ކަރަންޓު ބިލް ސަބްސިޑައިޒް ކުރިއިރުވެސް ބިލް ބޮޑުވިކަމުގެ ޝަކުވާ އިންތިހާއަށް!

މިދިޔަ މަހުގެ ކަރަންޓު ބިލް ލިބުނުއިރު ކުރީ މަސްތަކަށްވުރެ ބިލް ބޮޑުވެފައިވާކަމަށް ބުނެ ބައެއް ފަރާތްތަކުން ޝަކުވާ ކުރަން ފަށައިފިއެވެ.
 
ކޮވިޑް 19 އާއި ގުޅިގެން އޭޕްރިލް އަދި މެއި މަހުގެ ކަރަންޓު ބިލުން 40 އިންސައްތަ ސަބްސިޑީގެ ގޮތުގައި ކަނޑައިދިނުމަށް ސަރުކާރުންވަނީ ނިންމާފައެވެ. އެގޮތުން ފެނަކަ މީދޫ ބުރާންޗުން އޭޕްރިލް މަހުގެ ބިލްތައް ގޭގެއަށް ފޮނުވާފައިވަނީ 40 އިންސައްތަގެ ސަބްސިޑީ ބިލުން ކަނޑާފައެވެ.
 
އެހެންނަމަވެސް އާއްމު ރައްޔިތުންގެ ޝަކުވާއަކީ ބިލްގެ ޖުމްލަ އަދަދު ކުރީ މަސްތަކަށްވުރެ ބޮޑުތަން ބޮޑުވެފައިވާކަމުގެ ޝަކުވާއެވެ. މީދޫ ޓައިމްސްއަށް މަޢުލޫމާތުދިން ފަރާތަކުން ބުނި ގޮތުގައި މީގެ ކުރިން 2000 ރުފިޔާ ވަރު އަރާ ބިލަށް މި މަހު ވަނީ 3200 އަށްވުރެ ބޮޑުކޮށް އަރާފައެވެ.
 
އިތުރު މީހަކު މަޢުލޫމާތު ދިން ގޮތުގައި ފާއިތުވެދިޔަ މަސްތަކަށްވުރެ މިދިޔަ މަހުގެ ބިލު ވަނީ 1000 ރުފިޔާ ބޮޑުވެފައެވެ. މި މަހުގެ ބިލް އައުމާއެކު ގިނަ ބަޔަކު އަންނަނީ މި ޝަކުވާ ކުރަމުންނެވެ.
 
މިކަމާއި ގުޅޭ ގޮތުން ފެނަކަ މީދޫ ބުރާންޗު ހިންގުމާއި ހަވާލުވެ ހުންނެވި ހުސައިން އަލީއަށް ސުވާލުކުރުމުން ވިދާޅުވީ، މިދިޔަ މަހު ކަރަންޓު ބޭނުންކުރި މިންވަރު އެހެން މަސްތަކަށްވުރެ ބޮޑުތަން އިތުރުވެފައިވާކަން ފާހަގަކުރެވިފައިވާކަމަށާއި ކަރަންޓު ބިލަށް އަރާފައިވާވަރު ބޮޑުވެފައިވަނީ އެހެންވެކަމަށް ފެންނަކަމަށެވެ. އަދި ބިލް ބޮޑުވެފައިވަނީ ހިސާބު ހެދުމުގެ މައްސަލައެއްގެ ސަބަބުން ނޫންކަންވެސް ހުސައިން އަލީ ފާހަގަކުރެއްވިއެވެ.
 
ކަރަންޓު ބިލްގައި މައްސަލައެއް އުޅޭކަމުގައި ވަނީނަމަ އެ ކަމެއް ފެނަކަ މީދޫ ބްރާންޗުގެ އޮފީހަށް ހުށައެޅުމަށްވެސް ފެނަކައިން އެދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ