އައިއެސްގެ ބޭނުމަކީ ސޫރިޔާގެ ރައްޔިތުން ބޭރުކޮށް ހަރުކަށި މީހުން ވަޒަންވެރި ކުރުވުން

ޕެރިސް (ސެޕްޓެމްބަރު 9): އިސްލާމިކް ސްޓޭޓް ނުވަތަ އައިއެސް ޖަމާއަތުގެ މަގްސަދަކީ ސޫރިޔާގެ ރައްޔިތުން އެ ގައުމުން ބޭރުކޮށް އެ ޖަމާއަތުގެ ހަރުކަށި ފިކުރަށް ތަބާވާ ހަނގުރާމަ ވެރިންނާ އެ މީހުންގެ އާއިލާތައް ސޫރިޔާގައި ވަޒަންވެރި ކުރުވުން ކަމަށް ސޫރިޔާ އާއި އިރާގުގެ ބައިމަދު ނަސްލުތައް ހިމާޔަތް ކުރުމާ ބެހޭ ގޮތުން ޕެރިހުގައި އިއްޔެ ބޭއްވި މަހާސިންތާއިން ބުނެފި އެވެ. އެއް ދުވަހުގެ އެ މަހާސިންތާއިން ނެރުނު ގުޅިފައިވާ ބަޔާނުގައި އައިއެސް ޖަމާއަތުން އިރާގާއި ސޫރިޔާގެ ބައިމަދު ނަސްލުތަކުގެ މީހުން ބޭރުކޮށް އެމީހުންގެ ނަސްލު ސާފުކުރުމަށް މަސައްކަތް ކުރަމުންގެންދާ ކަމަށް ތުހުމަތުކޮށް އެކަން ހުއްޓުވުމަށް ގުޅިގެން މަސައްކަތް ކުރުމަށް މަހާސިންތާގައި ބައިވެރިވި ގައުމުތަކުން އެއްބަސްވެފައިވެ އެވެ. ފަސްދޮޅަސް ގައުމަކުން މަންދޫބުންނާއި އދ. އާއި ޔޫރަޕްގެ އިއްތިޙާދުގެ ބައެއް މަސްއޫލުވެރިން ބައިވެރި ވަޑައިގެންނެވި މި މަހާސިންތާގައި އައިއެސް އިން އިރާގުގެ އިޒީދީ ދަރިކޮޅުގެ މީހުންނަށް ކުރަމުން ގެންދާ ގޯނާތައް ހުއްޓުވައި އެ މީހުން ހިމާޔަތްކުރުމާ ބެހޭ ގޮތުން ކަންތައްތަކެއް ކުރުމަށް އެއްބަސްވެފައިވެ އެވެ. މި މަހާސިންތާގައި ބައިވެރިވި ސޫރިޔާގެ އިދިކޮޅު ޖަމާއަތްތައް ތަމްޘީލްކުރާ މަންދޫބުން ވަނީ ސޫރިޔާގެ ދާޚިލީ ހަނގުރާމައިގެ ސަބަބުން ރެފިއުޖީންގެ ގޮތުގައި އެގައުމުން ބޭރުވާ ހުރިހާ މީހުން އެހެންގައުމުތަކުގައި ވަޒަންވެރި ކުރުވުމަކީ އެކަމުގެ ހައްލު ނޫން ކަމަށް ވިދާޅުވެފަ އެވެ. އެ ބޭފުޅުން ވިދާޅުވި ގޮތުގައި ސޫރިޔާއިން ސޫރިޔާގެ ރައްޔިތުން ބޭރުކޮށް އައިއެސްގެ ހަރުކަށި ފިކުރަށް ތަބާވާ ބޭރު ގައުމުތަކުގެ މީހުން ސޫރިޔާގައި ވަޒަންވެރި ކުރުވުމަކީ އައިއެސްގެ ރޭވުމެއް ކަމަށާ ސޫރިޔާގެ ރެފިއުޖީން އެހެން ގައުމުތަކުގައި ދާއިމީ ކޮށް ވަޒަންވެރި ކުރުވުމަކީ އައިއެސްގެ ހަރުކަށި އެޖެންޑާއަށް ހިއްވަރު ދިނުންކަމުގައެވެ. މިކަން ހައްލު ކުރެވޭނީ ސޫރިޔާގެ ލޭއޮހޮރުވުމުގެ މައިގަނޑު ސަބަބުކަމަށްވާ ރައީސް ބައްޝާރުގެ ވެރިކަން ނިމުމަކަށް ގެނަސްގެން ކަމަށްވެސް އެބޭފުޅުން ވިދާޅުވިއެވެ. މި މަހާސިންތާގައި ވާހަކަ ދައްކަވަމުން ފަރަންސޭސި ޚާރިޖީ ވަޒީރު ލޮރަން ފެބިއޮސް ވަނީ ސޫރިޔާގެ ދާޚިލީ ހަނގުރާމައިގެ ސަބަބުން ރެފިއުޖީންގެ ގޮތުގައި އެގައުމުން ބޭރުވާ ހުރިހާ ރައްޔިތުން އެހެން ގައުމުތަކުގައި ވަޒަންވެރި ކުރުވުމަކީ ގޯހެއްކަމަށް ސިފަކުރައްވާފައެވެ. ފެބިއޮސް ވިދާޅުވީ އައިއެސް ގެ މަގްސަދަކީ ސޫރިޔާގެ ރައްޔިތުން އެގައުމުން ބޭރުކޮށް އެޖަމާއަތުގެ ހަރުކަށި ފިކުރަށް ތަބާވާ ހަނގުރާމަވެރިންނާއި އެމީހުންގެ އާއިލާތައް ސޫރިޔާގައި ވަޒަންވެރި ކުރުވުންކަމަށް ދެކެވަޑައިގަންނަވާ ކަމުގައެވެ. ނަމަވެސް މީގެމާނައަކީ ހާލުގައި ޖެހިފައިވާ ސޫރިޔާގެ ރެފިއުޖީންނަށް ވަގުތީ ހިޔާވަހިކަން މިހާރު ނުދިނުން ނޫންކަމަށް އޭނާ ވިދާޅުވިއެވެ. އިސްރާއީލުގެ ހަރުކަށި ޒަޔަނިސްޓުންނަކީ ވެސް މިފަދަ ބައެކެވެ. ޒަޔަނިސްޓުންވެސް ގެންދަނީ ފަލަސްތީނުން ފަލަސްތީނުގެ ރައްޔިތުން ބޭރުކޮށް ޔަހޫދީ ހަރުކަށި ވިސްނުމުގެ މީހުން ދުނިޔޭގެ ކަންކޮޅުތަކުން ގެނަސް ފަލަސްތީނުގެ ބިންތަކުގައި ވަޒަންވެރި ކުރުވަމުންނެވެ. (ނޫސްއެޖެންސީތައް)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ