ސުޕްރީމް ކޯޓުން ތަފާތު ދައްކަނީ، ލިބެނީ އިތުބާރު!

ރޯދަ މަހެއްގެ މެންދުރު ގަޑީގައި ސުޕްރީމް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހެކެވެ. ކައިރީގައި އިން ނޫސްވެރިޔާ ދިއްކޮށްލި ކަރުދާސް ކޮޅުގައި ކޮށްފައި އޮތީ ސުވާލެކެވެ. "އެއިވެނީ ކޮން އަޑެއްކަން އެނގޭ ހެއްޔެވެ.؟" އޭނާއާ ދިމާލަށް ބަލާލާފައި ކޮން އަޑެއްހޭ އަހާފަދަ ގޮތަކަށް އިޝާރާތުން ނިތް އަރުވާލީމާ އަނެއްކާވެސް އޭނާ ދިނީ ކަރުދާސްކޮޅެކެވެ. "ފަނޑިޔާރު އަލީ ހަމީދު ގުރުގުރި ދަމާ އަޑު" އެ ނޫސްވެރިޔާ ދިއްކޮށްލި ގަނޑުކޮޅުގައި ލިޔެފައި އޮތެވެ. ރަނގަޅަށް ބަލާލިއިރު ފަނޑިޔާރު އަލީ ހަމީދު ފަނޑިޔާރުންގެ ބެންޗުގައި އިންނަވައިގެން ތާއްޔާ ޖެހޭ މަންޒަރުވެސް ރީތިކޮށް ފެނެ އެވެ. އެދުވަހު ކުރިއަށް ދިޔައީ ހައި ޕްރޮފައިލް މަރުގެ ކޭސްއެއް ކަމުން ޝަރީއަތުގެ މަޖިލީހުގައި ގިނަ އަދަދެއްގެ ނޫސްވެރިންނާއި އަޑުއަހަން ވަތް ގިނަ އަދަދެއްގެ ބަޔަކު ތިއްބެވެ. އެ އެންމެނަށްވެސް އެމަންޒަރު ފެނި އެ ގުގުރީގެ އަޑު އިވުނެވެ. ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދު މުހައްމަދު --- ސަންފޮޓޯ/ ފަޔާޒު މޫސާ މިއީ އޭރުގެ ސުޕްރީމް ކޯޓުގެ ހާލަތު ކުރުކޮށް ކިޔައިދޭ ނަމަ ކިޔައިދެވޭނެ ގޮތެވެ. ޝަރީއަތުގެ މަޖިލީހެއް ބާއްވާނީ މަދު ފަހަރަކު އެވެ. މަހަކު ތިން ޝަރީއަތުގެ އަޑުއެހުން ވެސް ނުބާއްވާނެ އެވެ. ބޭއްވި ނަމަވެސް އެ މައްސަލައަކާ ގުޅިގެން ފަނޑިޔާރުން ސާފު ކުރާނީ މަދު ކަމެކެވެ. ކުރާނީ ދެތިން ސުވާލެކެވެ. މައްސަލަ ކުރިއަށް ދާއިރު ނޯޓެއް ނަގާ މަންޒަރުވެސް ނުފެންނާނެ އެވެ. އޭރު ތިބި ފަނޑިޔާރުންގެ އިތުބާރު ނެތް ކަމަށް ނިންމައި މަޖިލީހުން ވަކިކުރުމުގައިވެސް ގިނަ އަދަދެއްގެ މައްސަލަތައް ހުއްޓެވެ. ހުކުމް "ވިއްކުމުގެ" ތުހުމަތެވެ. ކޮރަޕްޓްވުމެވެ. ގާނޫނު އަސާސީއާ ގާނޫނުތައް އެއް ފަރާތްކޮށް ހިތުހުރި ގޮތަކަށް ކަންކަން ކުރައްވަމުން ދިޔުމެވެ. އަދި އެންމެ ބޮޑު މައްސަލައަކީ ކުރާ ހުކުމުން ނުވަތަ ނެރޭ އަމުރަކުން އެއްޗެއް ސާފު ނުވުމެވެ. އެކަމަކު އެ މަންޒަރު ބަދަލުވެއްޖެ އެވެ. ސުޕްރީމް ކޯޓުން މިހާރު ފެންނަނީ ކޮން މަންޒަރެއްހެއްޔެވެ؟ ސްޕީޑް އަވަސްވެ މަންޒަރު ބަދަލުވެއްޖެ މީގެ ކުރިން އަހަރަކު 10 މައްސަލަވެސް ނުނިންމާ އެ ކޯޓަށް އާ ފަނޑިޔާރުން އައްޔަން ކުރުމަށް ފަހު ފުރަތަމަ ފަށައިގަތީ ވެސް ބާރު ސްޕީޑުގަ އެވެ. މިހާރު ސުޕްރީމް ކޯޓުގައި ދުވާލެއްގެ މައްޗަށް ފަސް މައްސަލައަށް ވުރެ ގިނަ މައްސަލަ ކުރިއަށް ގެންދެ އެވެ. މައްސަލަތައް ވަގުތުން ބަލާލެވޭގޮތަށް ސުޕްރީމް ކޯޓުގެ ޓްވިޓާ އާއި ޔޫޓިއުބް ޗެނަލުން ޝަރީއަތްތައް ލައިވް ކުރެ އެވެ. ސުޕްރީމް ކޯޓަށް 12 އަހަރު ފުރުމާ ގުޅިގެން އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ދެއްވި ހިތާބުގައި ވިދާޅުވީ 2019 ވަނަ އަހަރާއި މިއަހަރަކީ ސުޕްރީމް ކޯޓުގެ ތާރީހުގައިވެސް އެންމެ ގިނަ ޝަރީއަތްތައް ތާވަލުކުރެވި އެންމެ ގިނަ އަޑުން ބޭއްވި އަަހަރު ކަމަށެވެ. "ފާއިތުވި 12 އަހަރުގެ މާޒީގައި އެންމެ ގިނައިން ސުޕްރީމް ކޯޓުން މައްސަލަތައް ނިންމާފައިވަނީވެސް މިއަހަރުގެ ތެރޭގައި. މިގޮތުން ފާއިތުވި އަހަރުގެ ސެޕްޓެމްބަރު 18 އިން މިއަހަރުގެ ސެޕްޓެމްބަރު 18 ވަނަ ދުވަހާ ހަމައަށް 251 އަޑުއެހުން ވަނީ ބޭއްވިފައި." އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ. ވޭތުވެ ދިޔަ 11 އަހަރުގެ ތެރޭގައި ސުޕްރީމް ކޯޓުން ނިންމާފައިވަނީ އެންމެ 24 މައްސަލަ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ. ނަމަވެސް ހަމައެކަނި މިދިއަ އަހަރުގެ ތެރޭގައި 49 މައްސަލައެއްގައި ހުކުމް ކޮށްފައިވާކަން އުއްތަމަ ފަނޑިޔާރު ފާހަގަ ކުރެއްވި އެވެ. ސުޕްރީމް ކޯޓުގައި އޮންލައިންކޮށް ބޭއްވި ޝަރީއަތުގެ މަޖިލީހެއްގެ ތެރެއިން -- ކުރީގެ ފަނޑިޔާރުން ވަކިކޮށް އާ ފަނޑިޔާރުން މަގާމާ ހަވާލުވިއިރު ގިނަ އަހަރުތަކެއްވީ ގިނަ އަދަދެއްގެ މައްސަލަ ސުޕްރީމް ކޯޓުގައި ފުނި ޖެހިފައި ހުއްޓެވެ. އެކޯޓުން ބުނާ ގޮތުން 2019 ވަނަ އަހަރު ފެށުނުއިރު 198 މައްސަލައެއް ސުޕްރީމް ކޯޓުގައި ނުނިންމާ ހުއްޓެވެ. އެ ކޯޓުގެ ސެކެޓްރީ ޖެނެރަލް ޑރ ހުސައިން ފާއިޒް "ސަން" އަށް ވިދާޅުވި ގޮތުގައި ސުޕްރީމް ކޯޓުގައި ގިނަ ދުވަސް ވެފައި ހުރި މައްސަލަތައް ނިންމުމަށް ހާއްސަ އިންތިޒާމެއްގެ ދަށުން މަސައްކަތް ވަނީ ފަށައިފަ އެވެ. ގާނޫނީ ބައެއް ވަކީލުން ވިދާޅުވާ ގޮތުގައި މީގެ ކުރީގެ އަހަރުތަކުގައި ސުޕްރީމް ކޯޓަށް ހުށަހެޅޭ މައްސަލަތައް ލަސްވާތީ އެތައް ސިޓީއެއް ފޮނުވަން ޖެހެ އެވެ. އެ ކޯޓުގައި އިންސާފު ހޯދަން ޖެހެނީ އާދޭސް ކުރާށެވެ. އެކަމަކު، އެ އޭދާހުގެ ސިޓީތަކަށް ޖަވާބު ނުލިބުމުގެ އިތުރުން މައްސަލަ ތާވަލުވެސް ނުކުރާކަން ވަކީލުން ފާހަގަކުރި އެވެ. ވަކީލުންނަށް ގޮންޖެހުން ބޮޑު ގިނަ ސުވާލުތަކެއް "ސުޕްރީމް ކޯޓު މިހާރު ވަރަށް ތަފާތު. ކުރިން ވިއްޔާ މާ ބޮޑު ތައްޔާރީއެއް ވާކަށް ނުޖެހޭ. އެމީހަކަށް ދެއްކުނު ވާހަކައެއް ދައްކާފަ އަންނަންވީ. އެކަމަކު މިހާރު ސުޕްރީމް ކޯޓުގައި ވާހަކަދައްކަން ޖެހެނީ ގާނޫނު ބުނާ ގޮތަށް. ގާނޫނީ ހަމައިން." ސުޕްރީމް ކޯޓުގައި ވަކާލާތު ކުރަން ދިޔަ ވަކީލަކު ވިދާޅުވި އެވެ. ވަކީލުން ބުނާ ގޮތުން މިހާރު ސުޕްރީމް ކޯޓަށް ދާނަމަ ދުރާލާ ތައްޔާރުވާން ޖެހެ އެވެ. ފަނޑިޔާރުން ގިނަ ސުވާލުތަކެއް ކުރާނެތީ ދުރާލާ އެކަަމަށް ތިބެން ޖެހެނީ ތައްޔާރަށެވެ. ހާއްސަކޮށް މީގެ ކުރިން ސުޕްރީމް ކޯޓުން ނެރެފައިވާ ގަޒިއްޔާތަކާއި ގާނޫނަކަށް ރެފާކޮށް އެކަމާ ގުޅޭ ގޮތުން ވަކީލު ދެކެވަޑައިގަންނަވާ ގޮތާ މެދު ސުޕްރީމް ކޯޓުގެ ގާޒީން މިހާރު ގިނަ ސުވާލުތައް ކުރައްވަ އެވެ. ވަކީލުން އެބުނާ ބުނުމާއި ފެންނަ މަންޒަރާވެސް ދިމާވެ އެވެ. ގިނަ ދުވަހު ވަކީލުންނާ ފަނޑިޔާރުން ކުރައްވާ ސުވާލުތަކަށް ޖަވާބު ނުދެވިގެން ތައްޔާރުވެގެން އަންނަން ފަނޑިޔާރުން ވަކީލުންނަށް ނަސޭހަތް ދެއްވަ އެވެ. ވަގުތު ބޭކާރުވާ ކަމަށް ބުނެ ތައްޔާރު ވެގެން ނޫނީ ސުޕްރީމް ކޯޓަށް ވަޑައި ނުގަތުމަށް އަންގަ އެވެ. އޮންލައިންކޮށް ބޭއްވި ސުޕްރީމް ކޯޓުގެ ފުރަތަމަ ޝަރީއަތުގެ ސްކްރީން ޝޮޓެއް --- "ސުޕްރީމް ކޯޓުން ކުރިން ނިންމަވާފައި ހުރި ނިންމުންތައް ބައްލަވާ ދިރާސާ ކުރައްވާފައި ސުޕްރީމް ކޯޓަށް ވަކީލެއްގެ ގޮތުން ވަޑައިގަންނަވާނީ. ސުޕްރީމް ކޯޓުން ނިންމާފަ ހުންނާނެ މިދިޔަ ތިން މަސް ދުވަސް ތެރޭގައި ދަށު ކޯޓުންނާއި ހައިކޯޓުން ހެކި ވަޒަން ކޮށްފައި ހުރި މައްސަލަތަކުގައި އަލުން ހެކި ވަޒަން ކުރެވޭނީ ކޮން ހާލަތެއްގައިކަން." ފަނޑިޔާރު ސުއޫދު ޝަރީއަތުގެ މަޖިލީހެއްގައި ވިދާޅުވި އެވެ. މިހާރު އެއީ މީގެ 12 އަހަރު ކުރިން އުފަންވެގެން ހިނގަމުން އައި ސުޕްރީމް ކޯޓެއް ނޫނެވެ. ގިނަ ކަންކަމަށް ރަނގަޅު ބަދަލު އަތުވެއްޖެ އެވެ. މައްސަލަތައް އަވަސްވެއްޖެ އެވެ. ޕާކުކޮށްފައި މައްސަލަތައް ބޭއްވުން ހުއްޓުމަކަށް އަތުވެއްޖެ އެވެ. ސުޕްރީމް ކޯޓުގެ ތެރޭގައި ކުޅުނު ސިޔާސީ ކުޅިގަނޑު ނިމިއްޖެ އެވެ. އެންމެނަށް ފެންނަހެން ވަރަށް ފާޅުކޮށް އާންމުކުރެވިގެން ޝަރީއަތްތައް ލައިވްކުރަން ފަށައިފި އެވެ. މިއީ އަދުލު އިންސާފަށް ވާސިލުވުމުގެ ބޮޑު ފިޔަވަޅެކެވެ. ސުޕްރީމް ކޯޓަށް ލިބޭ އިތުބާރުން ޝަރުއީދާއިރާގެ މޫނު މަތި ބަދަލުކޮށްލާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ