އެޑިއުކޭޝަންގެ އުސޫލާ އެއްގޮތަށް ގިޔާސުއްދީން ސްކޫލް ހިންގަން އަންގައިފި

އަނެއްކާ ވެސް ކޮވިޑް ކޭސްތައް އިތުރުވަމުން ދާތީ، ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގެ ކިޔަވައިދިނުމަށް ބަދަލުތަކެއް ގެނައުމާ ގުޅިގެން ސްކޫލްތައް ހުޅުވައިގެން ހިންގުމުގައި އަމަލުކުރުމަށް އެޑިއުކޭޝަންއިން އަންގާފައިވާ އުސޫލާ އެއްގޮތަށް އެ ސްކޫލް ހިންގުމަށް އަންގައިފިއެވެ.
އެޑިއުކޭޝަން އިން މިހެން އަންގާފައި ވަނީ އިއްޔެއިން ފެށިގެން އެ ސްކޫލްގެ ގްރޭޑް 10 ފިޔަވާ ދަށު ގްރޭޑްތަކުގެ ދަރިވަރުންތައް ސްކޫލަށް ހާޒިރުވާން ނުޖެހޭނެ ކަމަށާއި އެ ދަރިވަރުންގެ ކްލާސްތައް އޮންލައިންކޮށް ހިންގަން ފެށުމުންނެވެ. މި ކަމާ ގުޅިގެން އެޑިއުކޭޝަން އިން ބުނެފައި ވަނީ، އެ މިނިސްޓްރީގެ ދަށުން ހިންގާ ސްކޫލްތައް ހިންގުމަށް ނެރެފައިވާ ގައިޑްލައިނާ އެއްގޮތަށް އެ ސްކޫލުން ވެސް އަމަަލު ކުރުމަށް އަންގާފައިވާ ކަަމަށެވެ.
ކޮވިޑް ކޭސްތައް އިތުރުވަމުން ދާތީ ސްކޫލްތަައް ބަންދުކުރުމާ ގުޅޭ ގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރޭ އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވީ، މި ފަހުން ކޭސްތައް އިތުރުވެގެން ގޮސްފައި ވަނީ ސްކޫލް ހުޅުވުމާ ގުޅިގެން ސްކޫލަތެރެއިން ނޫން ކަމަށެވެ. ސްކޫލްތަކުގައި ރައްކާތެރިކަމުގެ ގޮތުން އަޅާފައިވާ ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ބަލި ފެތުރުމުގެ ފުރުސަތު ކުޑަކަމަށް ފާހަގަ ކުރައްވަމުން ނަޒްލާ ވަނީ ސްކޫލުގައި ކިޔަވައިދޭ ޓީޗަރުން އަދި ސްކޫލަގައި މަސައްކަތް ކުރާ މުވައްޒަފުންވެސް ސައި ބައްލަވާ ވަގުތުވެސް ރައްކާތެރިވުމުގެ ގޮތުން އަޅަފައިވާ އުސޫލުތައް ދެމެހެއްޓުމަށް ގޮވާލައްވާފައެވެ.
މި ދިޔަ އަހަރު ސްކޫލްތައް ބަންދުވި އިރު ރާއްޖެގައި ކޭސްތައް ވަނީ ދަށަށް ގޮސްފައެވެ. މިއަހަރު ފެށުނު އިރު 50 އިން ދަށުގައި ކޭސްތައް އޮތް ނަމަވެސް ސްކޫލަތައް ހުޅުވާލިފަހުން ކޭސްތައް މި ވަނީ އިތުރު ވާން ފަށާފައެވެ. މިހާރު 100 އިން މައްޗަށް ކޭސްތައް ގުނަމުން އަންނަތާ 4 ދުވަސްވެފައިވާއިރު މާލެ ސަރަހައްދުން ފެންނަ ކޭސްތަކުގެ އަދަދުވެސް ވަނީ 100 އިން މައްޗަށް ގޮސްފައެވެ. އިއްޔެ އެކަނިވެސް މާލެ ސަރަހައްދުން ވަނީ 112 ކޭސް ފެނިފައެވެ.
މިހާރު ފެންނަމުންދާ ކޭސްތަކުގެ ތެރެއިން ސްކޫލްތަކުގައި ކިޔަވާ ދަރިވަރުންގެ އިތުރުން ގިނަ ޓީޗަރުންނާއި ސްކޫލްތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ވަނީ ޕޮޒިޓިވްވެފައެވެ. އެ ގޮތުން އިއްޔެ ޖަމާލުއްދީން ސްކޫލްގެ އިދާރީ އޮފީސް ވެސް ވަނީ ކޮވިޑް ކޭސްތަކަކާ ގުޅިގެން ބަންދުކޮށްފައެވެ. ޖަމާލުއްދީން އިން ކޭސްތަކެއް ފެނިފައިވާ އިރު މަޖީދިއްޔާ ސްކޫލާއި އަމިނިއްޔާ ސްކޫލްގެ ޓީޗަރެއް ވެސް ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. ހަމައެއާއެކު އަމީރު އަހުމަދު ޕްރީސްކޫލުގެ ޓީޗަރަކާއި ބެލެނިވެރިއެއް ޕޮޒިޓިވްވި އެ ސްކޫލަތް 4 ކްލާހެއް ވެސް ވަނީ އޮންލައިންކޮށް ކުރިއަށް ގެންގޮސްފައެވެ.
ރާއްޖޭގައި މިހާރު ކޭސްތައް އިތުރުވަމުން ދިއުމާ ގުޅިގެން މިހާރު މާލެ ސަރަހައްދުގައި ވަނީ ކާފިއު އިއުލާންކޮށްފައެވެ. ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި ރޭގަނޑު 12:00 އިން ފަތިހު 4:00 އަށް ކާފިއު އިއުލާންކޮށްފައިވާ އިރު މިވަގުތު ސްކޫލްތަކުގައި ކިޔަވައިދިނުން އޮންލައިންކޮށް ބޭއްވުމަށް ބައެއް ބެލެނިވެރިން އަންނަނީ ގޮވާލަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ