ހަތަރު މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމައް ސުޕްރީމް ކޯޓުން ވަނީ ނިންމާފައި - އަލީ ޒާހިރު

ރައްޔިތުންގެ މަޖިލީހުގެ ހަތަރު މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ނިންމާފައިވާ ކަމަށް އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.
އިލެކްޝަން ކޮމިޝަނުން ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާފައި ވަނީ ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) އާއި މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތާއި ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިނާއި ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފު މުހައްމަދު އެވެ.
އިދިކޮޅު ޕާޓީތަކުން މ. ކުނޫޒްގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އަލީ ޒާހިރު ވިދާޅުވީ ސުޕްރީމް ކޯޓުގެ ނިންމުން ވަރަށް ސާފު ކަމަށާއި ހަތަރު މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ސްޕުރީމް ކޯޓްގެ ހުކުމުން ފެންނަން އެބައޮތް ކަމަށެވެ.
އަލީ ޒާހިރު މިހެން ވިދާޅުވިއިރު ހަތަރު ބޭފުޅުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި އެދިފައި ވަނީ އެބޭފުޅުންގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައަޅައިދިނުމަށެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ ނިންމުމުގައި ވަނީ މައްސަލައިގައި އިތުރަށް ބުނާނެ އެއްޗެއް ނެތް ކަމަށެވެ. މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުގެ ޙުކުމުގައި ބުނެފައެއް ނުވެއެވެ.
ރޭގެ ޖަލްސާގައި އިތުރަށް ވާހަކަ ދަކަވަމުން އަލީ ޒާހިރު ވަނީ ރައީސް ޔާމީންއަށް އޮތް ތާއީދު ދުވަހެއް ދުވަހަކަށް ދާނީ ދައްވަމުން ކަމަށްވެސް ވިދާޅުވެފައެވެ. އަދި ތާއީދަކީ ހަދާ ގާނޫނަކުން ލިބޭ އެއްޗެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އިދިކޮޅު ހަރަކާތްތައް އަލުން ރޭ ފެށިއިރު ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްގެ މައްޗަށް މިދިޔަ މަހު 24 ވަނަ ދުވަހުގެ ރޭ ވަނީ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް ކޮށްފައެވެ.
މަޖިލިސް މެމްބަރުންނަށް ރިޝްވަތު ހުށައެޅުއްވި ކަމުގެ ކުށުގައި ޤާސިމްގެ މައްޗަށް ހުކުމްކޮށްފައިވާއިރު ޤާސިމް މިވަގުތު ހުންނެވީ ހިތުގެ އާލާސްކަންފުޅަކަށް ފަރުވާ ހޯދުމަށް ސިންގަޕޫރަށް ވަޑައިގެންނެވެ.
އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ތިން ލީޑަރުން ކަމަށްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އިތުރުން އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވެސް ޖަލު ހުކުމެއް ތަންފީޒުކުރައްވާއިރު އެ ޕާޓީތަކުގައި ދެން އިސްކޮށް ތިއްބެވި ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުންތަކެއްގެ މައްޗަށް ވެސް ތުހުމަތުކޮށް ދައުވާތަކެއް ވަނީ އުފުލައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ