ވެރިކަން ވައްޓާލަން ފުރުސަތު ނުދޭނަމޭކީ ބޭފުޅުން، ކަމެއް ނުވެޔޭ ކިޔުމުން ދެކޮޅު ނުޖެހޭ: ގާސިމް

މި ސަރުކާރު ވައްޓާލަން ފުރުސަތު ނުދޭނަމޭ ވިދާޅުވި ބޭފުޅުން މިއަދު ސަރުކާރުން ކައްތައް ކުރައްވަމުން ގެންދަވާ ގޮތް ލަސްވެ، ސަރުކާރުން ކަމެއް ނުކުރެވޭ ކިޔުމަކީ ދެކޮޅުޖެހޭ ވާހަކަތަކެއް ނޫން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ޖޭޕީގެ މައި ޖަގަހަ، މ. ކުނޫޒުގައި މިރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ، ސަރުކާރުން ކަމެއް ނުކުރެވޭ ކިޔައިގެން ދެތިން ބޭފުޅަކު ގުޅިގެން އަޑުއަރުވަން މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް އެބޭފުޅުން އެކުރާ ކަންތައް ނޭނގޭ މީހަކު ސިޔާސީ މައިދާނުގައި ނޫޅޭނެ ކަމަށް ވިދާޅުވިއެވެ.
"ބަލަ މިކުރާ ކަންތައް ނޭނގޭވަރުގެ މޮޔައިންތަ މިއުޅެނީ ސިޔާސީ މައިދާނުގައި. މިކުރާ ކަންތައްތައް ނޭނގޭވަރުގެ މޮޔައިންނެއް ނޫނޭ މިއުޅެނީ. ޖައްސައިގެން އުޅޭ ކަންތައް ނޭނގެނީއެއް ނޫނޭ. ކަމެއް ކުރަން ބޭނުންވީ ކޮންމެވެސް އެހެން ކަމެއް ކުރަނީ. ކޮންމެވެސް އެހެން އަޑެއް އަރުވަނީ،" ގާސިމް ވިދާޅުވިއެވެ.
ގާސިމް މިހެން ވިދާޅުވީ، ޓެރަރިޒަމްގެ ތުހުމަތު ކުރެވޭ މީހުންނަށް ފިޔަވަޅު އަޅަން މި ސަރުކާރަށް ދޭންޖެހޭ ގާނޫނީ ހުރިހާ ބާރެއް ދިނުމުންވެސް، އެފަދަ ފަރާތްތަކާ މެދު ފިޔަވަޅެއް ނޭޅޭ ކަމަށް ބުނެ، ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުން މިއަދުގެ ޖަލްސާގައި ނުރުހުން ފާޅުކުރައްވާފައި ވާތީއެވެ.
އެގޮތުން އައްޑޫ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވަނީ، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދަށް އެފަދަ މައްސަލަތަކުގައި ފިޔަވަޅު އަޅަން ނުކެރިގެން އުޅުއްވާ ސަބަބު ސާފުވާންޖެހޭ ކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީއަށް ލިބިފައިވާ ސުޕަމެޖޯރިޓީއާއެކު ގޮނޑި ހޫނުކުރަން ނުތިބެ ގާނޫނާ ހިލާފު ކަންކަން ބަލަންޖެހޭ ކަމަށެވެ.
މެމްބަރުންގެ އިތުރުން ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ މީހުން މެރުމަށާއި ފިތުނައަށް ހިތްވަރުދޭ އަމަލުތައްކުރާ މީހުން ސާފުކޮށް އެނގޭއިރުވެސް އެކަމާ ފިޔަވަޅު ނާޅުއްވާތީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް އޮތް އިތުބާރު ގެއްލިފައިވާ ކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ