ސްކޫލްތަކުގެ މެދުގައި ކުރިއަށްގެންދާ ‘އެއާ ޗެލެންޖް’ ހަރަކާތް އިފްތިތާހު ކޮށްފި

އެއްފަަހަރު ބޭނުން ކޮށްފައި އުކާލާ ޕްލާސްޓިކް ބޭނުންކުރުން ހުއްޓުވުމަށް ސްކޫލްތަކުގެ މެދުގައި ކުރިއަށް ގެންދާ ‘އެއާ ޗެލެންޖް’ ހަރަކާތް އިފްތިތާހު ކޮށްފިއެވެ.
ޕްލާސްޓިކް ބޭނުންކުރުން ހުއްޓުވުމަށް ބާރުއެޅުމުގެ ގޮތުން ސްކޫލްތަކުގެ މެދުގައި ޗެލެންޖެއް ބޭއްވުމަށް ނިންމާފައިވަނީ މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި ޕާލޭ މޯލްޑިވްސް ގުޅިގެންނެވެ.
‘އެއާ ޗެލެންޖް’ ގެ ނަމުގައި ކުރިއަށް ގެންދާ މި ޗެލެންޖުގެ ދަށުން ސްކޫލަތަކުން ފުރިހަމަ ކުރަން ޖެހޭ ހަރަކާތްތަކެއް ހިމެނޭ އިރު އެ ހަރަކާތްތަކަށް ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެޑިއުކޭޝަނުން ބުނެއެވެ. އެގޮތުން ފުރިހަމަ ކުރަންޖެހޭ ހަރަކާތްތަކުގެ ތެރޭގައި ޕްލާސްޓިކު ބޭނުން ކުރުން ހުއްޓުމާއި، އުކާލާ ޕްލާސްޓިކު ވެއްޓަށް ދިޔަނުދީ ހިފެހެއްޓުމާއި، ދިރިއުޅުމުގެ ވައްޓަފާޅި އާއި އުފެއްދުންތެރި ކަމުގައި އާ ފަރުމާތަކަށް ބަދަލުވުމަށް އަމާޒުކޮށް ކަނޑައެޅިފައިވާ ހަރަކާތްތަކެއް ހިމެނޭ ކަމަށް އެޑިއުކޭޝަނުން ބުނެއެވެ.
އެއާ ޗެލެންޖުގައި ހިމެނެނީ 3 މަރުހަލާއެކެވެ. ކޮންމެ މަރުހަލާއެއްގައި ކަނޑައެޅިފައިވާ ޕޮއިންޓް ސްކޫލްތަކުން ހާސިލްކުރުމުން، ޗެލެންޖްގެ އިނާމު ދިނުމަށް ހަމަޖެހިފައިވާ ކެޓެލޮގުން އެ ސްކޫލަކުން ހިޔާރު ކުރާ އިނާމުތަކެއް ލިބޭނެ ކަމަށް އެޑިއުކޭޝަނުން ބުނެއެވެ.
އެ ގޮތުން އެއާ ޗެލެންޖުގައި ހިމެނޭ 3 މަރުހަލާ ބަހާލާފައި ވަނީ އެ ސްކޫލަކަށް ލިބޭ ޕޮއިންޓް ތަކަށް ބަލާ ގޮތަށެވެ. އެ ގޮތުން ފުރަތަމަ މަރުހަލާ ހާސިލް ކުރެވެނީ 1025 ޕޮއިންޓް ލިބުމުންނެވެ. ދެވަނަ މަރުހަލާ ހާސިލް ކުރުމަށް 2050 ޕޮއިންޓް ހަމަ ކުރަންޖެހެއެވެ. އަދި ތިން ވަނަ މަރުހަލާ ހާސިލް ކުރުމަށް 5075 ޕޮއިންޓް ހަމަ ކުރަން ޖެހެއެވެ.
މި ހަރަކާތުގެ މަގުސަދަކީ، ޕްލާސްޓިކުގެ ބާވަތްތައް ވެށްޓަށް ދިޔަ ނުދީ ހިފެހެއްޓުމާއެކު ޕްލާސްޓިކު ބޭނުންކުރުން ހުއްޓުމާއި، ދިރިއުޅުމުގެ ވައްޓަފާޅި އާއި އުފެއްދުންތެރިކަމުގައި ޕްލާސްޓިކާ ނުލައި އާ ފަރުމާތަކަށް ބަދަލުވުމުގެ މަސައްކަތް ކުރުމަށް ބާރުއަޅައި ހިތްވަރުދިނުން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ