ފާއިތުވި ތިން އަހަރު ޑޮލަރުގެ އަގު ދަށް ނުވާ ވަރަށް ދަށްވެއްޖެ

ފާއިތުވި ތިން އަހަރު އެމެރިކާ ޑޮލަރުގެ އަގު ދަށް ނުވާ ވަރަށް މިއަދު ޑޮލަރުގެ އަގު ދަށްވެއްޖެ އެވެ. ދުނިޔޭގައި އާއްމުކޮށް ބޭނުން ކުރާ ހަ ގައުމެއްގެ ފައިސާއާ އަޅާ ބަލާއިރު ޑޮލަރުގެ އަގު 0.27 ޕަސެންޓް މިއަދު ދަށްވެފައިވާ އިރު ޔޫރޯގެ އަގު ވަނީ 0.3 ޕަސެންޓް މަތިވެފަ އެވެ. އެއީ ޑިސެމްބަރު 2014އިގެ ފަހުން ޑޮލަރުގެ އަގު އެހާވަރަށް ދަށްވި ފުރަތަމަ ފަހަރެވެ. ދެކުނު އެފްރިކާގެ ސްޓޭންޑާޑް ބޭންކްގެ ސްޓްރެޓެޖިސްޓް ސްޓީވެން ބަރޯ ވިދާޅުވި ގޮތުގައި ކުރިއަށް އޮތް އަހަރުތަކުގައި އެމެރިކާގެ ޑޮލަރުގެ އަގު ދަށްވަމުން ދާނެ ކަމަށް ލަފާ ކުރެވެ އެވެ. އޭގެ އެއް ސަބަބަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންގުޅުއްވާ "އެމެރިކާ ފަސްޓް" ސިޔާސަތު ކަމަށް ބަރޯ ވިދާޅުވި އެވެ. އެއީ އެސިޔާސަތުގެ ސަބަބުން އެމެރިކާ އެކަހެރިވެ، ދުނިޔޭގެ އިގުތިސާދުގައި އެމެރިކާގެ ޑޮލަރު އަދާ ކުރާ ދައުރު ކުޑަވެގެން ދާނެތީ އެވެ. އަދި މުސްތަގުބަލުގައި ޔޫރޯ އާއި ޔުއާން އިން ދާނީ އެމެރިކާ ޑޮލަރާ އެއްވަރެއްގައި ހިފަހައްޓަމުން ކަމަށް ރިޕޯޓުތަކުގައިވެ އެވެ. މީގެ އިތުރުން މިދިޔަ އަހަރު ޔޫރަޕިއަން ސެންޓްރަލް ބޭންކުން ވަނީ އެބޭންކުގެ ރިޒާވުގައި ހުރި 500 މިލިއަން ޔޫރޯގެ އަގު އެމެރިކާ ޑޮލަރު ޔުއާންއަށް ބަދަލުކޮށްފައިވާ ކަމަށް ބުނެފަ އެވެ. (ރޮއިޓާސް)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ