ޕާކިސްތާނުގެ ސުޕްރީމް ކޯޓުން އެގައުމުގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފް، މުޅި އުމުރުދުވަހަށް އިންތިޚާބުތަކުގައި ވާދަކުރެއްވުން މަނާކޮށްފިއެވެ.
ޕާކިސްތާނުގެ ސުޕްރީމް ކޯޓުގެ ނިންމުން މިގޮތަށް މިއައީ، މިއަހަރުގެ ފަހުކޮޅު ޕާކިސްތާނުގައި ބާއްވާ އާންމު އިންތިޚާބަށް ނަވާޒް ޝަރީފްގެ ޕާޓީން ތައްޔާރުވަމުން އަންނަނިކޮށެވެ.
ޕާކިސްތާނު ސުޕްރީމް ކޯޓުގެ ފަނޑިޔާރު އުމަރު އަތާ ބަންދިއަލް ކޯޓު މަޖިލީހުގައި މިއަދު އިއްވެވި ނިންމުމުގައި އޭނާ ވިދާޅުވެފައިވަނީ، އިންތިޚާބުތަކުގައި ވާދަކުރެއްވުން ނަވާޒް ޝަރީފަށް މަނާކުރެއްވުނީ "ދާއިމަށް" ކަމަށެވެ. އަދި އެނިންމުމަކީ ނަވާޒް ޝަރީފް ބޮޑުވަޒީރުކަމުގައި ހުންނަވަނިކޮށް، މަގާމުގެ ޝަރުތުތައް ގެއްލިއްޖެކަމަށް ކޯޓުން ކަނޑައެޅި މައްސަލައާ ގުޅިގެން ނިންމި ނިންމުމެއް ކަމަށްވެސް ސުޕްރީމް ކޯޓުން ބުނެފައި ވެއެވެ.
ސުޕްރީމް ކޯޓުގެ މި ނިންމުމުގެ ސަބަބުން ޕާކިސްތާނުގެ ބޮޑުވަޒީރުކަމުގެ މަގާމަށް އަދި އިންތިޚާބީ އެއްވެސް މަގާމަކަށްވެސް ދުވަހަކުވެސް އޭނާއަށް ވަޑައިނުގެންނެވޭނެއެވެ.
ނަވާޒް ޝަރީފާއި އޭނާގެ އާއިލާ މެމްބަރުންގެ މައްޗަށް ޕާކިސްތާނުގެ އެންޓި ކޮރަޕްޝަން ޚާއްސަ ކޮމިޝަނުން ހިންގި ތަހްގީގުގެ ނަތީޖާއަށް ރިއާޔަތްކޮށް ނަވާޒް ޝަރީފްގެ ބޮޑުވަޒީރުގެ މަގާމުގެ ޝަރުތު ގެއްލިއްޖެކަމަށް ޕާކިސްތާނުގެ ސްޕްރީމް ކޯޓުން ކަނޑައެޅީ މިދިޔަ އަހަރުގެ ޖުލައިމަހުގެ ފަހުކޮޅުއެވެ. އެކަމާ ގުޅިގެން ނަވާޒް ޝަރީފަށް ޖެހިވަޑައިގެންނެވީ މަގާމުން އިސްތިއުފާ ދެއްވުމަށެވެ.
ޕެނަމާ ޕޭޕަރސްއިން ލީކްކޮށްލި މައުލޫމާތުގައި ހިމެނޭ، ނަވާޒް ޝަރީފްގެ އާއިލާއާ ގުޅޭ ކޮރަޕްޝަންގެ މައްސަލަތަކާ ގުޅިގެން ނަވާޒް ޝަރީފްގެ މައްޗަށް ކޮރަޕްޝަންގެ ޝަރީއަތް ހިންގުމަށް ޕާކިސްތާނުގެ ނޭޝަނަލް އެކައުންޓެބިލިޓީ ކޯޓުން ރަސްމީގޮތުން ކަނޑާއަޅާފައިވާއިރު، ނަވާޒް ޝަރީފްގެ އަންހެން ދަރިކަނބަލުން މަރިޔަމްއާއި، ދަނބިދަރިކަލުންގެ މައްޗަށްވެސް ޝަރީއަތް ހިންގުމަށް ކޯޓުންވަނީ ރަސްމީގޮތުން ކަނޑައަޅާފައެވެ.
ނަވާޒް ޝަރީފް އެއްވެސް އިންތިޚާބެއްގައި ވާދަ ކުރެއްވުން ސުޕްރީމް ކޯޓުން މުޅި އުމުރަށް މަނާކުރުމުން، ނަވާޒް ޝަރީފްގެ މުސްލިމް ލީގު-ނަވާޒް ޕާޓީ (ޕީއެމްއެލް-އެން) އިން ވަނީ ވަގުތުން އެކަން ކުށްވެރިކޮށްފައެވެ.
ޕާކިސްތާނުގައި މިހާރުވެސް ވެރިކަންކުރާ މުސްލިމް ލީގު-ނަވާޒް ޕާޓީ (ޕީއެމްއެލް-އެން) ގެ ލީޑަރުކަމުގައި ނަވާޒް ޝަރީފް ހުންނެވުންވެސް ސުޕްރީމް ކޯޓުން މަނާކުރުމުން، ނަވާޒް ޝަރީފްގެ އެއްބަނޑު އެއްބަފާ ކޮއްކޯފުޅު ޝަހްބާޒް ޝަރީފް ޕާޓީ ހިންގުމާ ހަވާލުވެވަޑައިގެންފައިވަނީ މިދިޔަމަހުއެވެ.
ނަވާޒް ޝަރީފްގެ އާއިލާގެ މައްޗަށް އުފުލިފައިވާ ކޮރަޕްޝަންގެ ތުހުމަތުތައް އެ އާއިލާގެ އިތުރުން، ސަޕޯޓަރުންވެސް ގެންދަނީ ދޮގުކުރަމުންނެވެ. އެމީހުން ބުނަމުންގެންދަނީ ނަވާޒް ޝަރީފްއަކީ ޕާކިސްތާނުގެ ނުފޫޒުގަދަ އަސްކަރިއްޔާގެ ތެރެއިން ރޭވިގެން އައި ރޭވުމެއްގެ ޝިކާރައެއް ކަމަށެވެ.
ނަވާޒް ޝަރީފް އިންތިޚާބުތަކުގައި ވާދަކުރެއްވުން ޕާކިސްތާނުގެ ސުޕްރީމް ކޯޓުން މުޅި އުމުރަށް މަނާކުރިއިރު، އިންތިޚާބުގައި މުސްލިމް ލީގު-ނަވާޒް ޕާޓީއަށް އެންމެބޮޑު ގޮންޖެހުންތަކެއް ކުރިމަތިވާތީ، ކުރީގެ މަޝްހޫރު ކުރިކެޓް ކުޅުންތެރިޔާ އިމްރާން ޚާންއާއި އޭނާގެ ތަހްރީކޭ އިންސާފު ޕާޓީގެ ފަރާތުން ކަމަށް ބެލެވިފައި ވެއެވެ.
ނަވާޒް ޝަރީފްގެ އާއިލާގެ ކޮރަޕްޝަން މައްސަލަ ހޫނުކޮށް، އެކަމާއިގެން ކޯޓަށް ވަޑައިގަތުމާއި، ނަވާޒް ޝަރީފް ބޮޑުވަޒީރުކަމުން ދުރުކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވީ އިމްރާން ޚާންއެވެ.
މިކަންކަމާ ގުޅިގެން އިމްރާން ޚާންއާއި އޭނާގެ ޕާޓީގެ މަގްބޫލްކަން ޕާކިސްތާނުގައި އެތައް ގުނަ މައްޗަށް ގޮސްފައި ވީނަމަވެސް، މިފަހުން ބޭއްވި ހުރިހާ ބައި-އިލެކްޝަންތައްވެސް ކާމިޔާބު ކޮށްފައިވަނީ މުސްލިމް ލީގު-ނަވާޒް ޕާޓީންކަން މީޑިއާއިން ފާހަގަ ކުރެއެވެ.
ޕާކިސްތާނު ޕާލަމެންޓްގައި 342 ގޮނޑި ހިމެނޭއިރު ޕާލަމެންޓްގެ އަޣުލަބިއްޔަތު އޮތީ މުސްލިމް ލީގް ޕާޓީއަށެވެ.
ޕާކިސްތާނުގެ ސުޕްރީމް ކޯޓުން ނަވާޒް ޝަރީފް އިންތިޚާބުތަކުގައި ވާދަކުރެއްވުން މުޅި އުމުރަށް މަނާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ