"ހެސަވާދަ 2018" ނިންމާލައިފި

އެމްއެންޑީއެފުން އެ މުއައްސަސާގެ ޔުނިޓްތަކަށް އަމާޒުކޮށްގެން ބޭއްވި ހެސަ ވާދަ 2018 މުބާރާތް ނިންމާލައިފިއެވެ.ޖޫން މަހުގެ ބާވީސް ވަނަ ދުވަހު ފެށިގެން ކުރިއަށްގެންދިޔަ ހެސަވާދަ 2018 މުބާރާތުގައި ޖުމްލަ 14 ޔުނިޓަކުން ބައިވެރިވެފައިވާއިރު އެއްވަނަ ހޯދައި މުބާރާތް ކާމިޔާބުކޮށްފައިވަނީ އެ މުއައްސަސާގެ ދެވަނަ މެރިން ޑިޕްލޮއިމަންޓު ޔުނިޓުންނެވެ. މުބާރާތް ނިންމުމުގެ ރަސްމިއްޔާތު މާލޭ އިންޑަސްޓްރިއަލް ޒޯނުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިވެހިރާއްޖޭގެ ދިފާއީ ވަޒީރު އާދަމް ޝަރީފު އުމަރުއެވެ. މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަހުމަދު ޝިޔާމް ވަނީ ސިފައިންގެ އަސްކަރީ ވާޖިބުގެ ތެރެއިން ސިފައިންގެ ޤާބިލުކަން ދެމެހެއްޓުމަކީ މުހިންމުކަމެއްކަމަށާއި ކާބަފައިން ދިރިއުޅުމަށް ކޮށްފައިވާ މަސައްކަތްތަކުގެ ބުރަކަމާއި ހިތްވަރުގަދަކަން ފާހަގަކޮށްފައެވެ. މުބާރާތުގެ ވަނަވަނައަށް އައި ޔުނިޓުތަކަށް ހަނދާނީ ލިޔުމާއި ތައްޓާއި މެޑަލް ހަވާލު ކޮށްދީފައިވާއިރު މުބާރާތުގެ ހިންގާ ކޮމިޓީގެ އޮފިޝަލުންނަށާއި އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވި ޔުނިޓުތަކަށްވެސް އެ ރަސްމިއްޔާތުގައި ވަނީ ހަނދާނީ ލިޔުންވެސް ހަވާލުކޮށްދީފައެވެ. ސިފައިންގެ ޔުނިޓުތަކުގެ މެދުގައި ކުރިއަށްގެންދިޔަ މި މުބާރާތަކީ ދިވެހިން ޒަމާނުއްސުރެ ކުރަމުންއައި މަސައްކަތްތަކާއި ހަށިހެޔޮކަން ދެމެހެއްޓުމާ ގުޅުންހުރި ހަރަކާތްތަކާއި ގުޅުވާލައިގެން ކުރިއަށްގެންދިޔަ މުބާރާތެކެވެ. އެގޮތުން އެ މުބާރާތުގައި ދުވުމާއި، ތަންޑިޔާ އުފުލުމާއި، ދޯނި އެހެލުމާއި، ގަސްކެނޑުމާއި، ރުކަށްއެރުމުގެ އިތުރުން ވަޅުދިޔަ ހިއްކުމާއި، ލަނބުރާން ޖެހުމާއި، ލަނބުރާން ތިރިކުރުން ފަދަ ޗެލެންޖްތައް ވަނީ ބައިވެރިންނާއި ހަވާލުކޮށްފައެވެ. މި މުބާރާތަކީ ދިވެހި ސަޤާފަތާއި އާދަކާދަ ދިރުވައި އާލާކުރުމުގެ މަޤުސަދުގައި އެމްއެންޑީއެފުން ކުރިއަށްގެންދިޔަ މުބާރާތެއްކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ. އެމްއެންޑީއުފުން ކުރިއަށްގެންދިޔަ މި މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ދިފާއީ ވަޒީރާއި ޗީފް އޮފް ޑިފެންސް ފޯސްގެ އިތުރުން ވައިސް ޗީފް އޮފް ޑިފެންސް ފޯސްއާއި ސިފައިންގެ ޖެނެރަލް އޮފިސަރުންނާއި ސިފައިންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔަރ ކޮށްފައިވާ ޚިދުމަތްތެރިންގެ އިތުރުން ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްބޭފުޅުންގެ އިތުރުން ސިންފައިންގެ އެހެނިހެން ޜޭންކުތަކުގެ ގިނަ އަދަދެއްގެ ސިފައިން ވަނީ ބައިވެރިވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ