ކަރަންޓް ކެޑުމުގެ މައްސަލައަށް ހައްލެ ނެތް

އައްޑޫގެ ކަރަންޓްގެ މައްސަލަ ހައްލު ނުވެ 3 އަހަރު ފާއިތުވެގެން ދާއިރު ދެ ރައީސުންވަނީ ބަދަލުވެފައެވެ. ފާއިތުވި ދުވަސްތަކުގައި އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ ރައްޔިތުންނަށް ކަރަންޓް ލިބިފައިވަނީ 23 ގަޑިއިރުއެވެ.
ޖަޕާން ސަރުކާރުން ހިތަދޫ އާރްއޭފްގައި ގާއިމް ކުރި މަރުކަޒީ އިންޖީނުގޭގެ އިންޖީނު މަރާމާތު ނުކުރެވި ގިނަ ދުވަސް ވުމުގެ ސަބަބުން ދޭތެރެ ދޭތެރެއިން އިންޖީނުތަކަށް މައްސަލަ ދިމާވެ ލޯޑް ނުހިފެހެއްޓިގެން ދަނީ ކަރަންޓް ކަޑަމުންނެވެ. އަދި އެކަން ހައްލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އަބަދުވެސް އިންޖީނުގެ ހިންގަވަން ތިބޭ ވެރިން ބުނެއެވެ. އެކަމަކު ނަތީޖާއެއް ނުފެނެއެވެ.
އައްޑޫގެ ކަރަންޓްގެ ހާލަތު ގޯސްވެފައިވާއިރު މިކަންކަމަށް ސަރުކާރުން ދެނީ ކިހާ ސަމާލުކަމެއްތޯ ބަލާލަންޖެހެއެވެ. ރައީސް ވަހީދުގެ ސަރުކާރުން އިންޖީނުގެ ހިންގަމުން ދިޔަ ސަދަން ޔޫޓިލިޓީ ކުންފުނި އުފާވައި އުފެއްދި ފެނަކަ ކޯޕަރަޝޭން ކުންފުންޏަށް އިންޖީނުގެ ބަދަލުކުރުމަށްފަހު ފުރަތަމަވެސް ވިދާޅުވީ އިންޖީނުގޭގެ ކެޕޭސިޓީ އިތުރު ކުރުމަށް 2 މެގަވޯޓް އިންޖީނެއް ގެންނަވާނެ ވާހަކައެވެ.
2012 ޑިސެމްބަރު މަހުން ފެށިގެން ދޭތެރެ ދޭތެރެއިން އައްޑޫން ކަރަންޓް ކެޑި ގިނަ ވަގުތު ރައްޔިތުން ކަރަންޓްގެ ހިދްމަތުން މަހްރޫމްވެފައި ތިއްބާ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ނިމާލް ވިދާޅުވީ އެއަހަރު ރޯދަ މަހުގެ ކުރިން 2 މެގަވޯޓް އިންޖީނެއް އައްޑޫއަށް ގެނެސް އިންސްޓޯލް ކުރާނެކަމަށެވެ.
އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓް ކެޑުމުގެ މައްސަލައަށް އޮތް ދާއިމީ ހައްލަކީ އިންޖީން ތަކުގެ ކެޕެސިޓީ އިތުރު ކުރުމެވެ. އިންޖީނުގޭގެ ސީނިއާ އިންޖިނިއަރަކު ވިދާޅުވީ މިހާރު ހުރި އިންޖީނުތަކުން އުފެއްދެނީ ގާތްގަޑަކަށް 4.8 މެގަވޯޓް ކަރަންޓް ކަމަށެވެ. އަދި އެއީ އިންޖީނުގޭގެ މިވަގުތު އެންމެ މަތިކޮށް ކަރަންޓް އުފެއްދޭ މިންވަރު ކަމަށެވެ. ނަމަވެސް މިއަދު ކަރަންޓް ބޭނުން ކުރާ މިންވަރު ދަނީ ބޮޑުތަން އިތުރު ވަމުންނެވެ.
އިންޖީނެއްގެ މައްސަލައެއް ކުރިމަތިވެއްޖެނަމަ ބެކަޕް ޖަނަރޭޓަރެއް ނެތެވެ. ދެން ޖެހެނީ އެކި ސަރަހްއްދުތަކުން ކަރަންޓް ކަޑާލައި ކެޕޭސިޓީ ދަށްކުރާށެވެ.
ރައީސް ވަހީދުގެ ސަރުކާރު ނިމުނު އިރުވެސް ފެނަކަ ކޯޕަރޭޝަންއަކަށް އިންޖީނެއް ގެނެސް އިންސްޓޯލް ނުކުރެވުނެވެ. އޭގެ ފަހުން 2 ރޯދަ މަސް ނިމި 3 ވަނަ ރޯދަ މަހާއި ކުރިމަތި ލަނީއެވެ. މިވަގުތުވެސް އައްޑޫގެ އެކި ކަންކޮޅުތަކުން ކަރަންޓް މިއޮތީ ކަނޑާލާފައެވެ.
އިންޖީނުތައް މަރަމާތު ކުރަމުން އަންނަ އިރު 1.6 ކިލޯވޮޓްގެ ޖަނަރޭޓަރެއް މަރާމާތަށް ރޫޅާލާފައި ހުންނަތާ އެތައް ދުވަހެއް ވެއްޖެއެވެ. އެއަށް ބޭނުންވާ ސްޕެއާއަށް "ދަންނަވާލަ ދަންނަވާލަ" މިކޮޅުވެރިން ތިއްބެވީއެވެ. އަދިވެސް ސްޕެއާ ލިބޭ ގޮތް ނުވެއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ރައްޔިތުން ކަނު އަދިރީގައި ތިބޭތާ ދުވަސްތަކެއް ވެއްޖެއެވެ. މުޅި ރާއްޖޭގެ ހުރިހާ އިިންޖީނުގެ ތައް މުށުތެރެއަށް ލައްވައިގެން ފެނަކަ ކޯޕަރޭޝަންގެ ވެރިން ހަމަ ތިއްބެވީއެވެ.
އައްޑޫގެ ކަރަންޓްގެ ކަންކަން އޮޅުން ފިލުވުމަށް އައްޑޫގެ އިންޖީނުގެ ހިންގަވަން ތިއްބެވި ވެރިންނަށް ގުޅުމުން ފޯނަށް ޖަވާބެއް ނުދެއްވިއެވެ. ފެނަކަ ކޯޕަރޭޝަން ނިމާލްގެ ފޯނަށްވެސް ޖަވާބެެއް ނުދެއްވިއެވެ.
އައްޑޫގެ މޭޔަރ އަބްދުﷲ ސާދިގް (ސޯބެ) ވިދާޅުވީ ކަރަންޓްގެ ހާލަތާއި ގުޅޭ ގޮތުން ފެނަކަ ކޯޕަރޭޝަންގެ އައްޑޫ ވެރިންނާއި މިހަފްތާ ކުރީ ކޮޅު ބައްދަލު ކުރުމުން ޗެލެންޖް ކަޕްގެ ކުރިން އިންޖިނުތައް މަރާމާތު ކޮށް ނިންމޭނެކަމުގެ ޔަގީކަން ދެއްވި ކަމަށެވެ.
ސޯބެ ވެސް ވިދާޅުވީ އިންޖީނުގޭގެ ކެޕެސިޓީ އިތުރު ނުކޮށް ކަރަންޓްގެ މައްސަލައަށް ހައްލެއް ނެތްކަމަށެވެ.
ސުވާލަކީ މީގެ ދެއަހަރު ކުރިން ގަންނަން ޓެންޑަރ ކުރި އިންޖީނަށްވީ ކިހިނެއްތޯއެވެ. އޭރުވެސް ފެނަކަ ހިންގެވީ ނިމާލްއެވެ. މިއަދުވެސް އެ ހުންނެވީ އެބޭފުޅާއެވެ. އައްޑޫ ރައްޔިތުން މިތިބީ ކަރަންޓް ނެތިއެވެ.
އައްޑޫގެ ކަރަންޓްގެ ހާލަތު މިހާރު އޮތް ގޮތުން މިކަން ހައްލު ކުރުމުގައި އައްޑޫން ހޮވި ވަޑައިގަތް 7 މެމްބަރުންގެ ދައުރު ވަރަށް ވެސް ބޮޑެވެ. ސަރުކާރުގެ މަސްއޫލިއްޔަތު ބަލާ ކޮމެޓީއަށް ހާޒިރުކޮށްގެން ނަމަވެސް ޓެންޑަރ ކުރި އިންޖީނައް ވީ ގޮތެއް ބަލަން އެބަޖެހެއެވެ. 18 ހާސް މީހުން ކަރަންޓަށް ޖެހި ތިބި އިރު އަނގައިން ބުނެލާނެ ވެރިއަކު ނެތުމުން ލައްކަ ދެރަވެއްޖެއެވެ. އެކަމަކު މީ "ހައްތަހާވެސް" އައްޑޫ ދަރިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ