ކަރަންޓުގެ މައްސަލައާއި ގުޅިގެން ލ. ގަމުގެ ތަރައްގީއަށް ކުރިޔަށް ގެންދާ އެއްވެސް ޕްރޮޖެކްޓެއް މިހާރު މަޑުޖައްސާލަން ނުޖެހޭނެ ކަމުގެ ޔަގީންކަން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަހްމަދު ސައީދު މުހައްމަދު ދެެއްވައިފިއެވެ. ސައީދު މި ޔަގީންކަން ދެއްވީ ގަމުގެ ތިން އަވަށުގެ ކަރަންޓު އެއް ނެޓްވޯކަކުން ގުޅާލުން އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
ސައީދު ވިދާޅުވީ ގަމުގެ އެތައް ބިންތަކެއް އިންޑަސްޓްރިއަލް މަސައްކަތްތައް ކުރުމަށް ނެގި މަސައްކަތް ނުފެށި އެބަހުރި ކަމަށެވެ. އެހެން ނަމަވެސް ގަމުގެ ކަރަންޓް އެއް ނެޓްވޯކަކުން ގުޅާލެވިގެން ދިޔުމާއެކު އެފަދަ ހުރިހާ ފަރާތްތަކުގެ ހިތަށް ވެސް ތަސައްލީއެއް ލިބިގެން ގޮސްފި ކަމަށް ސައީދު ވިދާޅުވިއެވެ. އެގޮތުން މިއަދުން މިއަދަށް ވެސް އެތަންތަނުގެ މަސައްކަތް އެބޭފުޅުން ފެއްޓުމުގެ ފުރުސަތު އޮތް ކަމަށް ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ މިހާރު ނެޓްވޯކް އަދި އިންޖީނުގޭގައި ވަރު ހުންނާނެ ކަމަށެވެ. ކަރަންޓާއި ގުޅިގެން ގަމުގެ ތަރައްގީއަށް އެއްވެސް ހުރަހެއް ނެތް ކަމަށާއި މަޑުޖައްސާލަން ޖެހޭ އެއްވެސް ޕްރޮޖެކްޓެއް ވެސް ނެތްކަމަށް ސައީދު ވިދާޅުވިއެވެ. ގަމުގައި މީގެކުރިން ކަރަންޓު ފޯރުކޮށްދީފައިވަނީ ތިން އަވަށުގައި ވަކިން އިންޖީނުގެތައް ބަހައްޓައިގެންނެވެ. މިއަދުގެ ރަސްމިއްޔާތުގައި ސައީދު ފާހަގަކުރެއްވި ގޮތުގައި، މި އަވަށު އިންޖީނުގެތަކުން ކަރަންޓު ފޯރުކޮށްދީފައިވަނީ 30 ނުވަތަ 40 އަހަރުވެފައިވާ ޖެނަރޭޓާރުތަކުންނެވެ. މީގެ ސަބަބުން މާލީގޮތުން އެތައް ގެއްލުމެއް ފެނަކައަށް ލިބޭއިރު، ރައްޔިތުންނަށްވެސް ފޯރުކޮށްދެވޭ ހިދުމަތުގެ ފެންވަރުވެސް ދަށެވެ.
މިއަދު އަލަށް ތަރައްގީކުރެވުނު ގަމުގެ ފުޓްބޯޅަ ދަނޑުގައި ބޭއްވުނު ރަސްމިއްޔާތެއްގައި ގަމުގެ ކަރަންޓް އެއް ނެޓްވޯކަކުން ގުޅާލަ ދިނުން އިފްތިތާހުކޮށްދެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއެވެ.
ފެނަކައިން މައުލޫމާތު ދީފައިވާ ގޮތުގައި މިއަދު އިފްތިތާހުކުރެވިގެން ދިޔަ މަރުކަޒީ އިންޖީނުގޭގެ ސަބަބުން ފެނަކައިން ތެލަށް ކުރަންޖެހޭ ހަރަދު ދަށްވެގެންދާނެއެވެ. ކަރަންޓު އުފައްދާ ނިޒާމް އެފިޝިއަންޓްވުމުގެ ސަބަބުން ފުރަތަމަ އަހަރު އެކަނިވެސް 3.6 މިލިއަން ރުފިޔާ ސަލާމާތް ކުރެވޭނެކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. މީގެއިތުރުން، ކަރަންޓް ވިޔުގައިގެ ލޮސް ކުޑަވުމުގެ ސަބަބުން 3.2 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެއެވެ. މިއަދުގެ ރަސްމިއްޔާތުގައި ފެނަކައިން ހާމަކޮށްފައިވާ ގޮތުގައި، ފުރަތަމަ 7 އަހަރު ތެރޭގައި ފެނަކައަށް ގާތްގަޑަކަށް 40 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެއެވެ.
ކަރަންޓުގެ ސަބަބުން ގަމުގައި ކުރިޔަށް ގެންދާ އެއްވެސް ޕްރޮޖެކްޓެއް މަޑުޖައްސާލަން ނުޖެހޭނެ: ސައީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ