މޫސުން ގޯސްވެ، ދެކުނުގެ އަތޮޅުތަކަށް ވައިޓް އެލާޓް ނެރެފި

މޫސުން ގޯސްވެ، ދެކުނުގެ އަތޮޅުތަކަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ވައިޓް އެލާޓް ނެރެފި އެވެ.
މެޓް އޮފީހުން ބުނީ ލ. އަތޮޅުން އައްޑޫ އަތޮޅަށް މިއަދު ހެނދުނު 09:30 އިން 14:30 އަށް ވައިޓް އެލާޓު ނެރެފައިވާ ކަމަށެވެ. އެގޮތުން އެ ސަރަހައްދަށް ބޯކޮށް ވާރޭ ވެހުމާއެކު ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަ ވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މެޓް އޮފީހުން ވަނީ ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް ބުނެފަ އެވެ.
ވައި ޖެހޭނީ ހުޅަނގު ދެކުނާއި ހުޅަނގުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 08 މޭލާއި 18 މޭލާ ދެމެދުގެ ބާރު މިނުގައި އަދި އެހެން ހިސާބުތަކަށް 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށް މެޓް އޮފީހުން ވަނީ ބުނެފަ އެވެ.
އޭގެ އިތުރުން ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށާއި އެންމެން ވެސް މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އެދިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ