ދިވެހިން ވަޒީފާއަށް ދަނީ "އަމާ ބުނީތީ ފަރަށްދާ އުސޫލުން" – ގާސިމް

ދިވެހިރާއްޖޭގައި އަމާބުނީތީ ފަރަށްދާ އުސޫލުން ވަޒީފާ އަދާކުރާ މީހުން ވަރަށް ގިނަ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ޤާސިމް މިހެން ވިދާޅުވީ ޖޭޕީ އަށް އަލަށް މެމްބަރުން ގުޅިވަޑައިގަތުމަށް ބޭއްވި ޖަލްސާގައި ރޭ މ.ކުނޫޒްގައި ވާހަަކަ ދައްކަވަމުންނެވެ.
"ދިވެހިރާއްޖޭގައި ވަރަށް ގިނަ ބައެއްގެ ވިސްނުމުގައި އޮންނަ ގޮތެއް. މުސާރަ ލިބުނީމަ ވަރިހަމަ. މިތަނަށް ގޮސް ސޮއިކޮށްލާފައި ވަޒީފާ އަދާކުރަނީ އަމާބުނީތީ ފަރަށްދާ އުސޫލުން. މާ ބޮޑު މަސައްކަތެއްގައި ޝާމިލްނުވިއަސް އޯކޭ. އެބައިމީހުން ބޭނުންވޭ ބޮޑު މުސާރަވެސް. މަޤާމުގެ ކުރިއެރުންވެސް." ޤާސިމް ވިދާޅުވިއެވެ.
ޤާސިމް ވިދާޅުވީ މިނިސްޓަރަކު އޭނާގެ ދަށުން މަސައްކަތް ކުރާ މުވައްޒަފުން އިޙްލާސްތެރިކަމާއެކު މަސައްކަތް ނުކުރަންޏާ، ނޫނީ ގަޑިއަށް ބަރާބަރަށް ނާންނަންޏާ އެ ވާހަކަ ދެއްކުމަކީ މިނިސްޓަރުގެ ކަމެއް ކަމަށެވެ. އެކަން ކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ މަސްޢޫލިއްޔަތު ނޫންކަމަށް ޤާސިމް ފާހަގަކުރެއްވިއެވެ.
"ތަފާތު ދާއިރާތަކުގައި އެތައް ތަޖުރިބާއެއް ކުރެވިއްޖެ. އަޅުގަނޑަށް ފެނުނީ އެތަނުގެ ވެރިޔެއްގެ ފަރާތުން ތެދުވެރިކަމާއި، އަމާނާތްތެރިކަމާ އެކީގައި މަސައްކަތް ކުރުމަށް ގޮވާލައިފިއްޔާ، ގަޑިއަށް ވަޒީފާ އަދާކުރަން ބުނާނަމަ އެ ވެރިޔަކު މެދުގައި ގިނަ މުވައްޒަފުން ފޫހިވާނެ. މީގެ ބޭނުމަކަށް ވަނީ ވަޒީފާ އަދާކުރުމުގެ ނަމުގައި އަމާ ބުނީތީ ފަރަށްދާ އުސޫލުން އެކަން ކުރަން." ޤާސިމް ވިދާޅުވިއެވެ.
ޤާސިމްގެ ވާހަކަފުޅުގައި ކޮންމެ ދާއިރާއެއްގައި މަސައްކަތެއް ކުރިއަސް ދިރިއުޅުމަށްޓަކައި ކުރާ މަސައްކަތަށް ފަރުވާތެރިވާން ޖެހޭ ކަމަށާއި، އެ ވާހަކަ އެގޮތަށް ބުނަން ޖެހޭ ކަމަށް ފާހަގަކޮށް ވިދާޅުވީ، "މޭވާ އެއް ނާޅާ ގަހަކަށް ގަޅިއެއް ނުއުކާނެ" ކަމަށެވެ. ކަންކަން ކުރެވޭތީ ކުރާ މީހުންނާއި ދިމާލަށް ފާޑުކިޔުންތައް ގިނައިން އަންނާނެ ކަމަށް ޤާސިމް ފާހަގަކުރިއެވެ.
ގާސިމް މިފަދަ އިބާރާތަކުން ވާހަކަފުޅު ދައްކަވާފައި މިވަނީ އޭނާގެ އަނބިކަނބަލުން ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ މުވައްޒަފުންނާއި ބެހޭ ގޮތުން ދެއްކެވި ވާހަކަފުޅެއްގެ އޯޑިއޯ އާއްމު ވުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ