އައްޑޫ ކަރަންޓުގެ މައްސަލަ ހައްލު ކުރަން ވަރަށް މަސައްކަތް އެބަ ކުރަން: ފެނަކަ
އައްޑޫ ސިޓީއަށް މިހާރު ކުރިމަތިވެފައިވާ ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރައްވާ ކަމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އިން ބުނެފިއެވެ. މިއަދު ފެނަކަ ކޯޕަރޭޝަންގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން އެ ކޯޕަރޭޝަންގެ ޗީފް ޓެކްނިކަލް އޮފިސާ ހުސައިން ހަމީޒު ވިދާޅުވީ އައްޑޫ ސިޓީގެ ކަރަންޓުގެ ހިދުމަތަށް މައްސަލަ ޖެހިފައި ވަނީ އެ ސިޓީގައި ބަހައްޓާފައިވާ 11 ޖެނެރޭޓަރުގެ ތެރެއިން ހަތަރު ޖެނެރޭޓަރަށް ކަމަށާއި އޭގެ ތެރެއިން ތިން ޖަނަރޭޓަރަށް މައްސަލަ ދިމާވީ ވަރަށް ކައިރި ކައިރީ ކަމަށެވެ. ކަރަންޓުގެ ހިދުމަތަށް ވަގުތީ ހައްލެއް މި މަހުގެ 15 ވަނަ ދުވަހު ލިބިގެންދާއިރު ކަރަންޓުގެ މައްސަލަ އެއްކޮށް ހައްލުވާނީ އަންނަ ޑިސެމްބަރު މަހުގައި ކަމަށް އޭނާ ވިދާޅުވި އެވެ. މައްސަލަ ޖެހުނީ އައްޑޫ ސިޓީގައި ބަހައްޓާފައިވާ 750 ކިލޯވޯޓުގެ ޖަނަރޭޓަރަކަށާއި އެއް މެގަވޮޓުގެ ދެ ޖަނަރޭޓަރަކަށާއި 800 ކިލޯވޮޓުގެ ޖަނެރޭޓަރަކަށް ކަމަށާއި އެކަމަށް ވަގުތީ ހައްލެއްގެ ގޮތުން މިހާރު ގދ. ތިނަދޫއިން ދެ ޖެނެރޭޓަރު އައްޑޫއަށް ގެންގޮސް މައްސަލައަށް ވަގުތީ ހައްލެއް ހޯދުމަށް މަސައްކަތް ކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. "މޫސުން ގޯސްވުމުގެ ސަބަބުން އެކަމަށް ހުރަސް އެޅިގެން މިދަނީ. މިމަހު އަށެއްގައި ޖަނަރޭޓަރު މާލެއިން ފޮނުވާލައިފިން. އެކަމަކު މޫސުން ގޯސްވުމުގެ ސަބަބުން ލ. މާބައިދޫގައި ބޯޓު މަޑުކޮށްފައި ވަނީ. އެކަމަކު މިއަދު އަނެއްކާވެސް އައްޑޫއަށް ފުރާފައިވާ ކަމަށާއި މާދަން ނޫން އަނެއް ދުވަހު އައްޑޫއަށް ޖަނަރޭޓަރުތަށް ގެންދެވޭނެ. މި މަހުގެ 15 ގައި ވަގުތީ ގޮތުން ކަރަންޓްގެ ހިދުމަތް ލިބޭނެ،" ހަމީޒް ވިދާޅުވިއެވެ. ހަމީޒު ވިދާޅުވީ ދާއިމީ ހައްލެއްގެ ގޮތުން 2.4 މެގަވޮޓުަގެ ދެ ޖެނެރޭޓަރު އައްޑޫއަށް ފޯރުކޮށްދީފައިވާ ކަމަށާއި އެ ޖެނެރޭޓަރު އިންސްޓޯލް ކުރުމަށްޓަކައި ގާއިމް ކުރަން ޖެހޭ ސީވޯޓާ ކޫލިން ސިސްޓަމްގެ މަސައްކަތް މިހާރު ދަނީ ކުރަމުން އަންނަ ކަމަށެވެ. އެ ގޮތުން އައްޑޫ ސިޓީއަށް ކަރަންޓްގެ ދާއިމީ ގޮތުން ހައްލެއް ލިބޭނީ އަންނަ ޑިސެމްބަރު މަހުގެ ފަހުކޮޅުގައި ކަމަށް ފެނަކައިން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ