ތަނަވަސްކަން ހުރި ފަރާތްތަކަށް ސަބްސިޑީ ދެވިގެން ނުވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ގާސިމް މިހެން ވިދާޅުވީ ބަޖެޓާއި މެދު މަޖިލިހުގައި ދެއްކެވި ވާހަކަފުޅުގަ އެވެ.
ގާސިމް ވިދާޅުވީ ތަނަވަސްކަން ލިބިގެންވާ ފަރާތްތަކަށާއި ބޮޑު ވިޔަފާރި ކުންފުނިތަކަށް ފެނާއި ކަރަންޓުން ދެވޭ ސަބްސިޑީ ލިބިގެންނުވާނޭ ކަމަށާއި އުމުރުން ދުވަސްވުމުގެ ސަބަބުން ދޭ 5000 ރުފިޔާގެ އެލަވަންސްވެސް ތަނަވަސްކަން ލިބިގެންވާ ފަރާތްތަކަށް ލިބިގެން ނުވާނޭ ކަމަށެވެ. ގާސިމްގެ ވާހަކަފުޅުގައި އެ މަނިކުފާނުގެ ކުންފުނި ވިލާ ކުންފުންޏަށް މި ސަބްސިޑީ ދެވިގެން ނުވާނޭ ކަމަށްވެސް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓަކީ މިހާތަނަށް ބެލިއިރު 6 ބިލިއަން ރުފިޔާ ޑެފިސިޓެއް ހިމެނޭ ބަޖެޓެެއް ކަމަށެވެ. އަދި، ކޮންމެ އަހަރަކުން ބަޖެޓުގެ ޑެފިސިޓް އިތުރުވެ، ޖުމްލަ އެކިއުމިލޭޓެޑް ޑެފިސިޓް އިތުރުވާ ހާލަތުގައި އޭގެ ގެއްލުން ލިބޭނީ އާންމު ރައްޔިތުންނަށް ކަމަށް ގާސިމް ފާހަގަކުރެއްވި އެވެ. ސަރުކާރުގެ ވިސްނުން ހުރީ ޖީއެސްޓީ ފަދަ ޑިރެކްޓް ޓެކްސްތަކާއި އެކު އިގްތިސޯދު ހިންގުން ކަމަށް ފާހަގަކުރައްވަމުން ގާސިމް ވިދާޅުވީ އިމްޕޯޓު ޑިއުޓީ އަލުން އިޔާދަކުރުމާއެކު އޭގެން ފެނިގެންދަނީ އިންޑިރެކްޓް ޓެކްސްތައް އިތުރުވެގެންދާ ތަން ކަމަށެވެ.
ބަޖެޓުގައި ހިމެނިފައިވާ ކަންތައްތަކަށް ބަލައިލައްވަމުން ގާސިމް ވިދާޅުވީ ބަޖެޓުގައި މިނިވަން މުއައްސަސާތަކާއި ޖުޑީޝަރީ އިން ކުރަންޖެހޭ މަސައްކަތާއި އެ މަސައްކަތްކުރުމަށް ބޭނުންވާ ބަޖެޓު ލިބިފައި ނުވާ ކަމަށެވެ. އަދި، ޖުޑީޝަރީ އިސްލާހުކުރުމުގެ ވާހަކަފުޅު ގައުމުގައި އަޑުހަރުކޮށް ދެކެވޭ ކަމަށާއި ނަމަވެސް އެއަށް އެއްވެސް އަމަލީ ސިފައެއް ނުފެންނަ ކަމަށްވެސް ގާސިމް ވިދާޅުވި އެވެ. ޖުޑީޝަރީ ފަދަ ދައުލަތަށް މުހިއްމު ގުނަވަންތައް ޒަމާނީކޮށް، ފެންވަރު ރަނގަޅުކުރުމަށްޓަކައި އެކަށީގެންވާ ބަޖެޓެއް އެ ތަންތަނަށް ދެވެންޖެހޭނެ ކަމަށްވެސް ގާސިމް ފާހަގަކުރެއްވި އެވެ. އަދި، ބަޖެޓުން މުއައްސަސާ ތަކަށް ކުރެވޭ ހަރަދާއި އެއްވަރަށް އެ މުއައްސަސާތަކުގެ ހިންގުން ހަރުދަނާ ވާންޖެހޭނެ ކަމަށްވެސް ގާސިމް ވިދާޅުވި އެވެ.
ކޮރަޕްޝަނުން އިގްތިސޯދު މިނިވަންކުރުމަށްޓަކައި މިނިވަން ދެފުށްފެންނަ ޓެންޑަރ ސިސްޓަމެއް ރާއްޖެއަށް ބޭނުންވާ ކަމަށްވެސް ގާސިމް ވިދާޅުވި އެވެ.
"ރައްޔިތުންގެ ހައްގުގައި" ބަޖެޓު ފާސްކުރުމަށް ޖުމްހޫރީ ޕާޓީ އިން ވޯޓު ދެއްވާނޭ ކަމަށާއި ނަމަވެސް، ބަޖެޓާއި މެދު ހުރި ކަންބޮޑުވުންތަކާއި އިސްލާހުކުރަންޖެހޭ ކަންތައްތަކުގެ ވާހަކަފުޅު ދައްކަވަމުންދާނޭ ކަމަށްވެސް ގާސިމް ފާހަގަކުރެެއްވި އެވެ.
ތަނަވަސްކަން ހުރި ފަރާތްތަކަށް ސަބްސިޑީ ދެވިގެން ނުވާނެ: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ