މައުމޫން ފެއަށްޖެހިވަޑައިގަތުމަށް ޑރ ޝައިނީ ގޮވާލައްވައިފި

އައު ލީޑާޝިޕަކަށް ފުރުސަތުދެއްވަންޖެހޭކަމަށާ ރައީސް މައުމޫންގެ 30 އަހަރުގެ ވެރިކަން ރައްޔިތުންނަށް ފުދިއްޖެކަމަށް ވިދާޅުވެ ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަލްއުސްތާޒް މައުމޫން އަބުދުލްގައްޔޫމަށް މިސަރުކާރުގެ ފިޝަރީޒް މިނިސްޓަރު ޑރ މުހައްމަދު ޝައިނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ ތެރެއިން އުސޫލްތައް ގެއްލި ޕާޓީގެ މަގްސަދާއި ހިލާފަށް ކަންކަން ހިނގަމުންދާކަމަށް ވިދާޅުވެ ޕާޓީ އިސްލާހުކުރުމުގެ މަސައްކަތް ފައްޓަވާފައިވާކަމަށް ރައީސް މައުމޫން އިއުލާން ކުރެއްވުމާއި ގުޅިގެން މިނިސްޓަރު ޝައިނީ އެކަމަށް ފާޑުވިދާޅުވެ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ މައުމޫންގެ 30 އަހަރުގެ ވެރިކަން ރައްޔިތުންނަށް ފުދިއްޖެކަމަށެވެ.
އަދި ތަރައްގީގެ ރޮގުގައި ވޭތިވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ރައީސް އަބުދުﷲ ޔާމީން މިގައުމަށް ބޮޑެތި ކުރިއެރުންތަކެއް ގެނެސްދީފައިވާކަމަށް ޑރ ޝަައިނީ ވިދާޅުވިއެވެ. އެހެންކަމުން ރައީސް މައުމޫން ފެއަށްޖެހިވަޑައިގެން އައު ލީޑާޝިޕަކަށް ފުރުސަތު ދެއްވަންޖެހޭކަމަށް ފިޝަރީޒް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
ޑރ ޝަައިނީ ރައީސް މައުމޫނަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވާފައިވާއިރު، މައުމޫން އުޅުއްވަނީ ޕީޕީއެމް ހިސާރުކޮށްގެންކަމަށް ވިދާޅުވެ ޕީޕީއެމްގެ ނާއިބް ރައީސް އަބުދުއްރަހީމް އަބުދުﷲވެސް ވަނީ މައުމޫނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޕީޕީއެމްއަކީ މައުމޫން ބޭނުންފުޅުގޮތަކަށް ހިންގަވާ އަދި ހުއްޓުވާފައި ބޭއްވޭނެ ޕާޓީއަކަށް ހެދުމުގެ ފުރުސަތު ނުދެއްވާނެކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
2018 ވަނަ އަހަރުގެ ރިޔާސީ ޓިކެޓް ޕްރައިމަރީއަކާއި ނުލައި ދިނުމުގެ މައްސަލައާއި، ފަޅުރަށްތަކާއި ފަޅުތައް ބިޑްކުރުމެއްނެތި ދޫކުރެވޭގޮތަށް ޓްއަރިޒަމާއި ބެހޭ ގާނޫނަށް ގެނައި އިސްލާހާއި ގުޅިގެން ރައީސް މައުމޫނާއި ޕީޕީއެމްގެ އިސް ބޭފުޅުންނާއި ވަނީ ވަރަށް ބޮޑަށް ހިޔާލް ތަފާތުވުންތައް އުފެދިފައެވެ.
މިމައްސަލައާއި ގުޅިގެން ރައީސް މައުމޫން ވަރުގަދަ ބަޔާނެއް ނެރުއްވާފައިވާއިރު، މިހާތަނަށް ރައީސް ޔާމީން މިމައްސަލައާއި ގުޅިގެން އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.
ރައީސް މައުމޫން ވަނީ ވެރިކަމުގެ ތެރޭގައާއި، މަޖިލީހާއި، ސަރުއީ ނިޒާމުގައި ނުރަނގަޅު އެތަށްކަމެއް ހިނގަމުންދާކަމަށާ އެއީ ޕީޕީއެމްގެ އުސޫލްތަކާއި ހިލާފްކަމެއްކަމުގައި ވިދާޅުވެ އެކަންކަން ރަނގަޅުކުރުމަށް އިސްލާހީ ވަރުަގަދަ އެޖެންޑާއެއް މިރޭ އިއުލާންކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ