ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނަރަލް މަރިޔަމް ނިހާޔަތު ކުރިމަތިލައްވައިފި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ނިހާޔަތު ކުރިމަތިލައްވާ، ކަމާ ގުޅޭ ލިޔުންތައް ހުށަހެޅުއްވީ އާދިއްތަ ދުވަހުގެ ވަގުތެއްގަ އެވެ.
ސިވިލް ކޯޓުގެ ގާޒީ ކަންވެސް މީގެ ކުރިން ކުރައްވާފައިވާ ނިހާޔަތު މަގާމުގައި ހަ އަހަރު ދުވަހު ހުންނެވުމަށްފަހު މަގާމުން އިސްތިއުފާ ދެއްވީ 2015 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު އެވެ.
އޭގެފަހުން އެސިސްޓެންޓް ޕްރޮސެކިއުޓާ ޖެނަރަލްގެ މަގާމު ލިބިވަޑައިގަތުމުން ޕީޖީ އޮފީހަށް ވަޑައިގެންނެވިތާ ކުޑަދުވަސް ކޮޅެއް ފަހުން ވަނީ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނަރަލްގެ މަގާމު ލިބިވަޑައިގެންފަ އެވެ. ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނަރަލްގެ މަގާމުން އޭނާ އިސްތިއުފާ ދެއްވީ މިދިޔަ މާޗު މަހުގެ ތެރޭގަ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް ނިހާޔަތުގެ އިތުރުން ހައިކޯޓުގެ ފަނޑިޔާރު އަލީ ސަމީރު ވެސް ވަނީ ކުރިމަތިލައްވާފަ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ނިހާޔަތަށް ކުރިމަތިލައްވާފައި މިވަނީ އެ މަގާމަށް އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވާ ދެ އަންހެން ބޭފުޅުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރުމާ މެދު މަޖިލީހުން މިއަދު ގޮތެއް ނިންމަން ތާވަލްކޮށްފައި ވަނިކޮށެވެ.
ސުޕްރީމް ކޯޓަށް އައްޔަންކުރަން ރައީސް ބޭނުންފުޅުވާ ދެ އަންހެން ބޭފުޅުންނަކީ ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ސިވިލް ކޯޓުގެ ކުރީގެ ގާޒީ އައިޝާ ޝުޖޫން މުހައްމަދެވެ.
ސުޕްރީމް ކޯޓްގެ ފަނޑިޔާރުންގެ އަދަދު ހަތަކަށް އިތުރު ކުރަން ސަރުކާރުގެ ފަރާތުން ކޯޓުތަކުގެ ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ މިދިޔަ ޖުލައި މަހުގެ 17 ވަނަ ދުވަހު ބޭއްވި ޖަލްސާގަ އެވެ.
ސުޕްރީމް ކޯޓު އެންމެ ފުރަތަމަ އުފެއްދީ ހަތް ފަނޑިޔާރުންގެ ބެންޗަކާއެކު 2010 ވަނަ އަހަރު އެވެ. ނަމަވެސް 2014 ވަނަ އަހަރު ވަނީ ފަސް ފަނޑިޔާރުންގެ ބެންޗަކަށް ކުޑަކޮށްފަ އެވެ. އެ ބަދަލާއެކު އޭރުގެ އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒު ހުސައިނާއި ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާން މަގާމުން ވަކިކުރި އެވެ.
ސުޕްރީމް ކޯޓު ބެންޗު ހަތަކަށް އިތުރު ކުރުމަކީ މިސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ވެސް ހިމެނޭ ކަމެކެވެ.
ސުޕްރީމް ކޯޓަށް އަންހެން ފަނޑިޔާރުން އައްޔަންކުރުމުގެ މަސައްކަތް ހިނގަމުންދާއިރު މިމައްސަލައިގައި ރާއްޖޭގެ ދީނީ އިލްމުވެރިންގެ މެދުގައި ވަނީ ބޮޑެތި ހިޔާލުތަފާތުވުންތަކެއް އުފެދިފަ އެވެ.
ކުރީގެ ޑީޕީޖީ ނިހާޔަތު ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމަށް ކުރިމަތިލައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ