިވާ ގޮތުން މެލޭޝިއާގެ އެންޓި ކޮރަޕްޝަން ކޮމިޝަނުން ވަނީ އެގައުމުގެ އިންވެސްޓްމެންޓު ފަންޑު، ވަންއެމްޑީބީގެ ކޮރަޕްޝަނުގެ މައްސަލައާ ގުޅިގެން ގިނަ އަދަދެއްގެ އެކައުންޓުތައް ފްރީޒްކޮށްފަ އެވެ. އަދި އޭގެ ތެރޭގައި ނަޖީބުގެ ދަރިކަލުންނާއި ކާފަ ދަރިކަލުންގެ އެކައުންޓުތައް ވެސް ހިމެނޭ ކަމަށް ރިޕޯޓުތަކުގައިވެ އެވެ. ނަމަވެސް މިހާރު ނަޖީބުގެ ދަރިކަލުންގެ އެކައުންޓުތައް ބޭނުން ކުރެވޭ ގޮތް ހަދާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. މިމަހުގެ ހަތަރު ވަނަ ދުވަހު މެލޭޝިއާގެ ކޯޓަކުން ވަނީ ނަޖީބުގެ މައްޗަށް ކޮރަޕްޝަނުގެ ހަތަރު ދައުވާއެއްކޮށްފަ އެވެ. އެއީ ވަންއެމްޑީބީގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ އެސްއާރުސީ އިންޓަނޭޝަނަލްއިން ނަޖީބުގެ އެކައުންޓަށް 10.4 މިލިއަން ޑޮލަރު ޖަމާކުރި މައްސަލައިގަ އެވެ. ނަޖީބު ވަނީ އެދައުވާތައް ދޮގު ކުރައްވާފަ އެވެ. (ޗެނަލްނިއުސްއޭޝިއާ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ