ގައިދީންގެ ގަޔަށް ބަޑި ޖަހަން ރައީސް މައުމޫން އަމުރެއް ނުކުރައްވާ: ދީދީ

މީގެ 17 އަހަރު ކުރިން، ސެޕްޓެމްބަރު 19، 2003 ގައި މާފުށީ ޖަލުގައި އަނިޔާކޮށް، ހަސަން އީވާން ނަސީމު މަރާލި ހާދިސާއާ ގުޅިގެން ޖަލުގައި ހިންގި ހަމަނުޖެހުންތަކުގައި ގައިދީންގެ ގަޔަށް ބަޑި ޖަހަން އޭރު ރައީސް ކަމުގައި ހުންނެވި މައުމޫން އަބްދުލްގައްޔޫމް އަމުރު ނުކުރައްވާ ކަމަށް ކުރީގެ ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް މުހައްމަދު ދީދީ (ދީދީ) ވިދާޅުވެއްޖެ އެވެ.
އޭރު ސިފައިންގެ އޮފިސަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ދީދީ އެހެން ވިދާޅުވީ، ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ކުރެއްވި ޓުވީޓަކަށް ރައްދު ދެއްވަމުންނެވެ.
ނިހާދުގެ ޓުވީޓުގައި ވިދާޅުވީ، އެދުވަހު ޖަލުގައި ބަޑި ޖެހީ ކޮމާންޑަރު އޮފް ޗީފްގެ އޯޑަރަށް ކަމަށާއި ނަމަވެސް ބަޑި ޖެހި މީހުން އުމުރަށް ޖަލަށްލާފައި އެކަމަށް އޯޑަރު ކުރި މީހާ އުފަލާއި އަރާމުގައި އުޅެމުން އަންނަ ކަމަށެވެ. އަދި އެއީ އިންސާފު ލިބެންޖެހޭ ކަމެއް ކަމަށް ވިދާޅުވި އެވެ.
އެ ޓުވީޓަށް ރައްދު ދެއްވައި، ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ ފަރާތުން ހިތަދޫމެދު ދާއިރާގެ މެމްބަރުކަމުގެ ގޮނޑި ވެސް ފުރުއްވި ދީދީ ކުރެއްވި ޓުވީޓުގައި ވިދާޅުވީ އެ ހާދިސާ ތަހުގީގު ކޮށްފައިވާ ކަމަށާއި އެކަމުގެ ބަޔާންތައް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގައި ހުންނާނެ ކަމަށެވެ. އަދި އެކަމުގައި ކުށްވެރިވި މީހުންނަށް ފިޔަވަޅު އަޅާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑު ނެތިން ޓުވިޓާގައި ތިކަން ޑިސްކަން ކުރަން. ރައީސް މައުމޫން އަބްދުލްގައްޔޫމް އެދުވަހު ބަޑި ޖަހަން އަމުރުފުޅު ނުކުރައްވާ،" ރައީސް މައުމޫންގެ ޓުވިޓާ އެކައުންޓް ޓެގު ކުރައްވާ ދީދީ ވިދާޅުވި އެވެ.
އީވާން ނަސީމުގެ މަރުގެ މައްސަލައާ ގުޅިގެން 12 މީހެއްގެ މައްޗަށް ދައުލަތުން ދައުވާ ކޮށްފައިވެ އެވެ. އޭގެ ތެރެއިން އޭނާ މަރާލުމުގެ ކުށް ސާބިތުވެގެން 24 ފެބްރުއަރީ 2005 ގައި އަށް މީހެއްގެ މައްޗަށަށް މަރުގެ ހުކުމް އިއްވި އެވެ. އެ އެންމެންނަކީ ވެސް އޭރު ޖަލުގެ ސަލާމަތީ ކަންތައް ބަލަހައްޓަމުން ދިޔަ އެންއެސްއެސްގެ ޕްރައިވެޓް އޮފިސަރުންނެވެ.
އޭގެ އިތުރުން އީވާން މަރާލުމުގައި ބައިވެރިވުމުގެ ކުށުގައި ސެޕްޓެމްބަރު 18، 2005 ގައި ޖިނާއީ ކޯޓުން ތ. ތިމަރަފުށީ/ ވިލާޑިލައިޓް، އަބުދުﷲ ހަސަންގެ މައްޗަށް މަރު ހުކުމް އިއްވި އެވެ.
އީވާން ނަސީމު މަރާލުމުގެ ކުށް ސާބިތުވެގެން މަރުގެ ހުކުމް އިއްވި މީހުން
ހ. ހިރަވެރި, ބަދުރު މުހައްމަދުސ. ފޭދޫ/ ޔެލޯ ހައުސް، މުހައްމަދު ޝިއުނީޒްސ. ހުޅުދޫ/ އިރުދޭމާގޭ، އަބްދުﷲ އިބްރާހީމްނ. ހޮޅުދޫ/ ބަގީޗާގޭ، އިބްރާހިމް ރަމީޒުމ. ކޮޅުފުށި/ އަސްރަފީގޭ، އަހުމަދު ނިޔާޒުވ. ކެޔޮދޫ/ ހިޔަލީ ގުލްޝަން، ޝިޔާދު މުފީދުމ. މުލަކު/ އަލަމާގޭ، މުހައްމަދު މަންސޫރުތ. ތިމަރަފުށި/ އިރުވައިގޭ، އަހުމަދު ރިޔާޒު
އެ މައްސަލައިގައި ދެން ދައުވާކުރި މއ. ދިހި، އާދަމް މުހައްމަދުގެ މައްޗަށެވެ. އޭނާއަކީ އޭރުގެ އެންއެސްއެސް ކެޕްޓަން ކަމުގެ ރޭންކުގައި ހުންނެވި އަދި މާފުށީ ޖަލުގެ ސިކިއުރިޓީ ބަލަހައްޓާ ޔުނިޓުގެ އޮފިސަރު އިންޗާޖުގެ މަގާމުގައި ހުންނެވި ވެރިޔާ އެވެ. ނަމަވެސް އޭނާގެ ކުށެއް ނެތް ކަމަށް 2006 ވަނަ އަހަރު ހައި ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.
އީވާންގެ މަރުގެ ހާދިސާއާ ގުޅިގެން މާފުށީ ޖަލުގެ ގޮޅިތައް ފަޅާލައިގެން ކުށްވެރިންތައް ނިކުމެ، ސިފައިންނާ ދެމެދު ހިނގި ހަމަނުޖެހުމުގައި ސިފައިން ބަޑި ޖެހުމާ ގުޅިގެން ތިން މީހަކު މަރުވި އެވެ. އެއީ މ. ބިންއުނިމާގޭ، އަބްދުﷲ އަމީނާއި ގއ. ވިލިނގިލީ/ ޖަނަވަރީމާގޭ، އަހުމަދު ޝިޔާޒާއި ޅ. ނައިފަރު/ ސިނަމާގޭ، އަލީ އަސްލަމެވެ. އެ ހާދިސާގައި 16 މީހުންނަށް އެކިވަރުގެ އަނިޔާވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ