މޫސުން ގޯސްވެ ދަތުރުތައް މެދުކެނޑުމުން ފިޔާ، އަލުވި، ބިހުގެ އަގު އުފުލިއްޖެ

ހުޅަނގު އިންޑިއާ ސަރަހައްދަށް މޫސުން ގޯސްވެ ލަކުޑި ބޯޓުފަހަރުގެ ދަތުރުތައް މެދުކެނޑުމުގެ ސަބަބުން މާލޭ ބާޒާރުގައި ފިޔާ، އަލުވި އަދި ކުކުޅުބިހުގެ އަގު ވަރަށް ބޮޑަށް އުފުލިއްޖެ އެވެ.
މިދިޔަ ހަފުތާ ނިމުނުއިރު ބާޒާރުމަތީގެ ބައެއް ފިހާރަތަކުން ވަނީ 20ރ. އާއި 25ރ. އަށް ފިޔާ ކިލޯއެއްގެ އަގު މައްޗަށް ޖައްސައިފަ އެވެ. އެއްގަމު ތެރޭގެ ބައެއް ފިހާރަތަކުން ކުރިން 10ރ. އާއި 12ރ. އަށް ވިއްކި ފިޔާ ކިލޯއެއްގެ އަގު މިހާރު ވަނީ 30ރ. އަށް މައްޗަށް ޖައްސައިފަ އެވެ. ކުރިން 1.5ރ އަށް ވިއްކަމުން އައި ކުކުޅު ބިސް މިހާރު ބައެއް ފިހާރަތަކުގައި ވިއްކަނީ ދެ ރުފިޔާ އަށެވެ. އަދި ކުރިން 10ރ. އާއި 12ރ. އަށް ވިއްކަމުން އައި އަލުވި ކިލޯއެއްގެ އަގު މިހާރު ވަނީ 15ރ. އަށް އުފުލިފަ އެވެ. އޭގެ އިތުރުން ކެބެޖާއި ޓޮމާޓޯ އާއި އަލަނާސި ފަދަ ބައެއް ބާވަތްތަކުގެ އަގު ވެސް ވަނީ ކޮންމެވެސް ވަރަކަށް އުފުލިފަ އެވެ.
މި ބާވަތްތައް އެތެރެކުރާ ބައެއް ފަހާރްތަކުން ބުނާ ގޮތުގައި މި ބާވަތްތަކުގެ އަގު ބާޒާރުގައި ކުއްލިއަކަށް އުފުލިގެން މިދިޔައީ އިންޑިޔާ އާއި ރާއްޖެ އާ ދެމެދު މުދާ އުފުލާ ލަކުޑި ބޯޓުފަހަރުގެ ދަތުރުތައް މެދު ކެނޑުމުގެ ސަބަބުންނެވެ.
"ފުރައިގެން ތިން ހަރަތު ދުވަހު ކަނޑުމަތީގައި އުޅެފައި ބޯޓު ފަހަރު އެނބުރި އެބަ ވަދޭ [އިންޑިއާ ބަނދަރަށް[. މިދިޔަ ހަފުތާ މިދިޔައީ އެއްވެސް އެއްޗަކަށް ނާދެވި،" ހަފުތާ އަކު ލަކުޑި ތިން އުޅަނދުގައި ތަރުކާރީގެ ބާވަތްތައް އެތެރެކުރާ ފަރާތަކުން ބުންޏެވެ.
އެ ތަނުން ބުނި ގޮތުގައި އިންޑިޔާ ސަރަހައްދުގެ މޫސުން ގޯސްވެގެން އުޅޭތާ މަހެއްހާ ދުވަސް ވެފައިވާއިރު، އަދި ވެސް މޫސުން ރަނގަޅެއް ނުވެ އެވެ. ފުރައިގެން ދަތުރު ނުކުރެވި އަލުން އަނބުރާ ވަންނަންޖެހުމާއި ގިނަ ދުވަހު ކަނޑުމަތީގައި ހޭދަކުރަން ޖެހުމުގެ ސަބަބުން، އަވަހަށް ހަލާކުވާ ޒާތުގެ ބާވަތްތައް އެތެރެކޮށް ވިއްކުމުގައި ވަރަށް ބޮޑަށް ގެއްލުންވާ ކަމަށް ވެސް އިމްޕޯޓްކުރާ ފަރާތްތަކުން ބުނެ އެވެ.
"އިންޑިޔާ އިން ފިޔާ ލިބޭ އަގު ކުރިއަށް ވުރެ ބޮޑު. ކުރިން ]ފިޔާ ޓަނެއް[ 400 ޑޮލަރުން ދަށުގައި ހުރެފައި މިހާރު މި އުޅެނީ 620 ޑޮލަރަށް،" ތަރުކާރީގެ ބާވަތްތައް އެތެރެކުރާ ވިޔަފާރިވެރިއަކު ބުންޏެވެ.
ބާޒާރުގައި 25 ކިލޯގެ ފިޔާ ބަސްތާއެއްގެ އަގު މިހާރު ހުރީ 450ރ. އަށެވެ. ކުކުޅު ބިސް ކޭހުގެ ( 210 ބިސް) އަގު މިހާރު ހުރީ 300ރ. އާއި 350ރ. ގަ އެވެ.
ބާޒާރުމަތީގައި މުދާ ހޯލްސޭލްކޮށް ވިއްކާ ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ފިޔާ، އަލުވި އަދި ބިސް އެތެރެކުރާ މިންވަރު ވަރަށް ބޮޑަށް މަދުވެފައިވި ނަމަވެސް މި ހަފުތާގައި ވެސް އިތުރު އުޅަނދުފަހަރު އައުމުން އަގުތައް ދަށަށް ދާން ފަށާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ