ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ގައުމީ ހިންގާ ކޮމިޓީން ނިންމާފައިވާ ނިންމުމާ އެއްގޮތްވާ ގޮތުގެ މަތިން، “ހުޅުމާލެ މެޖިސްޓްރޭޓް ކޯޓު”ގެ ސައްހަ ކަމާމެދު ސްޕްރީމް ކޯޓަށް ހުށަހެޅިފައިވާ މައްސަލައިގައި ތަދައްޚުލްވުމަށް އެމްޑީޕީން ސްޕްރީމް ކޯޓުގައި އެދެފިއެވެ.
ހުޅުމާލޭ ކޯޓުގެ މައްސަލައިގެ ތެރެއަށް ވަނުމަށް ނަޝީދުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅިކަން ސުޕްރީމް ކޯޓުން ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް އެ ފުރުސަތު ނަޝީދަށް ދިނުމާމެދު އަދި ވަކި ޖަވާބެއް ނުދޭ ކަމަށް ސުޕްރީމް ކޯޓުން ވަނީ ބުނެފަ އެވެ.
ހުޅުމާލޭ ކޯޓުގެ ސައްހަކަމާ މެދު ސުވާލު އުފައްދާފައިވާ މައްސަލަ ސުޕްރީމް ކޯޓުން ބަލަން ނިންމާފައި ވަނިކޮށް އެ މައްސަލައިގެ ތެރެއަށް ތަދައްޙުލްވުމަށް އެދިފައިމިވަނީ ހުޅުމާލޭ ކޯޓުގެ މައްސަލައިގެ ފުރަތަމަ އަޑުއެހުން މިއަދު މެންދުރުފަހު 00: 2 ގައި ސުޕްރީމް ކޯޓުގައި ބާއްވަން ތާވަލްކޮށްފައި ވަނިކޮށެވެ.
އެ މައްސަލަ ބައްލަވަނީ ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުން ކަމަށްވާ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސެއިނާއި ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި އަހުމަދު މުއުތަސިމް އަދުނާނާއި އަލީ ހަމީދު މުހައްމަދާއި އަބްދުﷲ ސައީދާއި އަބްދުﷲ އަރީފްގެ އިތުރުން އާދަމް މުހައްމަދު އަބްދުﷲ އެވެ. އާދަމް މުހައްމަދަކީ ސުޕްރީމް ކޯޓުގެ ފަރާތުން ޖޭއެސްސީ އަށް ކަނޑައަޅުއްވާފައި ހުންނަވާ ފަނޑިޔާރެވެ. އަދި އޭނާ އަކީ ޖޭއެސްސީގެ މިހާރުގެ ރައީސެވެ.
ސުޕްރީމް ކޯޓުގެ ވެބްސައިޓްގައިވާ ގޮތުން އެ މައްސަލައިގައި ދައުވާ ކުރާ ފާރާތަކީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެވެ. އަދި ދައުވާ ލިބޭ ފަރާތަކީ ސިވިލް ކޯޓަށް އެ މައްސަލަ ހުށަހެޅުއްވި ގާނޫނީ ވަކީލު އިސްމާއިލް ވިޝާމެވެ.
އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމްޑީޕީން އެ މައްސަލައިގައި ތަދައްޚުލްވުމަށް އެދިފައިވަނީ އެ މައްސަލައަކީ މި ޕާޓީގެ ރިޔާސީ ކެންޑިޑޭޓްގެ މަސްލަހަތު ހިމެނޭ މައްސަލައެއް ކަމަށް ވެފައި، އަދި އެގޮތުން މި ޕާޓީއާ ގުޅުންހުރި މި ޕާޓީގެ މަސްލަހަތު ވެސް ހިމެނޭ މައްސަލައަކަށްވެފައި، އެ މައްސަލައިގައި ސިޔާސީ ކުލަވަރުޖެހިފައިވާ ކަމަށް މި ޕާޓީއަށް ގަބޫލުކުރެވޭތީ ކަމަށެވެ.
"އެ މައްސަލައިގައި ސިޔާސީ ކުލަވަރުޖެހިފައިވާ ކަމަށް މި ޕާޓީއަށް ގަބޫލުކުރެވޭ އެއް ސަބަބަކީ ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ސިވިލް ކޯޓުގައި ހިނގަމުންދިޔަ މައްސަލައެއް ސްޕްރީމް ކޯޓަށް ހުށަހަޅަން ނިންމާފައި ވަނީ 31 އޮކްޓޯބަރ 2012 ވަނަ ދުވަހު ކަމަށްވާ އިރު، އެ ހިނދަކީ މި ޕާޓީގެ ރިޔާސީ ކެންޑިޑޭޓްގެ ފަރާތުން “ހުޅުމާލެ މެޖިސްޓްރޭޓް ކޯޓު”ގެ ސައްހަކަމާއި މެދު ހުށަހެޅި ނުކުތާއެއް ހައިކޯޓުގައި އޮތް ހިނދަކަށްވެފައި، ޖުޑީޝަލް ކައުންސިލުން ހުޅުމާލޭގައި ވަކި ކޯޓެއް ހުންނާތީ، އެކަމާ ކަންބޮޑުވުންފާޅުކޮށްފައިވާ ކަން އޭގެ މާކުރިން އެނގެން އޮތް ހިނދު، އެކަމާ އަޅާނުލައި އެހާ ދުވަހު ހުރުމަށް ފަހު، ކުއްލި ގޮތެއްގައި ސްޕްރީމް ކޯޓަށް ހުށަހަޅަން ނިންމާފައިވާތީ އެވެ." އެމްޑީޕީން މިއަދު ނެރުނު ބަޔާނުގައިވެ އެވެ.
ހަމައެއާ އެކު، “ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް” ހުށަހެޅިފައިވާ މައްސަލައަކީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓްގެ ކެންޑިޑެންސީ ބާތިލްވެދާނޭ މައްސަލައަކަށްވެފައި، ޖޭއެސްސީ އިން އެތަކެއް ދުވަހަށްފަހު އެ މައްސަލަ ސްޕްރީމް ކޯޓަށް ހުށަހެޅުމަށް ނިންމާފައިވާ ނިންމުމުގައި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް ބައިވެރިވެވަޑައިގެންފައިވުމުން އެ މައްސަލަ ސްޕްރީމް ކޯޓަށް ހުށަހެޅުމުގައި ސިޔާސީ ކުލަވަރު ޖެހިފައިވާ ކަމަށް އިތުރަށް ބާރުލިބިދޭތީ ކަމަށް ވެސް ބަޔާނުގައިވެ އެވެ.
"ހަމައެފަދައިން، ޖޭއެސްސީގެ މި ނިންމުމުގެ ސަބަބުން ހައިކޯޓުން ބައްލަވަމުންގެންދެވި މައްސަލަ ހުއްޓުމަކަށް އައިސް، އެ މައްސަލަ ހަމައެކަނި ސްޕްރީމް ކޯޓުން ބައްލަވަން ފެއްޓެވުމުގެ ނަތީޖާއެއްގެ ގޮތުން މިޕާޓީގެ ރިޔާސީ ކެންޑިޑޭޓަށް އިސްތިއުނާފްގެ ފުރުސަތު އެއްކޮށް ގެއްލިދެއެވެ. އަދި އެކަމަކީ މި ޕާޓީގެ ރިޔާސީ ކެންޑިޑޭޓަށާއި، މި ޕާޓީއަށް ގެއްލުންދިނުމުގެ ގޮތުން ސިޔާސީ ކުލަވަރު ޖެހިގެން ކޮށްފައިވާ ކަމެއް ކަމުގައި ގަބޫލުކުރެވޭތީ، އެ ނުކުތާ ވެސް ތަދައްޚުލްވުމަށް އެދި ހުށަހެޅި ހުށަހެޅުމުގައި މި ޕާޓީން ފާހަގަކޮށްފައިވެއެވެ." އެމްޑީޕީން ނެރުނު ބަޔާން ނިންމާލަމުން ބުނެފައިވެ އެވެ.
ސުޕްރީމް ކޯޓުގައި ހިނގާ މައްސަލައިގައި ތަދައްޚުލްވުމަށް އެމްޑީޕީން އެދެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ