ރައްޔިތުންނަށްޓަކައި ޤުރްބާންވުމަށް ސިފައިންގެ ޢަޒުމު އޮތްކަން ސާބިތުވެއްޖެ - ރައީސް

ރައްޔިތުންނަށްޓަކައި ޤުރްބާންވުމަށް ދިވެހި ސިފައިންގެ ހިތުގައި އޮތް ޢަޒުމާއި ހިތްވަރު ސާބިތުވެއްޖެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިހް މިހެން ވިދާޅުވީ ކޮވިޑް-19 އާއި ގުޅިގެން ސިފައިން ކޮށްދެއްވި ޚިދުމަތްތަކަށް ޝުކުރު އަދާކުރައްވަން މިރޭ ސިފައިންނާއި ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ކޮވިޑް-19ގެ ނުރައްކަލުން ދިވެހި ރައްޔިތުން ރައްކާތެރިކުރުމަށް، ސަރުކާރުން އުފެއްދި ނޭޝަނަލް އިމަރޖެންސީ ސެންޓަރުގައިވެސް، އެންމެ ގިނަ މުވައްޒަފުން ބައިވެރިވި އެއް އިދާރާއަކީ، އެމް.އެން.ޑީ.އެފް. އޭގެ އިތުރުން، ކަރަންޓީން ފެސިލިޓީޒްތަކުގެ އެކި ކަންކަން ބެލެހެއްޓުމުގަޔާއި، ކަރަންޓީން ފެސިލިޓީތައް ޢިމާރާތް ކުރުމުގަޔާއި އެ ފެސިލިޓީޒްތަކަށް މީހުން އުފުލުމުގައި، ސިފައިން އަދާކުރީ ވަރަށް މުހިންމު ދައުރެއް ކަމަށެވެ.
"ސިފައިން އެކަންކަމާ ކުރިމަތިލެއްވީ، އެކަމުގައި ހުރި ނުރައްކާތެރިކަމާއި ދަތިކަން، ވަރަށް ރަނގަޅަށް އެނގި ތިއްބަވައިގެން. އަމިއްލަ ހަށިގަނޑާއި ފުރާނައަށް ލިބިދާނެ ގެއްލުމަކަށް ބެއްލެވުމެއް ނެތި، އެކަންކަމާ ތިޔަބޭފުޅުން ކުރިމަތިލެއްވީ، ދިވެހި ސިފައިންނާ މަތިކުރެވިފައިވާ ޤައުމީ، ދީނީ އަދި ޤާނޫނީ ވާޖިބު ފުރިހަމަކުރުމުގެ ގޮތުން." ރައީސް ވިދާޅުވިއެވެ.
މިނިސްޓަރު މާރިޔާގެ ޚިދުމަތްތައް ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ އެކަމަނާގެ ލީޑާޝިޕްގެ ހަރުދަނާކަން ވަރަށް ރަނގަޅަށް ސާބިތުކޮށްދެއްވައިފި ކަމަށެވެ.
"މިނިސްޓަރ މާރިޔާއަކީ، އާދަޔާ ޚިލާފު ލީޑަރޝިޕް ބޭފުޅެއް. ވަރަށް ގިނަ އަދަދެއްގެ އިދާރާ ހިމެނޭ ގޮތުން، އަޅުގަނޑު އެކުލަވައިލި، ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ޗެއަރޕާސަންގެ ހައިސިއްޔަތުން، ކޮވިޑް-19ގެ އެންމެހައި ކަންކަން ވިލަރެސް ކުރެއްވުމުގައި، އެކަމަނާގެ ލީޑަރޝިޕްގެ ހަރުދަނާކަން ވަރަށް ރަނގަޅަށް ސާބިތު ކޮށްދެއްވައިފި." ރައީސް ވިދާޅުވިއެވެ.
ދިވެހި ޤައުމަށް ދިމާވާ ކޮންމެ ބޮޑު ކަމެއްގައި، އަދި ރައްޔިތުންނަށް މެދުވެރިވާ ދަތި އުނދަގޫ ކޮންމެ ޙާލަތެއްގައި، ދިވެހި ދައުލަތާއި ދިވެހި ރައްޔިތުންގެ ދިފާޢުގައި، އެންމެ ފުރަތަމަ ތެދުވާނެ ބަޔަކީ ދިވެހި ސިފައިން ކަމަށް ރައީސް ވިދާޅުވިއެވެ.
ދިވެހި ރައްޔިތުން ރައްކާތެރިކުރުމަށް، މިހާތަނަށް ކުރި މަސައްކަތުގައިވެސް، އަދި މިހާރު ކުރަމުން އަންނަ މަސައްކަތުގައިވެސް، ދިވެހި ސިފައިންގެ ސަފުތަކުން ފެންނަނީ ބަދަހިކަމާއި، ހަރުދަނާކަމާއި، ޤާބިލުކަމާއި، ޤައުމަށް ޚިދުމަތް ކުރުމުގައި، އެއްވެސް ވަރުބަލިކަމެއް ނެތި ސާބިތުވެ ތިބިތަން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ