ގާނޫނީ އިމުގެ ތެރެއަށް އެނބުރި ރުޖޫއަވުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް، ޖޫމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްހިމް ގޮވާލައްވައިފިއެވެ.
ބޭސްފަރުވާއަށް މިވަގުތު ޖަރުމަނުވިލާތުގައި ހުންނެވި ގާސިމް އިބްރާހިމް ފޯނުން ވީޓީވީއަށް ދެއްވި އިންޓަރވިއުއެއްގައި ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ވިޔަސް، ގާނޫނާއި ރައްޔިތުންގެ ކުރިމަތީގައި ގޮތް ދޫކުރަންޖެހޭ ކަމަށެވެ. ކަންކަން ކުރައްވަން ޖެހޭނީ ގާނޫނީ އިމުގެ ތެރެއިން ކަމަށެވެ.
ވެރިމީހާ ވިޔަސް، ފުލުހުން ވިޔަސް، އެމްއެންޑީއެފް މީހެއްވިޔަސް، ގާނޫނާ ޚިލާފް ވެއްޖެނަމަ އަދަބު ލިބޭނެ ކަމަށާއި، އެހެންކަމުން، އެއްވެސް ފަރާތަކުން ގާނޫނާ ޚިލާފް އަމުރަކަށް ކިޔަމަންވެގެންވެސް ނުވާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.
ރައީސް ޔާމީން އަމިއްލަ ދޫފުޅުން ދައްކަވާފައި ހުރި އެތައް ވާހަކައަކުން އެމަނިކުފާނު ދިވެހިރާއްޖޭގެ ގާނޫނުއަސާސީއާއި ގާނޫނުތަކާ ޚިލާފްވެވަޑައި ގެންފައިވާކަން ވަރަށް ސާފުކޮށް ފެންނާން އެބައޮތް ކަމަށާއި، އެހެންކަމުން އެކަމާ ރައީސް ޔާމީން ހައްޔަރުކޮށް އަޒުލުވެސް ކުރެވޭނޭ ކަމަށް ގާސިމް އިބްރާހިމް ވިދާޅުވިއެވެ.
"މާދުރަކުނެތް، ފުލުހުން އޭނާގެ އަތުގައި ބިޑިއަޅުވައިގެން ހައްޔަރުކޮށްގެން ތަހްގީގުކުރާ ދުވަސް. ފުލުހުންނާއި އެމްއެންޑީއެފުން ނުތިބޭނެ ގާނޫނާ ޚިލާފް އަމަލުތައް ހިންގާތަން ބަލާކަށް" ގާސިމް ވިދާޅުވިއެވެ.
ގާސިމް އިބްރާހިމް ވިދާޅުވީ، އެމަނިކުފާނުވެސް ހިމެނޭގޮތުން ރާއްޖޭގައި ހޯމް މިނިސްޓަރުކަން ކުރައްވާފައިވާ ޑރ. މުހަންމަދު ޖަމީލު އަހްމަދާއި، އުމަރު ނަސީރުވެސް ޖޭޕީއާ ގުޅިވަޑައިގެންފައިވާ ކަމަށާއި، ދިވެހި ފުލުހުން ގާނޫނުއަސާސީއާއި، ގާނޫނާ ޚިލާފް އަމުރުތަކަށް ކިޔަމަން ނުވާނޭ ކަމުގެ ޔަގީންކަން އެބޭފުޅުންނަށް އެބައޮތް ކަމަށް ވިދާޅުވިއެވެ.
ގާސިމް އިބްރާހިމްގެ ވާހަކަފުޅުގައި ދިވެހި ދައުލަތުގެ ތިންބާރުގެ ތެރެއިން އެއްބާރުގެ ވެރިޔާ، އުއްތަމަ ފަނޑިޔާރު ހައްޔަރުކުރި ކުރުން ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައި ވެއެވެ.
ސުޕްރީމް ކޯޓުގެ 5 ފަނޑިޔާރުންގެ އިއްތިފާގުން ނިންމާފަ އޮތްކަމެއް، ކުއްލި ނުރައްކަލުގެ އަމުރު ނެރެ، 2 ފަނޑިޔާރުން ހައްޔަރުކޮށް އަލުން އަމުރު ބަދަލުކުރުމަކީ ސުވާލު އުފެދޭ ކަމެއް ކަމަށް ވިދާޅުވިއެވެ. ޕީޕީއެމްގެ އިސް މެމްބަރުންތަކެއް، އުއްތަމަ ފަނޑިޔާރާއި، ފަނޑިޔާރު އަލީ ހަމީދަށް ބިރު ދައްކަވައި ވާހަކަ ދެއްކެވިކަންވެސް ގާސިމް ފާހަގަ ކުރެއްވިއެވެ.
ކުރީގެ ރައީސް މައުމޫން ހައްޔަރު ކޮށްފައިވާ މައްސަލާގައި ގާސިމް އިބްރާހިމް ވަނީ ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ރައީސް ޔާމީނަށް ވެރިކަން ހޯއްދަވައި ދެއްވުމުގައި އެންމެ ބުރަކޮށް މަސައްކަތް ކުރެއްވި ބޭފުޅަކީ މައުމޫނުކަން ގާސިމް ފާހަގަ ކުރެއްވިއެވެ.
ފުލުހުން އެއްވެސް ހައްގަކާ ނުލައި ގާސިމް އިބްރާހިމްގެ ދަރިކަލުން އިބްރާހިމް ސިޔާދު ހައްޔަރު ކޮށްގެން ޖަލުގައި ބަންދުކޮށްގެން އުޅޭ މައްސަލައާ ގުޅޭގޮތުން ސުވާލު ދެންނެވުމުން ގާސިމް ވިދާޅުވީ، އާއިލާގެ މައްސަލަ އެހާބޮޑު ކަމެއްގެގޮތުގައި ދެކެވަޑައި ނުގަންނަވާ ކަމަށެވެ.
"އަޅުގަނޑުގެ އާއިލާއަށްވެސް ހިތާމަވެރި ދުވަހެއް މީ. ހަމަ އެގޮތަށް މިއަދަކީ ގައުމަށް ވަރަށް ހިތާމަވެރި ދުވަހެއް. ގައުމަށް ބޮޑު މުސީބާތެއް މިވަނީ ކުރިމަތިވެފައި. އެންމެބޮޑު ހިތާމައަކީ ވެރިޔަކަށް ހުރި މީހާގެ ފަރާތުން ކުރިމަތިވެފައިވާ މުސީބާތް. ފުލުހުން ގާނޫނާ ޚިލާފް އަމަލެއް ހިންގާނެ ކަމަކަށް ނުދެކެން" ގާސިމް އިބްރާހިމް ވިދާޅުވިއެވެ.
ގާސިމް އިބްރާހިމް ވިދާޅުވީ، ފުރާނަ ދުއްވާލިޔަސް، ފުރާނަ ދަންދެން އެމަނިކުފާނު ދެމިހުންނަވާނީ ދިވެހިރައްޔިތުންގެ ހައްގުގައި ރައްޔިތުންނާ އެކުގައި ކަމަށެވެ.
ގާނޫނީ އިމުގެ ތެރެއަށް އެނބުރި ރުޖޫއަވުމަށް ރައީސް ޔާމީނަށް ގާސިމް އިބްރާހިމް ގޮވާލައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ