ވަކި ފަރުދަކު ޖޭޕީއާ ގުޅުމުން އިއްތިހާދުގެ ގުޅުމަށް ބުރޫއަރައިގެން ނުވާނެ - ގާސިމް

ވަކި ފަރުދަކު ޖުމްހޫރީ ޕާޓީއާ ގުޅުމުން އިދިކޮޅު އިއްތިހާދުގެ ގުޅުމަށް ބުރޫއަރައިގެން ނުވާނެ ކަމަށް ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ޖަރުމަނު ވިލާތުގައި މިވަގުތު ހުންނެވި ގާސިމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވަކި ފަރުދަކު ޖޭޕީއާ ގުޅުމުން އަދި މެމްބަރަކު ވަކި ކަމެއްގައި ތަފާތު ވިސްނުމެއް ގެންގުޅޭ ގޮތަކުން ރާއްޖެ އިސްލާހީ މަގަށް ގެނައުމަށް ޖޭޕީން ބައިވެރިވެފައިވާ އިއްތިހާދުގެ ގުޅުމަށް ބުރޫއަރައިގެން ނުވާނެ ކަމަށެވެ.
ގާސިމް މިހެން ވިދާޅުވެފައިވާއިރު ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ޖޭޕީއަށް މިދިޔަ ހަފްތާގައި ސޮއިކުރެއްވުމަށްފަހު ވަނީ އިއްތިހާދުގެ މައި ޕާޓީ ކަމަށްވާ އެމްޑީޕީ އަށް ބަހުގެ ހޫނު ހަމަލާތަކެއް ދެއްވާފައެވެ. އެގޮތުން އުމަރު ވަނީ އެމްޑީޕީގެ އެއްވެސް ކަމެއްގައި ވެސް އަދި އެމްޑީޕީން ބައިވެރިވާ އިދިކޮޅުގެ އެއްވެސް ހަރަކާތެއްގައި ވެސް ބައިވެރިނުވާނެ ކަމަށް ވިދާޅުވެފައެވެ.
އުމަރުގެ މި ވާހަކަތަކާ ގުޅިގެން އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މާރިޔާ އަހުމަދު ދީދީ ވިދާޅުވީ އެމްޑީޕީއާއެކު މަސައްކަތް ނުކުރައްވާނެ ކަމަށް އުމަރު ވިދާޅުވުމަކީ "ޕާޓީ ނިޒާމާ ބީރައްޓެހި މީހުން" ކުރާ ބާވަތުގެ ކަންކަން ކަމަށެވެ.
އުމަރު އަކީ ވަރަށް ކުރީއްސުރެން ފެށިގެން ވެސް އެމްޑީޕީ އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ފާޑު ވިދާޅުވަމުން ގެންދަވާ ބޭފުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ